ފަހަތުން އަރައި ޑީއާރް ކޮންގޯގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި، ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން އިންގްލެންޑް ޖާގަ ހޯދައިފި އެވެ. 

އެމެރިކާގެ ނިއުޔޯކްގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު، ކޮންގޯގެ ފޯވާޑް ބްރިއަން ސިޕެންގާ ވަނީ ލަނޑެއް ޖަހައި ތޯމަސް ޓޫހުލްގެ ޓީމު ސިއްސުވާލާފާ އެވެ.

މެޗު ފެށިގެން ހަތްވަނަ މިނެޓްގައި އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާގެ ވާތްފަރާތުން ލިބުނު ހުރަހެއް ކޮންޓްރޯލް ކުރުމަށްފަހު، އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުގެ ކުރިން އިންގްލެންޑުން ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ކޮންގޯގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ އެ ފުރުސަތުތައް ހުއްޓުވާފަ އެވެ.

މާކަސް ރަޝްފޯޑް ފޮނުވާލި ނުރައްކާތެރި ބޯޅައެއް އާރޮން ވެން ބިސާކާ ވަނީ ގޯލުގެ ރޮނގުމަތިން ދިފާއުކޮށްފަ އެވެ. އަދި ޖޫޑް ބެލިންހަމް ބޮލުން ފޮނުވާލި ބޯޅަ، ކޮންގޯގެ ކީޕަރު ލިއޮނަލް އެމްޕާސީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ފަހު ވަގުތު ކޮންގޯގެ ޔޮއާން ވިސާ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އެވެ. އަދި ހާފު ނިމުމުގެ ކުރިން، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއަށް ކޮންގޯގެ ކީޕަރު ކުރި ޗެލެންޖަކަށް ޕެނަލްޓީއެއް ދިނުމަށް އިންގްލެންޑުން ޑިމާންޑް ކުރި އެވެ. 

އެ ޕެނަލްޓީ ރެފްރީ ނުދިނުމުން އެ ޓީމުގެ ކުޅުންތެރިން ވަނީ ދަނޑުމަތީގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނަތީޖާ ހަމަހަމަކުރުމަށް އިންގްލެންޑުން ކުރަމުންދިޔަ މަސައްކަތް ވަރުގަދަކުރުމުގެ ގޮތުން، ކޯޗު ޓޫހުލް ވަނީ ދެވަނަ ހާފުގައި ޓެކްޓިކަލް ބަދަލުތަކެއް ގެނެސްފާ އެވެ.

މެޗުގެ 60 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑާއި ނޯނީ މަޑުއޭކޭގެ ބަދަލުގައި އެންތަނީ ގޯޑަން އާއި ބުކަޔޯ ސާކާ ކުޅެން ނެރުނެވެ.

އެ ބަދަލާ އެކު އިންގްލެންޑްގެ ހަމަލާތަކަށް ދިރުން ގެނެސްދީފާ އެވެ.

އިންގްލެންޑުން މެދުކަނޑުމެއްނެތި އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ، 74 ވަނަ މިނެޓުގައި ކޮންގޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ގޯޑަން ތަނަވަސްކޮށްދިން ފުރުސަތަކުން، ކެޕްޓަން ކޭން ވަނީ ކޮންގޯގެ ކީޕަރު ލިއޮނަލް އެމްޕާސީ ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފާ އެވެ.

މެޗުގެ ކޮންޓްރޯލް އިންގްލެންޑަށް ލިބުމާއެކު، އޭގެ 11 މިނެޓު ފަހުން އެޓީމުން ވަނީ ދެވަނަ ލަނޑެއް ޖަހާފާ އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ގޯޑަން އާއި ހެރީ ކޭންގެ ކޮމްބިނޭޝަންގައި ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިދީ އިންގްލެންޑަށް ގަދަ 16 އިގެ ބުރުން ޖާގަ ކަށަވަރުކޮށްދީފަ އެވެ. 

ގަދަ 16 ގެ ބުރުގައި އަންނަ އާދިއްތަ ދުވަހު އިންގްލެންޑުން ނުކުންނާނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު މެކްސިކޯއާ ދެކޮޅަށެވެ.