އޮފީސް މޭޒުގައި ހެނދުނު ސަޔަށް ގަތް ހެދިކާތަކާއި އެކު -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު
17 ޖެނުއަރީ 2025 - 10:02
ގަޑިޖެހިދާނެތީ، އެހެން ނޫނީ ގަޑި ޖެހިގެން ވިޔަސް ތެޅެމުން ފޮޅެމުން ގޮސް އޮފީހަށް ވަދެވުމާ އެކު އަނެއްކާ އޮންނަނީ ބޭރަށް ނުކުތުމެވެ. ހެނދުނު ސައިގެ ކަންތައް ނިންމަންވީ އެވެ. އެއްބަޔަކު ގޮސް ކޮންމެވެސް ކެފޭއެއްގެ މޭޒުދޮށުގަ އެވެ. އެކަމަކު މިހާރު ފިހާރަތަކުން ވެސް ހެދިކާ އާއި ރޮއްޓާއި ކުޅިމަހާއި އޭތި މީތި ލިބޭތީ އެ ތަންތަނަށް ގޮސް އެ ދަނީ ހެދިކާތައް ކޮތަޅުތަކަށް އަޅައިގެން އޮފީހަށެވެ.
މިއީ މިހާރުގެ "ލައިފް ސްޓައިލް" އެވެ. ދިރިއުޅުމަށް އައި ބަދަލުތަކާ ލިބުނު ފަސޭހައިން އަހަރެމެންގެ ވައްޓަފާޅިއަށް އައި ބަދަލެކެވެ. ކަންމަތީ ފިހާރައިން ހެނދުނު ސައި ހަމަޖައްސާލޭތީ، ކޮންމެހެން ބޮޑު ފަތިހާ ތެދުވެ ބަދިގެއަށް ވަނުމުގެ ބޭނުމެއް ނެތެވެ. ގްރޫޕު ހަދައިގެން، ކައިރި ކެފޭ ހޮޓާތަކަށް ދިއުމުގެ ބޭނުމެއް ވެސް ނެތެވެ. ވިއްސަކަށް ރުފިޔާގެ ހެދިކާއިން ފައިސާ އާއި ވަގުތު ވެސް ސަލާމަތްވަނީ އެވެ.
ފަސޭހަވެފައި އާންމު ކަމަކަށް ވިޔަސް ހެނދުނު ހެނދުނާ ހެދިކާ ކެއުމަކީ އެތައް ގޮތަކުން ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ.
ހެނދުނު މާލޭގެ ފިހާރައެއްގައި މީހުން ހެދި ގަނެގެން ސައި ބޮނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޑައީޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވީ ޑީޕް ފްރައިކޮށް، ހުނި އަޅައި މޮޑެފައި މި ހުންނަ ހެދިކާތަކުން ހަށިގަނޑުގައި ފެޓް ހުންނަ މިންވަރު އިތުރުވާ ކަމަށެވެ. އަދި މިފަދަ ހެދިކާތަކުގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މާ ގިނައިން ކެލަރީސް ހުންނައިރު، ކޮލެސްޓްރޯލް މައްޗަށް ގޮސް ހިތުގެ މައްސަލަތަކަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެ އެވެ.
"އާންމު ދިވެއްސެއްގެ ބަރުދަނުގައި މިސާލަކަށް 54 ކިލޯ ހުންނަ ނަމަ އެމީހަކަށް އެވްރެޖުކޮށް މި ބޭނުންވަނީ 1،600 ކެލަރީސް. އެންމެ ހެވީކޮށް ބްރޭކްފާސްޓް ނެގިއަސް އެމީހެއްގެ ރިކުއަމަންޓަކަށް ވާނީ 480 ކެލަރީސް. މި އަދަދު މި ހަމަވާންޖެހެނީ ޕްރޮޓީންސް އާއި މި ހުރިހާ ބާވަތެއް އެއްކޮށްގެން. އެކަމަކު ދެތިން ހަތަރު ހެދިކާ ކާއިރު މުޅި ދުވަހަށްވާވަރަށް ފެޓްސް އެބަ ހަމަވޭ. އަދި ކެލަރީސް މާ ބޮޑަށް އެބަ އިތުރުވޭ،" އާސިޔާ ވިދާޅުވި އެވެ.
