ބޮލީވުޑްގެ ބަތަލާ، ދީޕިކާ ޕަދުކޯންގެ ސްކިން ކެއާ ރޫޓީންގެ މިންވަރެއް ފޭނުންނާ ހިއްސާކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު އިންސްޓަގްރާމުގައި އޭނާ ޕޯސްޓްކުރި ރީލެއްގައި، އަމިއްލަ ސްކިން ކެއާ ބްރޭންޑް، "82E" ގެ ކްލެންސާއެއް ބޭނުންކޮށްގެން މޫނު ދޮންނާތީ ފެނެ އެވެ.

މި މަހު އަޅުވާ "ޕަތާން" ފިލްމުގައި ޝާހްރުކް ހާނާ އެކު ލީޑު ރޯލަކުން ފެންނަ ދީޕިކާގެ ވީޑިއޯގައި ބުނީ އޭނާ އެ ޕްރޮޑަކްޓު ބޭނުންކުރަނީ ހަންގަނޑު އަވަހަށް އޮމާންވާތީ ކަމަށެވެ.

އެ ވީޑިއޯގައި އޭނާ ވަނީ ހަންގަނޑުގެ "ކްލެންސިން ރުޓީން" ނުވަތަ ސާފުކުރުމުގެ ރޫޓިން ވެސް ކިޔައިދީފަ އެވެ. އޭނާ ބުނީ އެ ޕްރޮޑަކްޓް މޫނާއި ކަރުގައި އުނގުޅުމަށް ފަހު މޫނު ދޮވުމުގެ ކުރިން މިނެޓެއްހާއިރު މަޑުކުރަން ޖެހޭނެ ކަމަށެވެ.

ދީޕިކާ "ކްލެންސިން ރޫޓީން" ދައްކާލި ވީޑިއޯގެ ތެރެއިން
ދީޕިކާ "ކްލެންސިން ރޫޓީން" ދައްކާލި ވީޑިއޯގެ ތެރެއިން

"(ހަންގަނޑު) ވަރަށް ވަރަށް ތެތްކޮށް ހުންނަ ކަމުގެ އިހުސާސްކުރެވޭނެ. ހިކިފައި ހުންނަ ކަމުގެ އިހުސާސެއް ނުކުރެވޭ." ލޯގަނޑަކަށް ބަލަން ހުރެ ދީޕިކާ ވީޑިއޯގައި ކިޔައިދިނެވެ.

އޭނާ ބުނީ ހަންގަނޑު ސާފުކުރުމަކީ އޭނާގެ ސްކިން ކެއާ ރޫޓީންގެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

އެއްވެސް ކަހަލަ މޭކަޕަކާ ނުލައި އާންމުކުރި އެ ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ ފޭނުން އައީ އޭނާގެ ރީތިކަމަށް ތައުރީފް ކުރަމުންނެވެ. އަދި ގިނަ ބަޔަކު ބުނި ގޮތުން، މޭކަޕާ ނުލައި ވެސް ދިޕިކާ އެހާ ރީއްޗެވެ. އަނެއް ބަޔަކު ބުނަނީ އޭނާ މޭކަޕެއް ބޭނުމެއް ވެސް ނުވާހާ ރީތި ކަމަށެވެ.

މިއީ ދިޕީކާގެ އަމިއްލަ ބްރޭންޑުގެ ޕްރޮޑަކްޓެއް ދައްކާލި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ބްރޭންޑް ލޯންޗުކުރުމަށް ފަހު ވެސް އޭނާ ވަނީ "82E" ގެ ޕްރޮޑަކްޓެއް ދައްކާލައިފަ އެވެ.