ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާއަށް މިއަދު ފުރައިފި އެވެ.
މި ފަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓު ބާއްވަނީ ސައުދިއާ އެއާލައިންގަ އެވެ.
ރާއްޖެ އިން ހައްޖަށް ގެންދިއުމަށް ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަން އެއާލައިންގެ ފްލައިޓުގަ އެވެ. ބާކީ 500 މީހުން ގެންދާނީ ސައުދިއާ އެއާލައިންގެ ފްލައިޓުގަ އެވެ.
މިއަދު 3:25 ގައި ފުރި 242 މީހުންނަކީ ސައުދިއާ އެއާލައިނުން ހައްޖަށް ފުރި މީހުންނެވެ.
މިއަދާއި އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހައްޖުވެރިން ފުރަން ހަމަޖެހިފައިވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ އެވެ. އެމްއޭސީއެލުން ވަނީ އެއާޕޯޓު ޕާކިން އާއި ޓްރެފިކަށް ވެސް ބާރު ބޮޑުވާނެތީ ފެރީ ނުވަތަ ބަސް ބޭނުންކުރަން އެދިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ކުރިން ބުނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.
ހައްޖު ދުވަސް ކަމަށްވާ، ޒުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަސް ދިމާވަނީ މީލާދީ ކަލަންޑަރުގައި މިހާރު އޮތް ގޮތުން، މި މަހު 26 އަށެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތަކީ އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް އަހަރަކު 1،000 މީހުން ހައްޖަށް ދާ ރާއްޖެ އަށް އެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމާއި ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.