ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 5) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-ނަމް މަރާލި ކަމަށް ތުހުމަތުކުރާ ދެ އަންހެނުންގެ ހެދުމުން ވީއެކްސް ނާވް އެޖެންޓުގެ އަސަރު ފެނިފައިވާ ކަމަށް ސަރުކާރުގެ ކެމިސްޓަކު ކޯޓުގައި ބުނެފި އެވެ.

ފުރަން މަތިންދާ ބޯޓަށް އަރަން ދަނިކޮށް ކިމްގެ މޫނު މަތީގައި ވިހަ ފޮތިގަނޑެއް އަޅައިގެން މި އަހަރުގެ ފެބްރުއަރީ މަހު އޭނާ މަރާލި ކަމަށް ތުހުމަތުކޮށްފައި ވަނީ ވިއެޓްނާމުގެ ދޮއާން ތި ހުއޮން، 29، އާއި އިންޑޮނީޝިއާގެ ސިއްތި އައިޝިޔާ، 25، ގެ މައްޗަށެވެ. ޝާހު އާލާމުގެ ކޯޓެއްގައި ކުރިއަށް ގެންދާ ޝަރީއަތުގައި އެ ދެ އަންހެނުން ހޯމަ ދުވަހު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

ސަރުކާރުގެ ކެމިސްޓް ރާޖާ ސުބްރަމާނިއަމް ކޯޓުގައި މިއަދު ބުނީ އިންޑޮނީޝިއާގެ އައިޝިޔާގެ ހެދުމުން ވީއެކްސް އެސިޑުގެ އަސަރު ފެނިފައިވާ ކަމަށެވެ. މިއީ އެ މައްސަލާގައި ކޯޓަށް ހުށަހެޅި ފުރަތަމަ ހެއްކެވެ. ކިމް މަރުވެފައިވާ ކަމަށް ބުނެފައި ވަނީ ވީއެކްސް ވިހައިގެ އަސަރު ހަށިގަނޑަށް ކޮށްގެންނެވެ. ވީއެކްސް އެކުލެވޭ ހެކި ކޯޓަށް ހުށަހެޅި އިރު ފަނޑިޔާރާއި ކޯޓު އޮފިޝަލުން ތިބީ ފޭސް މާސްކް އަޅައި އަދި ސާޖިކަލް އަންގިލައްވައިގެންނެވެ.

ވީއެކްސް އަކީ މުޅި ދުނިޔޭގައި ވެސް މަނާކޮށްފައިވާ ބާވަތެކެވެ. އަދި އެއީ ގިނަ ބަޔަކު އެއް ފަހަރާ މަރާލަފާ ބާވަތެއްގެ ގޮތުގައި އދ. އިން ވަނީ ކަނޑައަޅައިފަ އެވެ.

ފެބްރުއަރީ 13 ވަނަ ދުވަހު ކިމް މަރާލީ ހެނދުނު އެންމެންގެ ކުރިމަތީގަ އެވެ. އަދި ސެކިއުރިޓީ ކެމެރާތަކަށް އެ މަންޒަރު ވަނީ ރެކޯޑްވެފަ އެވެ. ދެ އަންހެނުން މީހުން ތެރޭން ދުވެފައި ގޮސް ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އުނގުޅާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. މި ހަމަލާ އަށް ފަހު ކިމް ވަނީ އެއާޕޯޓުގެ އޮފިޝަލުންގެ ކިބައިން އެހީ އަށް އެދިފަ އެވެ. އެކަމަކު މަދު މިނިޓް ކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ. ކިމްގެ އޮޓޮޕްސީ އަށް ފަހު މެލޭޝިއާގެ އޮފިޝަލުން ބުނެފައި ވަނީ އޭނާގެ މޫނުގައި އުނގުޅާފައި ވަނީ ވަރަށް ވިހަގަދަ މާއްދާއެއް ކަމަށްވާ ވީއެކްސް ގޭސް ކަމަށެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ކިމްއާ ދެމެދު ޚިޔާލު ތަފާތުވުމުން ކިމް ދިރިއުޅެނީ މަކާއޫގަ އެވެ. އެކަމަކު ކިމް މަރާލުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްކަން ނޭނގެ އެވެ.