ލަންޑަން (ނޮވެމްބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ސްކޮޓްލެންޑާއި ސްޕެއިންއާ ދެކޮޅަށް ކުޅެން ނެގި އިންގްލެންޑުގެ ގައުމީ ޓީމުގެ ސްކޮޑުން ބޯންމައުތުގެ މިޑްފީލްޑަރު ޖެކް ވިލްޝެޔާ އާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަށް ފުރުސަތު ދީފި އެވެ.

މިއީ މި އަހަރު ޔޫރޯ އަށް ފަހު ވިލްޝެޔާ އިންގްލެންޑުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. އަނިޔާގެ ސަބަބުން ފާއިތުވި ސީޒަނުގައި ގިނަ މެޗުތަކެއްގައި ނުކުޅެ ހުންނަން ޖެހުނު ވިލްޝެޔާ އަންނަނީ މި ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ބޯންމައުތަށް ބަދަލުވުމަށް ފަހު ގިނަ މެޗުތަކެއްގައި ކުޅެމުންނެވެ.

އަނިޔާގެ ސަބަބުން ފާއިތުވި 10 ހަފްތާގައި ކުޅުމާ ދުރު ހުރުމަށް ފަހު ކޭން ވަނީ އިއްޔެ އާސެނަލާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ލިވަޕޫލްގެ އެޑަމް ލަލާނާ އާއި ލެސްޓާ ސިޓީގެ ޑެނީ ޑްރިންކްވޯޓާ ވެސް ވަނީ އަލުން ޓީމުން ޖާގަ ހޯދައިފަ އެވެ.

"ކުޅުންތެރިންގެ ފިޓްނަސް ގަވައިދުން ޗެކް ކުރަމުން މި އަންނަނީ. މި ފަހަރު ސްކޮޑުން ފުރުސަތު ދިން ކުޅުންތެރިންނަކީ މިވަގުތު އެންމެ ރަނގަޅަށް ކުޅެމުން އަންނަ ކުޅުންތެރިން. ރަނގަޅު ނަތީޖާތަކެއް މި ކުޅުންތެރިން ގޮވައިގެން ނެރެވޭނެ،" އިންގްލެންޑާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި ކޯޗު ގެރެތު ސައުތުގޭޓް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސްކޮޓްލެންޑާ ދެކޮޅަށް އިންގްލެންޑް ކުޅޭނީ އަންނަ ހުކުރު ދުވަހުގަ އެވެ. އެއަށް ފަހު ރަހުމަތްތެރިކަމުގެ މެޗެއްގައި ސްޕެއިންއާ ދެކޮޅަށް ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭގަ އެވެ.

އިންގްލެންޑް ސްކޮޑު

ގޯލްކީޕަރު: ފްރޭޒާ ފޯސްޓާ (ސައުތެމްޓަން)، ޖޯ ހާޓް (ޓޮރީނޯ)، ޓޮމް ހީޓަން (ބާންލީ) ޑިފެންޑަރުން: ގެރީ ކޭހިލް (ޗެލްސީ) ނެތަނިއަލް ކްލައިން (ލިވަޕޫލް)، ފިލް ޔަގިއެލްކާ (އެވަޓަން)، ޑެނީ ރޯސް (ޓޮޓެންހަމް)، ރިޔާން ބާޓްރަންޑް (ސައުތެމްޓަން)، މައިކަލް ކީން (ބާންލީ)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކައިލް ވޯކާ (ޓޮޓެންހަމް) މިޑްފީލްޑަރުން: ޖެކް ވިލްޝަޔާ (ބޯންމައުތު)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޑެނީ ޑްރިންކްވޯޓާ (ލެސްޓާ)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، އެޑަމް ލަލާނާ (ލިވަޕޫލް)، ވޭން ރޫނީ (މެންޗެސްޓާ ޔުނައިޓެޑް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ތިއޯ ވޮލްކޮޓް (އާސެނަލް)، ޖެސޭ ލިންގާޑް (މެންޗެސްޓާ ޔުނައިޓެޑް) ފޯވާޑުން: ހެރީ ކޭން (ޓޮޓެންހަމް). ޖޭމީ ވާޑީ (ލެސްޓާ)، ޑެނިއަލް ސްޓަރިޖް (ލިވަޕޫލް)، މާކަސް ރެޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)