ރާއްޖޭގައި އިސްލާމީ ފައިނޭންސް ކުރިއަރުވައި ތަރައްގީ ކުރުމަށް، ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީއަކާ އެކު ދިވެހިރާއްޖޭ އިސްލާމީ ޔުނިވާސިޓީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި މެލޭޝިޔާގެ ޔުނިވާސިޓީއެއް ކަމުގައިވާ ގްލޯބަލް ޔުނިވާސިޓީ އޮފް އިސްލާމިކް ފައިނޭންސް އާ ދެމެދު ވަނީ ތިން އެއްބަސްވުމެއް ގާއިމް ކުރައްވައިފަ އެވެ.

އެއީ އިސްލާމީ ޔުނިވާސިޓީގައި މާސްޓާސް އަށް ކިޔަވައިދޭ އިސްލާމީ އިގުތިިސާދުގެ މުގައްރަރުތައް އެކުލަވައިލުމާ ގުޅޭ އެއްބަސްވުމާއި ދެ ޔުނިވާސިޓީ ގުޅިގެން އިސްލާމީ ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރުމުގެ އެއްބަސްވުމާއި ދެ ޔުނިވާސިޓީ ގުޅިގެން އިސްލާމީ އިގުތިސާދާ ގުޅޭ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމީ އިގުތިސާދު ކިޔަވައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، މިއަދު ސޮއި ކުރި އެއްބަސްވުމަކީ ތައުލީމީ ދާއިރާ އަށް ގެނެވުނު އިންގިލާބެއް ކަމަށެވެ.

އިސްލާމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުުގައި ޑރ. ޝަހީމް ވާހަކަދައްކަވަނީ.--ފޮޓޯ:އިސްލާމިކް ޔުނިވާސިޓީ
އިސްލާމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުުގައި ޑރ. ޝަހީމް ވާހަކަދައްކަވަނީ.--ފޮޓޯ:އިސްލާމިކް ޔުނިވާސިޓީ

ރާއްޖޭގެ އެކި ކުންފުނިތަކާއި ބޭންކްތުގައި ވެސް ހުންނަ ޝަރީއާ ބޯޑުތަކުގައި މަސައްކަތް ކުރަމުން އަންނަނީ އެއް ބޭފުޅުންތަކެއް ކަމަށާއި އިސްލާމީ އިގުތިސާދީ އިލްމުވެރިން އުފައްދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެއްބަސްވުންތަކުގެ މައްޗަށް ރާއްޖޭގައި މި ކަންކަން ގާއިމް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޝަހީމް ވިދާޅުވި އެވެ.

އަންނަ އަހަރު އިސްލާމީ ޔުނިވާސިޓީގައި އިސްލާމީ ފައިނޭންސްގެ ދާއިރާ އިން ފައުންޑޭޝަނާއި ޑިޕްލޮމާ އަދި ޑިގްރީ އަށް ކިޔަވައިދޭން ފަށާނެ އެވެ. ޕޯސްޓް ގްރެޖުއޭޓް އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިންގާނީ މެލޭޝިޔާގެ ޔުނިވާސިޓީންނެވެ.