08 ޖޫން 2021 - 19:41
އަލްޒައިމާ ބައްޔަށް އެމެރިކާގައި އުފެއްދި އާ ބޭސް، ބަލިމީހުންނަށް ފަރުވާ ކުރުމުގައި ބޭނުން ކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އިއްޔެ ދީފި އެވެ.
މިއީ، މި ބައްޔާ ދެކޮޅަށް ބޭނުންކުރުމަށް، މިދިޔަ 20 އަހަރުގެ ތެރޭގައި އެމެރިކާ އިން ހުއްދަ ދިން ފުރަތަމަ ބޭހެވެ. މިއީ، އެމެރިކާގައި ތިބި މި ބަލީގެ 6.2 މިލިއަން މީހުންނަށާއި، ދުނިޔޭގެ އެކި ގައުމުތަކުގައި މި ބަލި ތަހައްމަލް ކުރަމުން އަންނަ، 65 އަހަރުން މަތީގެ މީހުންނަށް ލިބުނު ވަރަށް ބޮޑު އުންމީދަކަށް ވާނެ އެވެ.
އަޑުކަނުމެބް (Aducanumab)ގެ ނަން ދީފައިވާ މި ބޭހަކީ، އެމެރިކާގެ ބަޔޯޖެން އިންޝުއަރެންސްގެ ފަރާތުން އުފެއްދި ބޭހެކެވެ. މިއީ އަލްޒައިމާ ބަލި ޖެހުމަށް މެދުވެރިވާ ބާވަތުގެ ސަރުބީ ނުވަތަ ޕްރޮޓީން ސިކުނޑީގައި އަށަގަތުން ހުއްޓުވުމަށް މަސައްކަތްކުރާނެ ބޭހެއް ކަމަށް، އެ ކުންފުނީގެ ސައެންސްވެރިން ބުނެ އެވެ.
މި ބޭސް އުފެއްދުމަށް ފަހު އަޖުމަބެލުމުގެ ގޮތުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، މި ބޭސް ބޭނުންކުރުމުން، ސިކުނޑީގައި އެބާވަތުގެ ޕްރޮޓީން އުފެދުން ކުޑަކޮށްދެ އެވެ. އޭގެ ސަބަބުން، އަލްޒައިމާ ބަލި ޖެހިފައިވާ މީހާ ހަނދާން ނެތޭ މިންވަރު ދަށްކޮށްދެ އެވެ.
އެމެރިކާގެ އެފްޑީއޭ އިން މި ބޭހަށް ހުއްދަ ދިނީ، މިފަދަ ބޭސްތަކާ ބެހޭ ގޮތުން ދިރާސާކުރާ އަމިއްލަ ފަރާތްތަކުން، އެ ބޭހާ ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. މިނިވަން ތަޖުރިބާކާރުން ބުނާ ގޮތުގައި އެފްޑީއޭ އިން ހުއްދަ ދިން ބޭހަކީ، އަލްޒައިމާ ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ބޭހެއް ނޫނެވެ.
ބޭސް ބޭނުންކުރަން ހުއްދަ ދިނުމުގެ އިތުރުން، މި ބޭހުން ލިބޭ މަންފާތައް ދެނެގަތުމަށް އިތުރު ދިރާސާތައް ކުރުމަށް، އެފްޑީއޭ އިން ވަނީ، ބަޔޯޖެން ކުންފުންޏަށް އަންގައިފަ އެވެ. އަލަށް މި އުފެއްދި ބޭހުގެ އަގެއް، ބަޔޯޖެން ކުންފުނިން އަދި އާންމެއް ނުކުރެ އެވެ. ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި އަލްޒައިމާ ބަލި މީހަކަށް މި ބޭހުން ފަރުވާ ކުރުމަށް، އަހަރަކު 30000-50000 އެމެރިކާ ޑޮލަރު ހަރަދުވާނެ އެވެ.
އަލްޒައިމާ ބައްޔަށް ފަރުވާ ކުރުމަށް ބޭހެއް އުފައްދައި، އެ ބޭސް ބޭނުންކުރުމަށް ހުއްދަ ދިން އިރުވެސް، މި ބަލި ޖައްސާ އަސްލު ސަބަބަކީ ކޮބައިކަން ޔަގީންކަމާ އެކު މިހާތަނަށް އަދި ނުހޯދެ އެވެ. ނަމަވެސް ގިނަ ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި، އަލްޒައިމާ ބަލި ޖެހެން މެދުވެރިވާ މައިގަނޑު ސަބަބަކީ، އެޕޯލިޕޯޕްރޮޓީން-އީ ކިޔާ ޕްރޮޓީނެއް ސިކުނޑި އަށް ޖަމާވުމުންނެވެ.
މި ބަލި ޖެހުމުން، ސިކުނޑީގެ ހަނދާނާ ބެހޭ ބައިގެ ސެލްތައް ހަލާކުކޮށްލުމުން، ހަނދާން ނެތެން ފަށައި، އަދި އޭގެ ސަބަބުން ވިސްނުމަށް ވެސް ބަދަލު އާދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުން
09 June 2021
ވެރިކަމަށް އެރުމުގެ ކުރިންނާ ވެރިކަމަށް އަރާތަނުން ދައްކާ ވާހަކަ 2 އަހަރެއްވަރުވީމަ ހަނދާނުން ފުހެވިގެންދާތީ ތިޔައީ މި ގައުމަށް ވަރަށް މުހިއްމު ބޭހެއް