ފިހާރައަކުން ހެދިކާ ގަނެގެން ދަނީ.-- ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ހެނދުނު މި ހެދިކާތަކާ އެކު އެއްބަޔަކު މި ބޯ އެކި ދަޅުތަކާއި ޕެކެޓްތައް ވެސް އެހާ ގޯހެވެ. މިފަދަ ބުއިންތަކުގައި ވެސް ގިނަ އަދަދަކަށް ސެޗުރޭޓެޑް ފެޓްސް ހިމެނޭއިރު، އިތުރު ނުރައްކާ ކުރިމަތިވަނީ ހަކުރުންނެވެ. އާސިޔާ ވިދާޅުވީ މިއީ ވަރަށް ފަސޭހައިން ގޭސްޓްރިކްގެ މައްސަލަތައް ވެސް މެދުވެރިވާ ސަބަބެއް ކަމަށެވެ.
މިއީ އަހަރެމެންނަށް އާ މައުލޫމާތެއް ނޫނަސް މި އާދަޔާ ދުރެއް ނުވެވުނެވެ. ފަސޭހައަކަށް، ތިމާގެ ސިއްހަތާ މެދު ފަރުވާ ކުޑަކޮށްލަނީ އެވެ.
ހެނދުނު ސައި ގަޑީގައި ފިހާރައެއްގައި ވިއްކަން ހުރި ބައެއް ކާބޯތަކެތި -- ފޮޓޯ: ނިޝާން އަލީ/މިހާރު
ޑައިޓީޝަން އާމިނަތު އިއާޝާ ވިދާޅުވީ މިފަދަ އާދަތަކާ މެދު އެހާ ހަރުކަށިކޮށް ވިސްނުމަށްވުރެ ރަނގަޅީ، ހަށިގަނޑަށް ފައިދާހުރި އެހެން ބާވަތްތައް ވެސް މި ކެއުމުގައި ހިމެނުން ކަމަށެވެ.
"އަބަދުވެސް މީހުންނަށް ދެވޭނީ އެންމެ ފަސޭހައިން ކަންކުރެވޭނެ ގޮތަކަށް. ހެދިކާތަކުން ގިނައިން މި ލިބެނީ މުޅިންވެސް ފެޓްސް. އެހެންވީމަ އެ ކެއުމަކާއެކު މޭވާއެއް، ޔޯގަޓެއް ނޫނީ ނަޓްސްކޮޅެއް އިތުރުކުރެވިދާނެ. އިތުރަށް އެހެން އޮޕްޝަންތަކެއް ހުރީމާ ހެދިކާ ކެވޭ ވަރު ވެސް މަދުވާނެ،" އިއާޝާ ވިދާޅުވި އެވެ.
މި ގޯސް އާދައިން ދުރުވުމަށް ދެ ޑައިޓީޝަނުން ވެސް ދެއްވީ އެއް ހިޔާލެކެވެ. ދުޅަހެޔޮކޮށް ކެއުމުގައި ދެމިތިބުމަށް ކުޑަ ހައްލެކެވެ. ކެއުންތަކަށް ދުރާލައި ރޭވުމާއި ތައްޔާރުވެ ތިބުމެވެ.
ޓޭކްއަވޭއެއް ދޮށުގައި މީހުން ކާއެއްޗެހި ގަންނަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު
ކޮންމެ ދުވަހަކު އޮފީސް ދޮށުގެ ފިހާރަތަކުން ހެދިކާތަކާއި ސަބްމެރިންތަކުގެ ބަދަލުގައި ރޭގަނޑު ނިދުމުގެ ކުރިން ގޭގައި މަސްކޮޅެއް މޮޑެ ފްރިޖަށް ލާށެވެ. ތެދުވެ ޕާން ފޮއްޗަކަށް މަސްކޮޅު އަޅައި، އޮފީހަށް ގޮސް ކާންވީ އެވެ. ބޭކާރު ގޮތުގައި ހަށިގަނޑަށް އިތުރުވާ ގެއްލުންހުރި ލޮނާއި، ސޯޑިއަމް އަދި ފެޓްސް އިން ފުރިފައިވާ މެޔޮނައިޒް އިން ސަލާމަތްވެވުނީ އެވެ.
