07 ޑިސެމްބަރ 2022 - 06:45
ހަނދާން ނެތުމުގެ މައްސަލަ ބޮޑުވެ ފުރާނައަށް ވެސް ނުރައްކާވާ އަލްޒައިމާ ބައްޔާ ދެކޮޅާށް ބޭނުންކުރެވިދާނެ އާ ބޭހެއް ހޯދައިފި އެވެ.
ލެކާނެމަބް ގެ ނަން ދީފައިވާ މި ބޭހުން އަލްޒައިމާގެ އަލާމަތްތައް ކުޑަކޮށްދެ އެވެ. އެއީ އަލްޒައިމާގެ ސަބަބުން ސިކުޑީގައި އުފައްދާ ބީޓާ އެމީލޮއިޑްގެ މިންވަރު ދަށްކޮށްދެ އެވެ. ބަލީގެ ކުރީކޮޅު މި ބޭހުން ފަރުވާ ކުރެވިއްޖެ ނަމަ ސިކުނޑިއަށް އަންނަ ބަދަލުތައް ކުޑަކޮށްދެ އެވެ. ލެކާނެމަބް ހޯދި ޖަޕާނާއި އެމެރިކާގެ ސައިންސްވެރިން މި ބޭސް ބޭނުންކޮށްގެން ފަރުވާކުރި މީހުންގެ ސިކުޑީގެ މަސައްކަތް ވަނީ 27 ޕަސެންޓު ރަނގަޅުކޮށްފަ އެވެ. އެއީ 18 މަސްދުވަހުންނެވެ.
އަލްޒައިމާ ބައްޔަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ، ސިކުނޑީގެ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލީގެ 30 މިލިއަށް މީހުން ދުނިޔޭގަ އުޅެ އެވެ. މި ބަލީގައި މީހާ ހަނދާން ބަލިވެ އާއްމުކޮށް ކުރާ ކަންކަން ކުރުމަށް ވެސް ނުކުޅޭ މިންވަރަށް ބަލީގެ އަސަރު ބޮޑުވެ އެވެ. ހަނދާން ނެތުމުގެ އިތުރުން ވާހަކަ ދެއްކުމާއި ކެއިންބުއިމާއި ހިނގާބިނގާވެ އުޅުމަށް ދަތިވާ ހިސާބަށް ބަލީގެ ނުރައްކާ ބޮޑުވެ އެވެ. ގާތް މީހުންނަށް ޝައްކު ކުރުމަކީ ވެސް މި ބަލީގެ އަލާމާތެކެވެ.
އަލްޒައިމާ ބައްޔަށް ފަރުވާއެއް ހޯދުމަށް މީގެ ކުރިން ކެނޑިނޭޅި ކުރި ތަހުލީލުތަކުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އެހެންވެ މި ބަލީގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
މިއީ އަލްޒައިމާ ބަލީގެ ބަލިމީހުންނަށާއި ފަރުވާދޭ ފަރާތްތަކަށް ވަރަށް އުފާވެރި ހަބަރަކަށް ވިޔަސް މި ބޭހަކީ އަދި ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. ފުރަތަމަ ކަމަކީ ބޭހުގެ އަގު ބޮޑުކަމެވެ. ދެވަނަ ކަމަކީ މި ބޭހުގެ އަސަރުކުރަނީ ބަލީގެ ކުރީކޮޅު ފަރުވާކުރަން ފެށިގެން ކަމަށް ވުމެވެ. މީގެ އިތުރުން ފަރުވާކުރުމަށް ބޭނުންނާ މެޝިނަރީ އާއި ތަމްރީނުވެފައިވާ މީހުން ވެސް މަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
13 December 2022
ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމެއް ގުޅިގެން މިފަދަ ބަލިތަކަށް ބޭސް އުފައްދަން އުޅެފިއްޔާ އެކަން ނުވެއެއް ނުހުންނާނެ. އެހެނީ މާތްﷲ ބާވާލެއްވި ކޮންމެ ބައްޔަކާއެކު އެބަލީގެ ޝިފާވެސް ބާވާލައްވާ ކަމަށް ބުނެވޭ.