ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) 14 އަަހަރަށް ފަހު ކުޅުން ހުއްޓާލުމަކީ ދިވެހި ވޮލީ އަށް އައި ހުސްކަމެކެވެ. އެކަން ވޮލީ އާއިލާގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ބަޓިސް ކުޅުމާ ދުރަށް ދިއުމުން އޭނާ ދިވެހި ވޮލީބޯޅަ އަށް ކޮށްދިން ހިދުމަތަށް ގިނަ ބަޔަކު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ގައުމީ ޓީމުން ބަޓިސް ރިޓަޔަކުރަން ނިންމާފައިވަނީ މިދިޔަ އަހަރު މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ފަހު އެވެ. އަންނަ އޭޕްރީލް މަހު ބަންގްލަދޭޝްގައި އޮންނަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑުގައި ބަޓިސްގެ ނަން ނުހިމެނުމުން ގިނަ ބަޔަކު ސުވާލު އުފެދުނެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވެސް އޭރު ބުނީ ބަޓިސް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގައުމީ ޓީމަށް 2004 އިން ފެށިގެން މެދުކެނޑުމެއް ނެތި މިދިޔަ އަހަރާ ހަމައަށް އުމުރުން 30 އަހަރުގެ ބަޓިސް ވަނީ ކުޅެފަ އެވެ. އަދި އޭނާ އަކީ 2011 ވަަނަ އަހަރުން ފެށިގެން ޓީމުގެ ކެޕްޓަނެވެ.

"ބަޓިސް އަކީ ވޮލީބޯޅައިގައި ކުރިއަށް ދިއުމަށް ގިނަ ކުޅުންތެރިންނަށް ލިބުނު ހިތްވަރެއް. އުފާވެރި ރިޓަޔަމަންޓަކަށް އެދެން. ކެޕްޓަނެއްގެ ގޮތުގައި ވަރަށް ފުރިހަމަ މިސާލެއް ދައްކައިދީފި. މިސާލެއްގެ ގޮތުގައި ގައުމު ތަމްސީލްކުރުމުގައި ދިވެހި ވޮލީ އަށް ކޮށްދިން ހިދުމަތް ބަލައިގަންނަން،" ބަޓިސް ރިޓަޔަކުރުމާ ގުޅިގެން ދިވެހި ވޮލީބޯޅަ އާއިލާގެ ފަރާތުން ވީއޭއެމްގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.

އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމުގެ ވިސްނުމުގައި ބަޓިސް ކުޅުން ހުއްޓާލިއިރު، ދެން މި ވަގުތު ގައުމީ ޓީމުގައި މިހާރު ހުރި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔަކީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ލޯންގޭ "މިހާރަ"ށް ބުނީ ބަޓިސް އަކީ ދިވެހި ވޮލީގެ ހާއްސަ ކުޅުންތެރިއެއް ކަމަށެވެ.

"ޓީމެއް ގޮވައިގެން އުޅެން ބަޓިސް އަކީ ވަރަށް ބަރާބަރު ޑިސިޕްލިން ކުޅުންތެރިޔެއް. ހަގީގަތުގައި ބަޓިސް ނެތްތަން ވޮލީން ދައްކާނެ. އެކަމަކު ބަޓިސްގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭ. ބަޓިސް އަކީ ވޮލީ އަށް ވަރަަށް ގިނަ ހިދުމަތް ކޮށްދިން ކުޅުންތެރިޔެއް،" ލޯންގޭ ބުންޏެވެ.

ގައުމީ ވޮލީޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަނިލް (ކ) އާއި ބަޓިސް (މ) އަދި ލޯންގޭ.-- ފޮޓޯ: މިހާރު
ގައުމީ ވޮލީޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަނިލް (ކ) އާއި ބަޓިސް (މ) އަދި ލޯންގޭ.-- ފޮޓޯ: މިހާރު

ބަޓިސްއާ ބެހޭގޮތުން ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ޝަރަފް ބުނީ ތަފާތު ކުޅުންތެރިޔެއް ކަމަށެވެ.

"ބަޓިސް އަކީ މިލިއަނަކުން އެކެއް. އަބަދުވެސް ކާމިޔާބީ އަށް އެދެން،" ޝަރަފް އޭނާގެ ފޭސްބުކްގައި މީގެ ކުރިން ބަޓިސްއާ ބެހޭގޮތުން ލިޔުނު ޕޯސްޓެއް އަލުން ޝެއާ ކުރަމުން ލިޔެފައިވެ އެވެ.

"ބަޓިސް އަކީ މޮޅު ސެޓަރެއް. މޮޅު ސެޓަރުން އިތުރަށް ބޭނުންވޭ. މީގެ މޮޅު ބޭނުންކޮށްފައި މިއޮތީ ވަރަށް އެހެން ކަހަލަ ސަބަބުތަކަށް ބަލާފައި. އެއީ ހުރިހާ ކަންތައްތައް ފުރިހަމަވެފައި ހުރި ސެޓަރެއްގެ ގޮތުގައި،" ޝަރަފް ލިޔެފައިވެ އެވެ.

ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު ބުނީ ރާއްޖެ ދުށް އެންމެ މޮޅު ސެޓަރު ކަމަށެވެ.

"ބަޓިސް އަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ސެޓަރެއް ނޫން. ބަޓިސް އަކީ އެންމެ މޮޅު ސެޓަރު،" ހުސެން ބުންޏެވެ.

ގައުމީ ވޮލީ ޓީމަށް މީގެ ކުރިން އިރުޝާދުދިން ސްރީލަންކާގެ ކޯޗު ސިސިރާ ކުމާރް ވެންޑަކޫން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ މެޗަކަށް ފަހު ބަޓިސްއާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ އޭނާ އަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް ކަމަށެވެ.

"އަހަރެން ވަރަށް ގިނަ ސެޓަރުންގެ ކުޅުން ދުށިން ސަރަހައްދީ ފެންވަރުގައި. އެކަމަކު ބަޓިސްގެ ވިސްނުން އެހެން ކުޅުންތެރިންނާ ތަފާތުކަން ފެނުނު. އޭނާ ކެޕްޓަނަކަށް ކަމުދާ ސަބަބަކީ ވެސް އެއީ. އެއީ ލީޑަރެއްގެ ރޯލު ވަރަށް ރަނގަޅަށް އަދާކުރާ ކުޅުންތެރިޔެއް،" ވެންޑަކޫން ބުންޏެވެ.

މީގެ އިތުރުން ވޮލީ އާއިލާގެ ގިނަ ފަރާތްތަކުން ވަނީ ބަޓިސްގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުގައި އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.