ވޯލްޑް ކަޕްގެ ދެވަނަ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮލަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ސަޕޯޓަރުންނާއި އެ ޓީމުގެ ބައެއް ކުޅުންތެރިން ގެންގުޅުނު ސިޔާސީ ބެނާގެ މައްސަލަ ބަލާނެ ކަމަށް ފީފާއިން ބުނެފި އެވެ.
އެޓްލާންޓިކް ކަނޑުގައި އޮންނަ ފޯކްލޭންޑްގެ މިލްކުވެރިކަމާ އިންގްލެންޑާއި އާޖެންޓީނާއާ ދެމެދު އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑުގައި ބޭނުން ކުރި ބެނާގައި ލިޔެފައި ވަނީ "ފޯކްލޭންޑަކީ އާޖެންޓީނާގެ ބިމެއް" ކަމަށެވެ.
ސަޕޯޓަރުން ބޭނުން ކުރި އެ ބެނާ، މެޗުގެ ފަހުން އާޖެންޓީނާގެ ބައެއް ކުޅުންތެރިން ވެސް ވަނީ ދަނޑުގައި ގެންގުޅެފަ އެވެ. އެއީ ލިސަންޑްރޯ މާޓިނޭޒާއި ޖިއޮވާނީ ލޮ ސެލްސޯގެ އިތުރުން ކްރިސްޓިއަން ރޮމޭރޯ އެވެ.
ފީފާގެ ގަވާއިދުތަކުގައި ސިޔާސީ ބެނާތަކާއި މެސެޖްތައް ސްޓޭޑިއަމްގައި ބޭނުން ކުރަމަކީ މަނާ ކަމެކެވެ.
ފީފާގެ ސްޓޭޑިއަމް ގަވާއިދު ބުނާގޮތުން ސިޔާސީ، ހުތުރު ނުވަތަ ތަފާތުކުރުންތަކަށް ހިތްވަރުދޭ ބެނާތަކާއި ދިދަތައް ދަނޑަށްވެއްދުމަކީ މަނާކަމެކެވެ.
މި މުބާރާތުގައި ސިޔާސީ ބެނާގެ މައްސަލަ ފެންމަތި މިވީ ފުރަތަމަ ފަހަރަކަށް ނޫނެވެ. އިރާން ކުޅުނު މެޗުގައިވެސް އެ ގައުމުގެ ސަރުކާރާ ދެކޮޅު މުޒާހަރާގެ ދިދަތަކެއް ސަޕޯޓަރުން ބޭނުންކުރި އެވެ.
އެކަމަކު، މާޓިނޭޒާއި ލޮ ސެލްސޯ އަދި ރޮމޭރޯއަކީ، މިފަހަރުގެ މުބާރާތުގައި ސިޔާސީ ބެނާއެއް ހާމަކުރި ފުރަތަމަ ކުޅުންތެރިންނެވެ.
އެ ބެނާގެ މައްސަލަ ބެލުމަށް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ވެސް ވަނީ ގޮވާލާފަ އެވެ.
"ވޯލްޑް ކަޕް އަހަރެމެންގެ އެއްޗަކަށް ނުވެދާނެ. އެކަމަކު ފޯކްލޭންޑްގެ ޖަޒީރާއަކީ ހަމަ ޔަގީނުން ވެސް އަހަރެމެންގެ ތަނެއް. އަމިއްލަ ގޮތް ނިންމުމުގެ ބާރު އޮތީ ރަށުގެ ރައްޔިތުންނަށް، އަދި ފޯކްލޭންޑްސްއަށް އަހަރެމެންގެ އޮތް ސާބިތުކަމަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ،" އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް، ޑައުނިން ސްޓްރީޓްގެ ތަރުޖަމާނު ވިދާޅުވި އެވެ.
ވޯލްޑް ކަޕްގައި ފީފާއިން އާޖެންޓީނާ އަށް ބުރަވެފައިވާ ކަމަށް ތުހުމަތުތައް ކުރެވިފައިވާ ދަނޑިވަޅެއްގައި، އެ އިދާރާ އަށް ކުރިމަތިވި ޕްރެޝަރުގައި ފީފާގެ ތަރުޖަމާނު ބުނީ މައްސަލަ ތަހްގީގު ކުރާނެ ކަމަށެވެ.
"ފީފާގެ މިނިވަން ޑިސިޕްލިނަރީ ކޮމެޓީން މިހާރު ދަނީ މެޗުގެ ރިޕޯޓުތައް ވަޒަންކުރަމުން އަދި ފީފާގެ ޑިސިޕްލިނަރީ ގަވާއިދުގެ މައްޗަށް ބިނާކޮށް އަޅާނެ އިތުރު ފިޔަވަޅުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން ގުޅުންހުރި ހާލަތްތަކަށް ރިއާޔަތްކުރަމުން ދަނީ،" އަލްޖަޒީރާ އަށް ފީފާއިން ބުންޏެވެ.
އެކަމަކު ފައިނަލު މެޗުގެ ކުރިން، އެ މައްސަލައާ މެދެ ގޮތެއް ނިންމާނެ ކަމެއް ފީފާއަކުން ނުބުނެ އެވެ.