މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕް ފައިނަލު މެޗަށް ފަހު އާޖެންޓީނާގެ ބައެއް ކުޅުންތެރިން އުޅުނު ގޮތް ބަލައިނުގަނެވޭނެ ކަމަށް ޗެމްޕިއަންސް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަފުއެންޓޭ ބުނެފި އެވެ.
އިތުރު ވަގުތުގެ ދެ ހާފު ކުޅެ، ސްޕޭނުން ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދީ 1-0 ން އާޖެންޓީނާ ބަލިކޮށްގެންނެވެ. އެ މެޗުގެ ފަހު ކަށިގަނޑަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރުމަށް އަވަސްވި ވަގުތު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ސްޕެއިންގެ ކުޅުންތެރިންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގި އެވެ.
ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ފަހު، ދަނޑުމަތީގައި އެ ހަމަނުޖެހުން ހިންގުމުގައި އެންމެ ކުރީގައި ތިބީ އެންމެ ކުރީގައި ތިބީ ނަވޭލް މޮލީނާ އާއި ލެއަންޑްރޯ ޕާރެޑޭސް އެވެ. މޮލީނާ ވަނީ ސްޕެއިންގެ ކެޕްޓަން ރޮޑްރީ ހެނާންޑޭޒާއި އެރިކް ގާސިއާ އަށް ހަމަލާ ދީފަ އެވެ. އަދި ޕާރެޑޭސް ވެސް ވަނީ ކުރިމަތިލީ ސްޕެއިންގެ ޕެޑްރޯ ގަވީއާ ކުރިމަތިލައިފަ އެވެ.
ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުގައި ލަފުއެންޓޭ ބުނީ އާޖެންޓީނާގެ ކުޅުންތެރިން އެ އަމަލުތަކަކީ އެއްވެސް މީހަކަށް ކެތްކުރެވޭނެ އަދި ބަލައިވެސް ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެ ވަގުތު އަހަންނަކަށް އެކަމެއް ރޭކާއެއްނުލާ. އަހަރެން އުޅުނީ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރުމުގައި،" އިންޓަވިއުއެއްގައި ލަފުއެންޓޭ ބުންޏެވެ.
"އެކަމަކު ކޮންމެ ގޮތެއްވިޔަސް އެއީ ކެތްކުރެވޭނެ. ބަލައިގަނެވޭނެ، އަދި ހުއްދަ ދެވިގެންވާނެ ކަމެއް ނޫން. މެޗުގެ ކުރީ ދުވަސްތަކުގައިވެސް އަދި މިހާރު ވެސް އަހަރެން ތައުރީފުކުރާ، މޮޅު ކޯޗަކާއެކު ތިބި އެފަދަ ފެންވަރުގެ މަތި ކުޅުންތެރިންގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނުމުން އަހަރެމެންނަށް ކުރެވުނު ފަދަ ގޯސް އިހުސާސެއް ޔަގީނުން ވެސް އެ މީހުންނަށް ވެސް ކުރެވޭނެ."
އެ ހާލަތުގައި ވެސް އޭނާގެ ކުޅުންތެރިން އަމަލު ކުރީ ކެތްތެރިކަމާ އެކު ކަމަށް ލަފުއެންޓޭ ބުންޏެވެ. އޭނާ ބުނިގޮތުގައި އާޖެންޓީނާގެ ބައެއް ކުޅުންތެރިންގެ ފަރާތުން "ނުރައްކާތެރި ހަމަލާތަކާއި" "އުނދަގޫކުރުންތަކާ" ކުރިމަތިވި ހިނދު، އޭނާގެ ކުޅުންތެރިން ދެއްކި އަހްލާގީ ނަމޫނާއެކެވެ.
މި މަންޒަރުތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފަ އެވެ. ފީފާއިން ބުނެފައި ވަނީ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.
ފީފާއިން މިހާރު ދަނީ އާޖެންޓީނާއާ ގުޅޭ އެހެން މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ ސެމީ ފައިނަލު މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން ސިޔާސީ ބެނާއެއް ބޭނުން ކުރި މައްސަލަ އެވެ. އެކަމަކު މުބާރާތް ނިމުނުތާ ހަފުތާއެއް ވީ އިރު ވެސް މިހާތަނަށް އާޖެންޓީނާއާ ދެކޮޅަށް ފީފާއިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.