"ހަންގަ ގޭމްސް" ފަދަ ފިލްމުތަކުގެ ސީރިއަސް ރޯލުތަކުން މަޝްހޫރުވި އެކްޓްރެސް ޖެނިފާ ލޯރެންސްގެ އާ ކޮމެޑީ ފިލްމެއް އަންނަ ޖޫން މަހު ނެރެން ނިންމައި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
"ނޯ ހާޑް ފީލިންގްސް" ގެ ނަންދީފައިވާ އެ ފިލްމުގައި ޖެނިފާ ކުޅެނީ މެޑީ ކިޔާ އުމުރުން 32 އަހަރުގެ އަންހެނެއްގެ ރޯލެވެ. އެ ފިލްމުގައި އޭނާ ފައިސާ ހޯދަން ކުރާނެ މަސައްކަތެއް އޮންލައިންކޮށް ހޯދަނިކޮށް، ދެމަފިރިއަކު އެމީހުންގެ "އިންޓްރޮވާޓެޑް" ނުވަތަ ގެއިން ނުނިކުމެ އަބަދު އެކަހެރިކޮށް އޮންނަ 19 އަހަރުގެ ފިރިހެން ދަރިފުޅާ އެކު ލޯބީގެ ގޮތުން ގުޅޭނެ އަންހެނެއް ހޯދަން އިއުލާނުކޮށްފައި އޮއްވައި ފެނެ އެވެ.
ޓްރެއިލާގައި މައިގަނޑު ގޮތެއްގައި ފެންނަނީ މެޑީ، 19 އަހަރުގެ ޕާސީ ބޭރުތެރެއަށް ނެރެން ކުރާ މަސައްކަތާއި، އޭނާއާ "ފޭކު" ލޯބީގެ ގުޅުމެއް އުފައްދަން މަސައްކަތް ކުރާ ތަނެވެ.
ޓްރައިލާ ބެލުމަށް ފަހު ގިނަ ބަޔަކު އަންނަނީ އެ ފިލްމުގެ މެއިން ދެ ކެރެކްޓާއިންގެ އުމުރުގެ ތަފާތާމެދު ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.
ފާޑުކިޔާ މީހުން ބުނަނީ މަންމަ އާއި ބައްޕަގެ ހުއްދައާ އެކު 32 އަހަރުގެ އަންހެނަކާއި 19 އަހަރުގެ އަންހެނެއް ގަދަކަމުން ލޯބީގެގޮތުން ގުޅުވުން އެއީ މަޖާ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ ފިލްމުގައި ދައްކަނީ ބޮޑުވެފައި ތިބި ދެ މީހުންގެ ވާހަކަ ކަމަށާއި އެހެންވެ އުމުރުގެ ތަފާތަކީ މައްސަލައެއް ނޫން ކަމަށެވެ.
އަސްލު ދިރިއުޅުމުގައި ވެސް ޖެނިފާ އަށް 32 އަހަރެވެ. އަދި ޕާސީގެ ރޯލު ކުޅޭ އެންޑްރޫ ބާތް ފެލްޑްމަން އަށް ވީ 20 އަހަރެވެ. އެހެންވެ، 12 އަހަރުގެ ތަފާތަކީ އައިބުކުރާ ވަރުގެ ތަފާތެއް ނޫންކަމަށް އެމީހުން ބުނެ އެވެ.
ޖީން ސްޓަޕްނިޓްސްކީ ޑައިރެކްޓުކޮށްފައިވާ "ނޯ ހާޑް ފީލިންގްސް" ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.