ކުއްޖަކު ރޯބްލޮކްސް ކުޅެނީ
23 މެއި 2023 - 06:43
ގޭގައި ބޭނުންކުރާ އައިޕެޑްގެ ޕާސްވޯޑް ބަދަލުކޮށް، އިނގިރޭސި ވިލާތުގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ގޭމިން ސައިޓް ރޯބްލޮކްސް އަށް 2،500 ޕައުންޑް (3،100 ޑޮލަރު) ހޭދަކޮށްފި އެވެ.
މިކަން ދިމާވި ބެލެނިވެރިޔާ ޖިއޮޖީނާ މުންޑޭ ވަނީ މިއީ ބެލެނިވެރިން ވަރަށް ސަމާލުވާންޖެހޭ މައްސަލައަކަށް ވެފައިވާ ކަމަށް ބުނެ އެކަމާ މެދު ހޭލުންތެރިވުމަށް ގޮވާލައިފަ އެވެ.
މަންމައަށް ނޭނގި ހަރަދުކުރި ފައިސާ ޖަމާވި ޓެސްކޯ ބޭންކުން އެންމެ ފުރަތަމަ ވަނީ މި ފައިސާ އަނބުރާ ދޭން އިންކާރުކޮށްފަ އެވެ. އެކަމަކު ބީބީސީ ރޭޑިއޯ 4 ގެ ޝޯއެއްގައި މި މައްސަލަ ނަގައި އެ ވާހަކަ ދައްކަން ފެށުމާ އެކު މާފަށް އެދި މިހާރު ވަނީ ފައިސާ ދީފަ އެވެ.
ބެލެނިވެރިޔާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އެހެންވެ އާދައިގެ ސްކޫލެއްގައި ކިޔަވައިދޭން ޖެހުމުން ދިމާވި ގޮންޖެހުންތަކާ ހެދި މި ދުވަސްވަރު ހުރީ ސްކޫލަށް ނުގޮސް ގޭގައި ކަމަށާއި އެހެންވެ ގިނައިން ގޭމް ވެސް ކުޅެން ފެށީ ކަމަށެވެ. އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ކެނޑުމުން އެންމެ ފުރަތަމަ އެއީ ދަރިފުޅުގެ އެކައުންޓް ހެކްކޮށްގެން މީހަކު ކުރި ކަމެކޭ ހީވި ކަމަށާއި އެކަމަކު ފަހުން ހަގީގަތް އެނގުމުން މާ ބޮޑަށް ދެރަވި ކަމަށް ބުންޏެވެ.
ރޯބްލޮކްސް އިން ބުނީ، ހުއްދަ ނެތި ހަދާ ޕޭމަންޓްތައް ދެނެގަތުމަށް އެ ކުންފުނިން ހާއްސަ ފިޔަވަޅުތައް އަޅާފައި ހުންނަ ކަމަށެވެ. އަދި އެޕަލް އިން ބުނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ފައިސާ ދައްކާ ނަމަ، ޕޭމަންޓުގެ ކުރިން އެކަން އެނގޭނެ ގޮތް ވެސް ހެދޭނެ ކަމަށެވެ.
ރޯބްލޮކްސްގައި އަމިއްލަ ގޭމް ކްރިއޭޓްކުރެވެ އެވެ. އެކަމަކު ފައިސާ ދައްކައިގެން އަޕްގްރޭޑްކޮށް، ގޭމް ކުޅޭ މީހާގެ އެވަޓާ އާއި ހެދުންތަކާއި އެކްސެސަރީސް ވެސް ހޯދޭނެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy