ތުރުކީގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީ ތެރޭގައި މަރާލައި ކޮށައި ކުދިކޮށްލި، ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުންނަށް ތަމްރީނު ދިނީ އެމެރިކާގެ އަމިއްލަ ކުންފުންޏަކުން ކަމަށް، އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން އިއްޔެ ބުނެފި އެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި، ޖަމާލް މަރައިލުމުގައި ބައިވެރިވި ހަތަރު މީހުންނަކީ ވެސް، އޭގެ އެއް އަހަރު ކުރިން، އެމެރިކާގެ ސެރެބަރަސް ކެޕިޓަލް މެނޭޖްމަންޓް ކިޔާ އަމިއްލަ ކުންފުންޏެއްގެ ދަށުން ހިންގާ، ޓިއާ ވަން ގްރޫޕް ކިޔާ އަސްކަރީ ތަމްރީން ދޭ ޖަމާއަތަކުން ތަމްރީން ހޯދާފައިވާ ބައެކެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ ރަސްމީ ގޮތުން ހުއްދަ ދީގެން ހިންގާ ކުންފުންޏަކުން ކުރާ ކަންކަމާ ބެހޭ ގޮތުން، މީޑިއާގައި ދައްކާ ވާހަކަތަކަށް އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި ސައޫދީ އަރަބިއްޔާއާ އެކު އެމެރިކާ އިން ގެންގުޅެނީ، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ގާނޫނުގެ ވެރިކަމަށް އިސްކަން ދިނުމުގެ ސިޔާސަތެކެވެ.

ޚާޝުގްޖީއަކީ، ސައޫދީ އަރަބިއްޔާގެ ގިނަ ނޫސްތަކެއްގައި މަސައްކަތް ކުރި ނޫސްވެރިއެކެވެ. ނަމަވެސް ސައޫދީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ދެބަސްވުން އުފެދި، ސައޫދީގައި ދިރިއުޅުން ނުރައްކާތެރި ކަމަށް ގަބޫލުކުރެވިގެން، ޚާޝުގްޖީވަނީ 2017 ވަނަ އަހަރު އެމެރިކާ އަށް ދިރިއުޅުން ބަދަލު ކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު އޭނާ މަރައިލުމާ ހަމައަށް މަސައްކަތް ކުރަމުން އައީ، ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެއްގެ ގޮތުގަ އެވެ.

ވޮޝިންޓަން ޕޯސްޓުގައި މަސައްކަތް ކުރި ދުވަސްވަރު، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ސިޔާސަތަށް ވަރަށް ފާޅުގައި ފާޑުކިޔަމުން ގެންދިޔަ އެވެ.

ތުރުކީ ވިލާތާއި އެހެން ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޚާޝުގްޖީ މަރައިލީ، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދާ ގުޅިފައިވާ އޭޖެންޓުންތަކެކެވެ. ޚާޝުގްޖީ މަރައިލުމަށް ނުވަތަ ހިފައި ހައްޔަރުކުރުމަށް ހިންގި އޮޕްރޭޝަން ކުރިއަށް ގެންދަން ހުއްދަ ދެއްވީ ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ.

ޚާޝުގްޖީގެ ހަތަރު ގާތިލުންނަށް ތަމްރީން ދީފައިވަނީ އޭނާގެ ކުންފުނިން ކަމަށް، ސެރެބަރަސް ކުންފުނީގެ ސީނިއާ އެކްޒެކެޓިވް ލުއިސް ބްރެމާ ވަނީ ލިޔުމުން ވައިޓް ހައުސްއަށް ޖަވާބު ދީފަ އެވެ. އެއީ، ޓްރަމްޕުގެ ވެރިކަމުގައި، އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް މަގާމަކަށް ލުއިސް އައްޔަންކުރަން އުޅުމުން، ޚާޝުގްޖީގެ މަރާ ގުޅޭ ގޮތުން ކޮންގްރެސް އިން ސުވާލު ކުރުމުން ދިން ޖަވާބެކެވެ. ނަމަވެސް ވައިޓް ހައުސް އިން އެ ޖަވާބު ކޮންގްރެސް އަށް ނުފޮނުވަ އެވެ.

ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުން، އެ ހަތަރު މީހުންނަށް އަސްކަރީ ތަމްރީންތައް ދިން އިރު، އެއީ ސައޫދީ އަރަބިއްޔާގެ އެތެރޭގައި ބަޔަކުގެ ދުވަސް ދުއްވައިލަން ތަމްރީން ކުރާ ބައެއްކަން، އެކަމަށް ހުއްދަ ދިން އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށް ވެސް އަދި، ޓިއާ ވަން ގްރޫޕްގެ އިސް ވެރިންނަކަށް ވެސް ނޭނގެ އެވެ.

ސައޫދީ އަރަބިއްޔާގެ ސިފައިންގެ ތެރޭގައި އޮންނަ ޝާހީ ހަށި ފާރަވެރިންގެ ޔުނިޓްގެ ސިފައިން ތަމްރީން ކުރުމުގެ ހުއްދަ، ޓިއާ ވަން ގްރޫޕަށް އެންމެ ފުރަތަމަ ދީފައިވަނީ، ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި ކުރީގެ ރައީސް ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމާ ހަމައަށް އެ ތަމްރީންތައް ކުރިއަށް ދިޔަ އެވެ.