އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރަން ތައްޔާރުވަމުން އަންނަ އެޕަލް ވޮޗް ސީރީޒް އަށަކުން ބޮޑީ ޓެމްޕަރޭޗާ ޗެކްކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބްލޫމްބާގް އިން ބުނީ އެޕަލްގެ އާ ސްމާޓް ގަޑީގެ އާ މޮޑެލް އިން މީހާގެ ހަށިގަނޑުގެ ފިނިހޫނުމިން ޗެކްކުރެވޭއިރު، ހުން އަންނަ ނަމަ އޭގެން އެކަން ވެސް ޑިޑެކްޓުކޮށް، ނޮޓިފައިކުރާނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށާއި ތާމޯމީޓަރަކުން އަލުން ޗެކްކުރަން އިރުޝާދު ވެސް ދޭނެ ކަމަށެވެ.
އެ ގަޑީގައި ހަރުކުރާ ބޮޑީ ޓެމްޕަރޭޗާ ސެންސަރުގެ އިންޓާނަލް ޓެސްޓުތަކެއް އަދިވެސް ހަދަން އެބަހުރި ކަމަށާއި އެކަން ކާމިޔާބުވެއްޖެ ނަމަ، އެޕަލް ވޮޗް ސީރީޒް އަށެއްގައި އެ ސެންސަރު ހަރުކުރާނެ ކަމަށް އެ ނޫހުގައި ބުންޏެވެ.
އެތުލީޓުންނަށް ހާއްސަކޮށްގެން އެޕަލް އިން ސްމާޓް ގަޑިއެއް ހަދަމުން އަންނަ ކަމަށް ވެސް މީގެ ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެެވެ.
އެޕަލްގެ އަގުހެޔޮ ސްމާޓް ގަޑިއެއް ކަމަށްވާ އެޕަލް ވޮޗް އެސްއީގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، އެ ގަޑީގައި ބޮޑީ ޓެމްޕަރޭޗާ ޗެކްކުރާ ސެންސަރު ނީންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލްގައި ބުނި ގޮތުގައި، އެ ސެންސަރުގެ އެހީގައި މީހާގެ ފާޓިލިޓީ ޓްރެކިން އާއި ޕީރިއަޑްވާ ދުވަސްތަކާއި އަދި މާބަނޑުވާނެ ދުވަސް ދެނެގަތުމުގެ ގާބިލުކަން ވެސް ހުންނާނެ އެވެ.