އޮސްޓްރިއާގެ މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލްގެ ފުޓްބޯލް އޮޕަރޭޝަންސްގެ އިސްވެރިޔަކަށް ލިވަޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ހަމަޖައްސައިފި އެވެ.

ލިވަޕޫލާ އެކު ނުވަ އަހަރު ހޭދަކޮށް އެ ޓީމަށް ޕްރިމިއާ ލީގާއި، ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ކްލޮޕް އެ ކްލަބުން ވަކިވީ މިދިޔަ ސީޒަނަށް ފަހު އެވެ.

ކްލޮޕްގެ އާ ވަޒީފާއަކީ ރެޑްބުލް އިން ހިންގާ ފުޓްބޯޅަ ކްލަބްތަކުގެ ކަންކަން ބެލެހެއްޓުމެވެ. އެއީ ޖަރުމަނުގެ އާރްބީ ލީޕްޒިގާއި، އޮސްޓްރިއާގެ އާރްބީ ސަލްޒްބާގާއި، އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް، އަދި ބްރެޒިލްގެ ރެޑްބުލް ބްރާގަންޓީނޯ އެވެ.

މި ވަޒީފާގައި ކްލޮޕަށް ކޯޗިންގެ އެއްވެސް ޒިންމާއެއް ނޯންނާނެ އެވެ. އަދި ކްލަބްތައް ހިންގުމުގައި ދުވަހުން ދުވަހަށް އެއްވެސް މަސައްކަތެއް ވެސް ނޯންނާނެ އެވެ. އޭނާ ކުރަން ޖެހޭނެ މަސައްކަތަކީ ސްޓްރެޓެޖިކަލީ ލަފާދިނުމެވެ.

ކްލޮޕް ވެސް ބުނީ އޭނާ ކުރަން ޖެހޭ މަސައްކަތަކީ ރެޑްބުލްގެ ކްލަބްތަކުގެ ކޯޗުނާއި މެނޭޖްމަންޓަށް ލަފާދީ، މަގުދައްކައިދިނުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖަރުމަން ގައުމީ ޓީމުގެ ކޯޗުކަން ކްލޮޕަށް ހުށަހަޅައިފި ނަމަ ރެޑްބުލްގެ ވަޒީފާ އިން އޭނާ ވީއްލައިދޭން ކޮންޓްރެކްޓުގައި ހިމަނާފައިވެ އެވެ.

ކްލޮޕް އަވަސް މުސްތަގުބަލެއްގައި ކްލަބް ކޯޗިން އަށް ދާނެ ކަމަށް ނުބެލެވެ އެވެ. ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ކްލޮޕް ބުނީ ލިވަޕޫލް ދޫކޮށްލީ ވެސް ކްލަބް ކޯޗިންގެ ބުރަ މަސައްކަތުގެ ސަބަބުން ސިކުނޑި ވަރުބަލިވުމުން ކަމަށެވެ.