ޔޫޓިއުބުން މިހާރު އަންނަނީ ކޭބަލް ޓީވީގެ ހިދުމަތާ އެއްގޮތަށް، ފިލްމާއި ޓީވީ ޝޯތައް ހިލޭ އެއްތާކުން ބެލޭނެ ހަބެއްގެ ގޮތުގައި ޔޫޓިއުބް ހެދުމަށް ބައެއް ޗެނަލްތަކާއި ވާހަކަ ދައްކަމުން ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.
ޔޫޓިއުބްގެ އޮފިޝަލަކާ ހަވާލާދީ އެ ލިޔުމުގައި ބުނެފައިވާ ގޮތުން، އެ މީހުންގެ އަމާޒަކީ އެއް ޕްލެޓްފޯމަކުން ހުރިހާ އެއްޗެއް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެއީ، ފިލްމެއްގެ ޓްރެއިލާ ބަލައިލުމަށް ފަހު، އެ ފިލްމު ޔޫޓިއުބް މެދުވެރިކޮށް ބަލާލެވޭނެ ފަދަ ގޮތަކަށެވެ.
މި ހިދުމަތުގައި ޔޫޓިއުބް ފައިދާ ހޯދަން ނިންމާފައި ވަނީ އިސްތިހާރުންނެވެ. މިއީ އާންމުކޮށް ކޮންމެ ގައުމަކަށް ދޫކުރާ ހިދުމަތެއް ކަމެއް ނުވަތަ ވަކި ސަރަހައްދުތަކެއްގައި ދޭ ހިދުމަތެއް ކަމެއް އަދި ނޭނގެ އެވެ.
މިހާރު އަންނަނީ ޔޫޓިއުބްގެ ބައެއް މީޑިއާ ޕާޓްނަރުންނާ އެކު އެ ކޮންސެޕްޓް ޓެސްޓު ކުރަމުން ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވެ އެވެ. އަދި މި އަހަރު ތެރޭ އެ ހިދުމަތް ފަށާނެ ކަމަށް ބުނި ނަމަވެސް، ތާރީހެއް އަދި ނޭނގެ އެވެ.
އިސްތިހާރާ އެކު ހިލޭ ބެލޭނެ ފިލްމާއި ޓީވީ ޝޯތައް ޔޫޓިއުބަށް އިތުރު ކޮށްފި ނަމަ، މިހާރު ވެސް އެ ހިދުމަތް ދޭ "ޓޫބީ"، "ޕްލޫޓޯ ޓީވީ" އަދި "ރޯކު" ފަދަ ޕްލެޓްފޯމުތަކާ ވާދަކުރެވޭނެ އެވެ.
ޔޫޓިއުބުން ދާދި ފަހުން ވަނީ ސްޓްރީމިން ހިދުމަތް ދޭ 30 އަށް ވުރެ ގިނަ ކުންފުންޏާ އެކު "ޕްރައިމް ޓައިމް ޗެެނެލްސް" ގެ ނަމުގައި ސަބްސްކްރައިބް ކޮށްގެން ޓީވީ ޝޯތަކާއި ފިލްމުތައް ބެލޭނެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
ކޮންމެ މަހަކު 65 ޑޮލަރު ދައްކައިގެން 85 އަށް ވުރެ ގިނަ ލައިވް ޗެނަލްތައް ބެލޭ އެ ހިދުމަތް އަދި ލިބެނީ އެމެރިކާ އަށް އެކަންޏެވެ. ޔޫޓިއުބުން ބުނީ މުޅި ދުނިޔެއަށް އެ ހިދުމަތް ތައާރަފް ކުރުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.