ފޯރިގަދަ މެޗުގައި ފްރާންސްގެ މައްޗަށް 6-4 ކުރި ހޯދައި ވޯލްޑް ކަޕްގެ ތިންވަނަ އަދި ލޯ މެޑަލް އިންގްލަންޑުން ކާމިޔާބުކޮށްފި އެވެ.

މިއީ 1966 ވަނަ އަހަރުގެ މުބާރާތުގެ ފަހުން ވޯލްޑް ކަޕެއްގައި އިންގްލަންޑްގެ ފިރިހެން ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވެގެންގޮސްފައިވަނީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ ކުރިމަތިލުމަށެވެ. ޖުމުލަ 10 ލަނޑު ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފްގައި އިންގްލަންޑުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފަ އެވެ.

ޑެކްލަން ރައިސް އާއި އެޒްރީ ކޮންސާގެ އިތުރުން ބުކާޔޯ ސަކާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. ސަކާ ވެގެންގޮސްފައިވަނީ 1958 ވަނަ އަހަރު، ޕެލޭގެ އަށް ފަހު، ވޯލްޑް ކަޕެއްގައި ފްރާންސް ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްގެ ފަހު މެޗުގައި އެ ޓީމުން ވަނީ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ. ކީލިއަން އެމްބާޕޭ ދެ ލަނޑު ޖަހައި ބްރެޑްލީ ބާކޯލާއަށް ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުން ނަތީޖާ 4-3 އަށް ބަދަލުވި އެވެ.

ސަކާ، އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފައި --- ފޮޓޯ: ޕީއޭ
ސަކާ، އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފައި --- ފޮޓޯ: ޕީއޭ

މި މެޗުގައި އެމްބާޕޭ ޖެހި ލަނޑުތަކާއެކު އޭނާ ވަނީ ލިއޮނަލް މެސީ ފަހަތަށް ޖައްސާލައި، ވޯލްޑް ކަޕް ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފަ އެވެ. އޭނާ މިހާރު ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 22 ލަނޑު ހަމަކޮށްފަ އެވެ.

ފްރާންސްގެ އޮސްމާން ޑެމްބެލޭ ވަނީ ވޯލްޑް ކަޕްގެ އެއް މުބާރާތެއްގައި އެންމެ ގިނަ އެސިސްޓް ކުރުމުގެ ރެކޯޑް މުގުރާލާފަ އެވެ. އެއީ ހަތް އެސިސްޓެވެ. ކުރިން މި ރެކޯޑް ވެސް ހަދާފައި ވަނީ ޕެލޭ އެވެ. މެކްސިކޯގައި 1970 ގައި ބޭއްވި ވޯލްޑް ކަޕްގައި ލެޖެންޑަރީ ޕެލޭ ވަނީ ހަ އެސިސްޓް ކޮށްފަ އެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސަކާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އިންގްލަންޑަށް ލީޑު ފުޅާކޮށްދިނެވެ. އޭގެ ފަހުން ޑެމްބެލޭ ފްރާންސްގެ ހަތަރުވަނަ ލަނޑު ޖެހި އެވެ.

މެޗުގެ ފަހު ވަގުތު ޖޫޑް ބެލިންގހަމް ޖެހި ލަނޑާއެކު އިންގްލަންޑުން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.