ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕުން ފީފާ އަށް ލިބުނީ 5.8 ބިލިއަން ޑޮލަރުގެ ރެކޯޑު އާމްދަނީއެކެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ގުޅިގެން ބާއްވާ މި އަހަރުގެ ވޯލްޑް ކަޕުން އެ އަދަދު ދެ ގުނަ ވެގެންދާނެކަމަށް، ކުޅިވަރުގެ ފައިނޭންޝިއަލް ދާއިރާގެ ތަޖުރިބާކާރުން ލަފާ ކުރެ އެވެ. 

ނިމިގެން މިދާ ވޯލްޑް ކަޕުން 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް ފީފާއިން ވަނީ އަމާޒު ހިފައިފި އެވެ.

މިއީ ކުޅިވަރުގެ ތާރީހުގައި ވެސް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ފުރަތަމަ މުބާރާތަށް ވެގެންދާނެ އެވެ. ޖުމްލަ 104 މެޗު ކުޅޭގޮތަށް، 48 ޓީމާ އެކު ފުޅާކޮށްލި މި ވޯލްޑް ކަޕްގެ ސަބަބުން ޓީވީ ރައިޓްސް އާއި ސްޕޮންސާޝިޕް ޑީލްތަކުން ފީފާއަށް ވަނީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.

މުބާރާޓުގައި އެންމެ ގިނަ މެޗުތައް ކުޅުނީ އެމެރިކާގަ އެވެ. އެމެރިކާގެ އެހެން ކުޅިވަރުތަކާ އެއްވަރަށް  މެޗުތަކުގެ ޓިކެޓްގެ އަގު ބޮޑުވި ކަމުގެ ޝަކުވާ ފެންމަތިވި އެވެ. ނަމަވެސް ހަ މިލިއަނަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ މެޗު ބަލަން ދަނޑުތަކަށް ވަދެފަ އެވެ. މިއީ ކުރީގެ ވޯލްޑް ކަޕްތަކާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

ފީފާގެ ވިޔަފާރީގެ ކުރިއެރުމާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކެމްޕަސް އޮފް ފުޓްބޯލް ބިޒްނަސްގެ ޕްރޮފެސާ ރޮބް ވިލްސަން ވިދާޅުވި ގޮތުގައި ވޯލްޑް ކަޕުން ފައިދާ ހޯދުމުގައި ގެންގުޅޭނެ އުކުޅުތައް ފީފާ އަށް އެނގެ އެވެ.

"މިއީ ސަޕްލައި އަދި ޑިމާންޑްގެ ބޭނުން ހިފުން. ވޯލްޑް ކަޕް ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާތީ ސަޕްލައި މަދު، އެކަމަކު ފާއިތުވި 20 އަހަރުތެރޭ ޑިމާންޑް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ. ފީފާއިން އަގުތައް ކަނޑައަޅަނީ މި މާކެޓަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ބޮޑެތި ބްރޭންޑްތައް ކަމަށްވާ ބޭންކް އޮފް އެމެރިކާ އަދި މެކްޑޮނަލްޑްސް ފަދަ ކުންފުނިތަކުން މި މުބާރާތުގެ ސްޕޮންސަރޝިޕް ހޯދުމަށް 100 މިލިއަން ޑޮލަރާ ގާތްކުރާ އަދަދުތަކުން ފައިސާ ދައްކި އެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ސްޕޯޓްސް އެންޑް އެންޓަޓެއިންމަންޓް މާކެޓިންގ އެޖެންސީ، އޮކްޓަގަން އެޖެންސީގެ މެނޭޖިން ޑިރެކްޓަރ ފިލް ކާލިންގް، ނިއޔޯކް ޓައިމްސް އަށް ދިން އިންޓަވިއުގައި ބުނީ ވޯލްޑް ކަޕަކީ އޮލިމްޕިކްސް ނުވަތަ ސުޕަ ބޯލްއަށް ވުރެ ވެސް ބޮޑަށް ދުނިޔޭގައި ނުފޫޒުގަދަ ސަގާފީ ހަރަކާތެއް ކަމަށެވެ.

ފީފާއިން އަންދާޒާކުރާ ގޮތުގައި މި އަހަރުގެ ވޯލްޑް ކަޕް ހަ ބިލިއަން މީހުން ބެލާނެ އެވެ. 

މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ސްޕޭން މިރޭ ބައްދަލުކުރާ މެޗަކީ ކުޅިވަރުގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ހަރަކާތަށް ވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. މި މެޗު ވެގެންދާނީ މާލީ ގޮތުން ރެކޯޑުތައް މުގުރާލާނެ މެޗަކަށެވެ.

މި މުބާރާތުގެ ޖުމްލަ ޕްރައިޒް މަނީ 655 މިލިއަން ޑޮލަރަށް އަރަ އެވެ. ތަށި އުފުލާ ޓީމަކަށް 50 މިލިއަން ޑޮލަރު ލިބޭނެ އެވެ. މީގެ އިތުރުން ޓިކެޓްތަކުގެ އަގުތައް ވެސް ވަނީ އިންތިހާއަށް ބޮޑު އަގުގަ އެވެ. ސެކެންޑްރީ މާކެޓްގައި ޓިކެޓެއްގެ ފެށޭ އަގަކީ 11،000 ޑޮލަރެވެ. 

ކުޅިވަރުގައި ބެޓް ކުރުން މަނާ ނޫން ގައުމުތަކުގައި ފައިނަލު މެޗަށް ބިޑް ކުރަން، މެޗުގެ ފަހު ކަށިގަނޑާ ހަމައަށް 50 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.