ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ ކުންފުންޏަށް ކުރިމަތިވި ވިޔަފާރީގެ ގޮންޖެހުންތަކާ ގުޅިގެން 65 މަގާމެއް އުވާލައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކޮށް ކުންފުނި ރީސްޓްރަކްޗާކުރަން ރާއްޖޭގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާލައިން ކަމަށްވާ މެގަމޯލްޑިވްސް އިން ނިންމައިފި އެވެ.

މެގަމޯލްޑިވްސް އިން ބުނީ މި އަހަރު ފެށުނު އިރު 400 ވަރަކަށް މުވައްޒަފުން ތިބި ނަމަވެސް ކުންފުންޏަށް ގެންނަ ބަދަލުތަކާ އެކު މުވައްޒަފުންގެ އަދަދު 278 އަށް މަދުވާނެ ކަމަށެވެ.

"ކުންފުނިން 65 ވަޒީފާއެއް އުވާލަން ނިންމައި މި އަހަރު 50 މަގާމަކަށް މުވައްޒަފުން ހޯދަން ނިންމި ނިންމުން ވެސް މަޑުޖައްސާލަން މިހާރު ވަނީ ނިންމައިފަ އެވެ. ނަތީޖާއެއްގެ ގޮތުން، މި އަހަރު ފެށުނު އިރު 400 ވަރަކަށް މުވައްޒަފުން ތިބި ނަމަވެސް މި އަދަދު 278 އަށް މަދުވާނެ އެވެ. މިއީ ދިވެހި މުވައްޒަފުންގެ ތެރެއިން 50 އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން 64 މުވައްޒަފުން މަދުކުރުމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

މެގަމޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާ މާކެޓް މިދިޔަ އެއް އަހަރު ތެރޭ 11 ޕަސެންޓް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ޗައިނާއިން ގެންނަ ފަސިންޖަރުންގެ އަދަދު މިދިޔަ އަހަރާ އެއްވަރެއްގައި ހިފެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުންފުނީގެ އާމްދަނީ ދަށްވަމުން އަންނަ ކަމަށެވެ. ޗައިނާ މާކެޓް ދަށްވާނެ ކަމަށް ކުރިން ވެސް ލަފާކުރެވިފައި ވާތީ ސައުތު އެފްރިކާ އާއި ތައިލެންޑާއި އިންޑިއާ އަދި ޔޫރަޕްގެ ބައެއް މަންޒިލްތަކަށް މިއަހަރު ފަށަން ހަމަޖެއްސި ދަތުރުތައް ވެސް، ތަފާތު އެކި ސަބަބުތަކާ ހެދި ލަސްވެފައިވާކަން މެގަމޯލްޑިވްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

ޗައިނާ މާކެޓް ދަށްވުމުގެ އިތުރުން އެއާލައިންގެ ފްލީޓް އާކުރުމަށް ކުރަންޖެހޭ ހޭދަ ވެސް ވަރަށް ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ. އެއާލައިނުން ބުނި ގޮތުގައި މި އަހަރު، އެއާލައިންގެ އެންމެ ދުވަސްވީ ބޯޓުގެ ބަދަލުގައި އާ ބޯޓެއް ހޯދަން ނިންމި ނަމަވެސް ޗައިނާ މާކެޓް ދަށްވުމާއި ލަފާކުރި ވަރަށް ވުރެ ގިނައިން މެއިންޓެނަންސް އަށް ހަރަދުކުރަން ޖެހުމުން އަދި އާ މަންޒިލްތަކަށް ދަތުރުތައް ފަށާތީ ފްލީޓް އާކުރުމުގެ މަސައްކަތް ވެސް ލަސްވެގެން ދާނެ އެވެ.

"އެހެންވެ އެއާކްރާފްޓްގެ އަދަދު ފަހަކުން ތިނަކަށް މި އަހަރު މަދުވާނެ އެވެ."

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ވަނަ އަހަރު ފެށި އެއާލައިނުން ބުނީ ރާއްޖޭގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާލައިންގެ ގޮތުގައި އޮތުމަކީ ބޮޑު ފަޚުރެއް ކަމަށާއި ރާއްޖެ އަަންނަ ޗައިނާ ޓޫރިސްޓުންގެ 30 ޕަސެންޓަކީ މެގަމޯލްޑިވްސްގެ ފަސިންޖަރުން ކަމަށެވެ. އެކަމަކު މުވައްޒަފުން މަދުކޮށް ކުންފުނި އަލުން ސްޓްރަކްޗާ ކުރުމަކީ ދެމެެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މިވަގުތު ކުރަން ޖެހިފައިވާ ކަމެއްގެ ގޮތުގައި އެއާލައިނުން ވަނީ ސިފަކޮށްފަ އެވެ.

އެއާލައިނުން ބުނި ގޮތުގައި، އާ މަންޒިލްތަކަށް ފަށަން ރާވާފައިވާ ދަތުރުތައް ކުރިއަށް ގެންގޮސް ކުންފުންޏަށް އަލުން އާރޯކަން ލިބުމުން، ކުންފުނިން ވަޒީފާއިން ވަކިކުރާ ގިނަ މުވައްޒަފުންނަށް އަލުން ފުރުސަތު ދެވޭނެ ކަމަަށް އުންމީދު ކުރެވެ އެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަަތުގެ ކުރިމަގު އެބަ އޮތް ކަމަށާއި މި ދާއިރާގައި ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ތަރައްގީއަށް މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށް، ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.