އިންގްލެންޑް ބަލިކޮށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ސިޔާސީ ބެނާއެއް ދައްކާލައިފި އެވެ.

މި އަމަލުގެ ސަބަބުން ބޮޑު ހޫނުގަނޑެއް ވަނީ އުފެދިފަ އެވެ.

އާޖެންޓީނާގެ ރަސްމީ ބަސް، ސްޕެނިޝް ބަހުން ލިޔެފައިވާ މި ބެނާގައި ލިޔެފައި ވަނީ "ލަސް މަލްވީނަސް ސޮން އާޖެންޓީނަސް" އެވެ. މާނައަކީ "ފޯކްލޭންޑަކީ އާޖެންޓީނާގެ ބިމެއް" ކަމަށެވެ.

ބެނާގައި ހިފަހައްޓައިގެން ތިބީ ލިސަންޑްރޯ މާޓިނޭޒާއި ޖިއޮވާނީ ލޮ ސެލްސޯގެ އިތުރުން ކްރިސްޓިއަން ރޮމޭރޯ އެވެ. 

ފޯކްލޭންޑް ޖަޒީރާއަށް އިޝާރާތްކޮށް "މަލްވީނަސްއަކީ އާޖެންޓީނާގެ ބިމެއް" ލިޔެފައިވާ ބެނާއެއް އާޖެންޓީނާގެ ޖިއޮވާނީ ލޮ ސެލްސޯ ހިފަހައްޓައިގެން. -- ފޮޓޯ: އޭޕީ
ފޯކްލޭންޑް ޖަޒީރާއަށް އިޝާރާތްކޮށް "މަލްވީނަސްއަކީ އާޖެންޓީނާގެ ބިމެއް" ލިޔެފައިވާ ބެނާއެއް އާޖެންޓީނާގެ ޖިއޮވާނީ ލޮ ސެލްސޯ ހިފަހައްޓައިގެން. -- ފޮޓޯ: އޭޕީ

އެކަމަކު ފީފާގެ ގަވާއިދުތަކުގައި ސިޔާސީ ބެނާތަކާއި މެސެޖްތައް ސްޓޭޑިއަމްގައި ބޭނުން ކުރަމަކީ މަނާ ކަމެކެވެ. އާޖެންޓީނާގެ ސަޕޯޓަރުން ވެސް ވަނީ އެ ފަދަ ބެނާއެއް، ސްޓޭޑިއަމްގައި ގެންގުޅެފަ އެވެ. 

ފީފާގެ ސްޓޭޑިއަމް ގަވާއިދު ބުނާގޮތުން ސިޔާސީ، ހުތުރު ނުވަތަ ތަފާތުކުރުންތަކަށް ހިތްވަރުދޭ ބެނާތަކާއި ދިދަތައް ދަނޑަށްވެއްދުމަކީ މަނާކަމެކެވެ. މި މައްސަލައިގައި ފީފާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

މި މުބާރާތުގައި ސިޔާސީ ބެނާގެ މައްސަލަ ފެންމަތި މިވީ ފުރަތަމަ ފަހަރަކަށް ނޫނެވެ. އިރާން ކުޅުނު މެޗުގައިވެސް އެ ގައުމުގެ ސަރުކާރާ ދެކޮޅު މުޒާހަރާގެ ދިދަތަކެއް ސަޕޯޓަރުން ބޭނުންކުރި އެވެ.

އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ، އާޖެންޓީނާގެ ސަޕޯޓަރުން ފޯކްލޭންޑްގެ ޖަޒީރާއަކީ އަމިއްލަތަނެއްކަމަށް ބުނެ، ބެނާ ދައްކަނީ: މި މައްސަލައިގައި ފީފާއިން ވަކި އެއްޗެއް އަދި ނުބުނޭ --- ފޮޓޯ: އޭޕީ
އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ، އާޖެންޓީނާގެ ސަޕޯޓަރުން ފޯކްލޭންޑްގެ ޖަޒީރާއަކީ އަމިއްލަތަނެއްކަމަށް ބުނެ، ބެނާ ދައްކަނީ: މި މައްސަލައިގައި ފީފާއިން ވަކި އެއްޗެއް އަދި ނުބުނޭ --- ފޮޓޯ: އޭޕީ

އެކަމަކު، މާޓިނޭޒާއި ލޮ ސެލްސޯ އަދި ރޮމޭރޯއަކީ، މިފަހަރުގެ މުބާރާތުގައި ސިޔާސީ ބެނާއެއް ހާމަކުރި ފުރަތަމަ ދެ ކުޅުންތެރިންނެވެ. 

ފޯކްލޭންޑްގެ މައްސަލަ ހުލާސާކޮށް

ފޯކްލޭންޑް ނުވަތަ މަލްވީނަސް ޖަޒީރާ ރަށްތަކަކީ އެޓްލާންޓިކް ކަނޑުގެ ދެކުނުގައި އާޖެންޓީނާގެ އައްސޭރިފަށުން ގާތްގަނޑަކަށް 300 މޭލު އިރުމަތީގައި އޮންނަ ޖަޒީރާ ރަށްތަކެކެވެ. ވަކި ސަރުކާރެއް އޮތަސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ. 

އިންގްލެންޑާއި އާޖެންޓީނާއިން ވެސް ވަކާލާތު ކުރަނީ އެ ޖަޒީރާ ރަށްތަކަކީ އެ ދެ ގައުމުގެ "މިލްކެއް" ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި 1982 ގައި ހަމަލާތަކެއް ބަދަލުކޮށް ހަނގުރާމައެއް ވެސް ކުރި އެވެ. 

އޭޕްރީލް 1982 ގައި އާޖެންޓީނާގެ އޭރުގެ އަސްކަރީ ވެރިކަމުން، ފޯކްލޭންޑްގެ ބާރު ހޯދަން ސިފައިން ފޮނުވައި، އެ ޖަޒީރާ ހިފި އެވެ. އިނގިރޭސިން އަލުން ކޮންޓްރޯލް ހޯދަން ކަނޑުގެ ސިފައިންގެ ލަޝްކަރެއް ފޮނުވައި ރައްދު ހަމަލާތައް ދިނުމުން ހަނގުރާމައަކަށް ބަދަލުވެގެން ދިޔަ އެވެ. 

ފޯކްލޭންޑް ޖަޒީރާ، ދައްކުންވައިދޭ މެޕްގެ ފޮޓޯއެއް
ފޯކްލޭންޑް ޖަޒީރާ، ދައްކުންވައިދޭ މެޕްގެ ފޮޓޯއެއް

ރަސްމީކޮށް ހަނގުރާމައެއް ކަމަށް ކަނޑަނޭޅި ނަމަވެސް 74 ދުވަހަށް ދެމިގެން ދިޔަ "ހަނގުރާމައިގައި" 900 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެއީ އާޖެންޓީނާގެ 649 ސިފައިންނާއި އިނގިރޭސި 255 ސިފައިންގެ އިތުރުން އެ ޖަޒީރާއަށް ނިސްބަތްވާ އާންމުންގެ ތިން މީހެކެވެ.

އިރުމަތީ  ފޯކްލޭންޑް އަދި ހުލަނގު ފޯކްލޭންޑްގެ އިތުރުން ކުދި 200 އެއްހާ ރަށް ހިމެނޭ ފޯކްލޭންޑް ޖަޒީރާގެ އާބާދީއަކީ 3465 މީހުންނެވެ. އެ ޖަޒީރާ، އިނގިރޭސިންގެ ބެލުމުގެދަށުގައި އޮންނާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް 2013 ގައި ފެންނަ ނުފެންނަ ވޯޓެއް ވެސް ނެގި އެވެ. އެ ވޯޓުން ގިނަ ބަޔަކު ވޯޓް ދިނީ އިނގިރޭސި "ކޮންޓްރޯލް"ގެ ދަށުގައި އޮތުމަށެވެ.