އެންމެ ސްޕީޑް ބާރު އެސްޑީ ކާޑު ސޮނީން އުފައްދައިފި

މިހާތަނަށް އެއްވެސް ކުންފުންޏަކުން އުފައްދާފައި ނުވާ ވަރުގެ ސްޕީޑް ބާރު އެސްޑީ ކާޑެއް ސޮނީން އުފައްދައި، ރެކޯޑް ގާއިމުކޮށްފި އެވެ.


ސޮނީގެ އެސްއެފް-ޖީ ޔޫއެޗްއެސް-2 ސީރީޒްގެ މި ކާޑު ރީޑްކުރާ ސްޕީޑަކީ ސިކުންތަކު 300 މެގަބައިޓެވެ. އަދި ރައިޓް ސްޕީޑަކީ 299 މެގަބައިޓެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ލެކްސާ ޕްރޮފެޝަނަލް 2000 އެކްސް ގައި ވެސް 300 މެގަބައިޓްގެ ރީޑް ސްޕީޑް ހިމެނި އެވެ. އެކަމަކު އޭގެ ރައިޓް ސްޕީޑަކީ 260 މެގަބައިޓެވެ. ތިއޮރެޓިކަލް ގޮތުން ބަލާއިރު ޑޭޓާ ޓްރާންސްފާކުރެވޭނެ އެންމެ ހަލުވި ސްޕީޑަކީ ސިކުންތަކު 312 މެގަބައިޓެވެ.

"މި ހަލުވި ރައިޓް ސްޕީޑާ އެކު، ފޮޓޯ ނަގާ ޑިވައިސްތަކުގެ ޕާފޯމަންސް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވި، ޔޫއެޗްއެސް-2 ބޭނުންކުރެވޭ ޑިވައިސްތަކުން ހައި ރެޒޮލޫޝަން އިމޭޖްތައް ނެގުމުގައި ގިނަ ވަގުތު ގެންގުޅެވޭނެ،" ސޮނީން ނެރުނު ބަޔާނުގައި ބުންޏެވެ.

މި އާ އުފެއްދުމާ އެކު "ބަފަ ކްލިއަރިން" އަށް ހޭދަވާ ވަގުތު ވެސް ކުރުވެގެން ދާނެ ކަމަށް ސޮނީން ބުންޏެވެ. މި ކާޑު މި އަހަރު ފަހުކޮޅު ބާޒާރަށް ނެރޭނެ އެވެ.