ވޯލްޑް ކަޕް ފައިނަލަށް އާޖެންޓީނާ ދިޔައީ ފީފާގެ އެހީތެރިކަމާ އެކު ކަމަށް ބުނެ އާންމު ކޮށްފައިވާ ވީޑިއޯއަކަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އިންސްޓަގްރާމްގައި "ލައިކް" ދިނުމުން އެ ކަމަށް އިތުރަށް ސަމާލުކަން ބޮޑުވެއްޖެ އެވެ.
ވޯލްޑް ކަޕް ފައިނަލު މެޗު ކުޅުމުގެ ކުރިން، ސްޕެއިންގެ ނޫސްވެރިއެއް ކަމަށްވާ ޕިލާ ރޮޑްރިގޭޒް ލޮސަންޓޯސް އާންމުކުރި ވީޑިއޯގައި ތުހުމަތު ކޮށްފައި ވަނީ އާޖެންޓީނާ އަށް ރެފްރީންގެ އެހީތެރިކަން ލިބުނު ކަމަށެވެ.
"އެސްޕެޖޯ ޕަބްލިކޯ ޝޯ" ގެ ނަމުގައި ހުޅުވާފައިވާ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ ވީޑިއޯއަކީ ފުޓްބޯޅަ ޝޯއެއްގައި ޕިލާ ދެއްކި ވާހަކަ އެވެ. އޭނާ ވަނީ ފީފާއަށާއި އާޖެންޓީނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"މީގެ ފަސް މެޗު ކުރިން އާޖެންޓީނާ އޮތީ މުބާރާތުން ކަޓަން ޖެހިފައި. އެ މީހުން މުބާރާތުގައި މިހާރު ވެސް އެ ތިބީ ދުނިޔޭގައި އޮތް އެންމެ ކޮރަޕްޓް އެއް މުއައްސަސާ ކަމަށްވާ ފީފާގެ އެހީތެރިކަމާ އެކު،" ފައިނަލް މެޗުގެ ކުރިން އާންމުކުރި ވީޑިއޯގައި ނޫސްވެރިޔާ ޕިލާ ބުންޏެވެ.
"އެހެންވެ އަހަރެން އާޖެންޓީނާ ދެކެ އެއްވެސް ވަރަކަށް ބިރެއް ނުގަނޭ. [އެކަމަކު] އަހަރެން ބިރު ގަންނަނީ ޖިއާނީ އިންފަންޓީނޯ ދެކެ. އަހަރެން ގަބޫލުކުރަނީ އަހަރެމެން [ސްޕެއިން] ކުޅެން ޖެހެނީ އާޖެންޓީނާއާ ދެކޮޅަކަށް ނޫން، ލިއޮނެލް މެސީއަށް ވޯލްޑް ކަޕް ހަވާލުކުރަން ބޭނުންވާ މުޅި ފީފާއާ ދެކޮޅަށޭ."
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ރޮނާލްޑޯގެ ވެރިފައިޑް އެކައުންޓުން ވަނީ އެ ވީޑިއޯ އަށް "ލައިކް" ދީފަ އެވެ. އޭނާ އެ ވީޑިއޯ އަށް ލައިކް ދިނީ ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް ނޭނގެ އެވެ. އެ ވީޑިއޯ އަށް ރޮނާލްޑޯ ލައިކް ދީފައިވާކަން ފާހަގަވެ، ވައިގައި ހިފީ މިއަދު އެވެ.
މެސީ އަށް ފީފާގެ ނުފޫޒުން ފައިދާވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކުގައި، މީގެ ކުރިން ރޮންލްޑޯ ޖެހިފައެއް ނުވެ އެވެ. އެކަމަކު އެ ތުހުމަތުތަކަށް ރޮނާލްޑޯގެ ސަމާލުކަން ލިބުމުން ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ.
ނަމަވެސް، އެ ވީޑިއޯ އަށް "ލައިކް" ދިން ވަކި ސަބަބެއް ރޮނާލްޑޯ ހާމަކޮށްފައެއް ނުވެ އެވެ.
ލިއޮނެލް މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން މަޑުމަޑުން ފަނޑުވަމުންދާހެން ހީވި އެވެ. އެކަމަކު ރޮނާލްޑޯގެ ރަސްމީ އެކައުންޓުން އާޖެންޓީނާ އަށް އަމާޒުވާ އެ ތުހުމަތައް ލައިކު ދިނުމުން، އެ ވާދަވެރިކަން ކެރިއަރު ނިމެން ކައިރިވެފައިވާ ދެ ކުޅުންތެރިންގެ ދެމެދު ތާޒާކޮށް އެބައޮތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ސިފަ ކޮށްފަ އެވެ.
ފީފާއިން ވަކި ޓީމެއް ކޮޅަށް ޖެހޭ ކަމަށް، ކުރެވޭ ތުހުމަތުތައް ވަރުގަދަވީ މި ފަހަރުގެ ވޯލްޑްކަޕްގެ ގަދަ 16 ގެ މެޗުގައި މިސްރު އަތުން 3-2 އިން އާޖެންޓީނާ މޮޅުވި މެޗަށް ފަހު އެވެ.
އެ މެޗުގައި ނިންމި ގިނަ ނިންމުންތަކަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.
"މިސްރުގެ ގައުމީ ޓީމުގެ ހައްގުތަކާއި މަސްލަހަތު ދިފާއު ކުރުމަކީ ދޫކޮށްލެވޭނެ ނުވަތަ ކުޑަކޮށްލެވޭނެ ކަމެއް ނޫން،" މިސްރުގެ ފުޓްބޯޅަ އިދާރާ އީއެފްއޭ އިން ބުނެފައި ވެ އެވެ.