ނޫން ނަމަ މާ ބޮޑު ކެއުންގަނޑަކަށް ހެނދުނުގެ ސައި ނުހަދައޮ ހައްޓަށް ވެސް މާ ލުއިވާނެހެން ކިރުތަށްޓަކާ އެކު ވިޓަބިކްސް ނުވަތަ ގްރެނޯލާ މިއުސްލޭ ފަދަ ބާވަތެއް، ކުކުޅު ބިހާ އެކީ ކާލާށެވެ.
ހެދިކާތަކާއި ކޮފީދަޅުގެ މި މައްސަލަ ފެށެނީ މާ ދުރުންނެވެ. ދުވަހުގެ މަސައްކަތް ނިންމައި ގޭތެރޭގެ ޒިންމާތަކަށްފަހު ހަމަޖެހިލައި، ހިތްހަމަ ޖެހިލުމަށް މިތިބެނީ ރޭގަނޑު ދަންވަންދެން ހޭލަ އެވެ. އަނެއްކޮޅުން ހޭލެވެނީ އަނެއް ދުވަހުގެ ޒިންމާތަކުން އަޅާ އެލާމަށެވެ. ކާނެ އެއްޗަކާ މެދު ފިކުރު ކުރެވެނީ އޮފީހަށް ދެވުމުންނެވެ. އޭގެ ބަދަލުގައި ރޭގަނޑުގެ ނިދުން އަވަސްކޮށް، އެކަނިވެ ހިތްހަމަ ޖައްސާލުމަށް ފަތިހު ހޭލަން އާދަކުރުން މާ ރަނގަޅުކަމަށް އާސިޔާ ވިދާޅުވި އެވެ.
ޓޭކްއަވޭއެއްގައި ހެނދުނު ވިއްކަން ހުރި ބައެއް ތަކެތި --- ފޮޓޯ:ނިޝާން އަލީ/މިހާރު
ހަރުލަމުން މިދާ މި އާދަތަކުން ސަލާމަތްވުމަކީ ހަމައެކަނި ފަރުދީ ޒިންމާއަކަށް ހަދައި ފުއްދާލެވޭކަށް ނެތެވެ. މިކަމުގައި ވިސްނާލުން މުހިންމު އެތަށް ކަމެއް އެބަހުއްޓެވެ. ހާއްސަކޮށް ހަށިގަނޑަށް ފައިދާހުރި ބާވަތްތަކުގެ ކާނާ، އަގު ހެޔޮކޮށް ލިބެން ހުރުން މުހިންމެވެ. ކޮންމެ މީހަކީ ގޭގައި އަމިއްލަ އަށް ކޮންމެ އިރަކަށް ކާނާ ތައްޔާރުކުރަން އުނދަގޫވެދާނެ މީހެއްކަން ފާހަގަކޮށް އިއާޝާ ވިދާޅުވީ އެންމެނަށް ވެސް ފައިދާހުރި ކާނާ ފަސޭހައިން ލިބޭނެ ގޮތްތައް އިތުރުވާންޖެހޭ ކަމަށެވެ.
"އޮޓޯ ޕައިލެޓްގައި މިހެން އުޅޭއިރު އަހަރެމެންގެ މި ފުޑް ސިސްޓަމްގައި ރަނގަޅަކަށް ނުކެވޭނެ އެކަކަށް ވެސް. ފިހާރައިގައި ވިއްކަން ތެޔޮ ރޮށި ހުންނައިރު އާޓާ ރޮށްޓެއް ނުހުރޭ. އެހެންވީމާ ފަރުދީ ޒިންމާގެ އިތުރުން އޯގަނައިޒޭޝަން ތަކުން ވެސް ވިސްނަންޖެހޭ އަހަރެމެންގެ ކެއުމުގެ މާހައުލުގައި ސިއްހަތަށް ފައިދާހުރި ކާނާ ފަސޭހައިން ހިޔާރުކުރެވޭނެ ގޮތެެއް މަގުފަހިކޮށްދޭން،" އިއާޝާ ވިދާޅުވި އެވެ.
ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ގިނަފަަހަރު ވަޒަންކުރެވެނީ މާ ލަސްވުމުންނެވެ. އޮފީސް މޭޒުދޮށުގައި އިނދެ މިއަދު މި ކެވޭ ހެދިކާތަކުން ހައްޓަށް ލިބޭ ގެއްލުން އަދި ނުފެނިދާނެ އެވެ. މިއީ ސިއްހީ ނުރައްކާތަކަށް ދެވޭ ދައުވަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮފީސް ދައްތަ
20 January 2025
ގޭގަ ސައިބޮއިގެން ދަންޏާ ތިޔަ ހެދިކާ ބޮނޑިކާކަށް ނުޖެހޭނެދޯ. އަހަރެމެން ދަނީ ބޮޑުފަތިހާ ތެދުވެ ސައިހަދައިގެން ސައިބޮއިގެން.
ވަނދުގިބޮޅި
18 January 2025
ފުލުހުންގެ ކޮއްތުގެ ބައެއް ތަކެތި ކަނޑާލީ ސަރުކާރުން ފައިސާ ނުދޭތީތޯ. އެމީހުން ކާތަކެތި ނުގެންގޮސް ވާނެތޯ.
އަރިމަތި
18 January 2025
ގައުމު ތަރައްގީވެ ތަހުޒީބުވަނީއޭ ކިޔަނީއެވެ. ހެދިކާ އަދި ބަތްކޮތަޅު ގެންދަނީ ކެމިކަލުން ހަދާފައިހުންނަ ޕުލާސްޓިކު އެތެރެ ފެންނަ ކޮތަޅުގައެވެ.
ބިލިމަގު
18 January 2025
ބޭކާރު ވާހަކަ. ތިމާ ކަން އާދަވެފައި ހުރި ބާވަތެއް މެދުމިނަކަށް ކައިގެން އުޅުނީމާ ތި ބުނާހާ މައްސަލަތަކެއް ދިމައެއް ނުވާނެ. ޑައިޓީޝަނުންނާ ނިއުޓްރީޝަނުން ހުރިހާ ކަމެއް ގްރާމުން ގްރާމަށް ބެއްޔަސް އިންސާނާގެ ހަށިގަނޑު ކަންކަމަށް އިޖާބަދެނީ އެތައް ކަމެއް އޭގަ އެކުލެވިގެން.
ޝަނީފް
28 January 2025
މިހާތަނަށް މީހަކު ބުނި އެންމެ ރަނގަޅު ވާހަކަ!
ޘަަގީފު
18 January 2025
މުސާރަ: 20000ރ މާލޭ މީހާއަށް ދައްކާ ޓެކްސް: 14000ރ ބިލްތަކަށް: 1500ރ ކެއުމަށް: 3000ރ (އާދައިގެ ތަރުކާރީ، އާފަލު، އޮރެންޖު، ކިރު، ބިސް، ހަނޑޫ، ފުށް...) ދެން މީހުންނަށް ކޮން މަލާމާތެއް މި ކުރަނީ. ހެދިކާ ކަނީ އަގުހެޔޮ ވީމަ. ޢަތުގަ ނޯވޭ ލާރިއެއް. ދުވަހުގަ ނޯވޭ ވަގުތެއް.
ދެން ނިދަންދޭ
19 January 2025
ކޮންތާކު. ދިވެހިން ހެދިކާކަނީ އެއަށް ދެވިހިފާފަ ހުންނާތި އަދި މިނަށްވުރެ ކަންނެތްވީމަ.
raajje
18 January 2025
ސިއްހަތާމެދުވިސްނާނެ ވަގުތެއް ގިނަމީހުނަކަށްނެތް، އެއީ ފުރިހަމަސިއްހަތަކީ ކިހާބޮޑު ނިއުމަތެއްކަންނޭންގޭތީ، ކާއެއްޗެހިންވަނީ ކީއްކަންވެސްނޭންގޭތީ، އެންމެގިނައިން ހަކުރުބޭނުންކުރާ އެއްގައުމަށް ރާއްޖެވާނެ، ހަކުރަކީ އެއްވެސްފައިދާއެއްނުލިބި ހުސްގެއްލުންލިބޭއެއްޗެއް، ހަނދާންވަނީ ރޯދަމަހުދަށްކާ محمد رسول الله ޑުރާމާގަ "ފައިދާއެއްނެތް ގެއްލުންހުރިއެއްޗެއްގަންނާނީކާކު" މިތަންކޮޅު، ސިނގެރޭޓުވެސް ހަމަބޮނީނޫންތޯ ހަގީގަތަކީނޭންގެނީވާގެއްލުން ނުވަތަ ގަމާރީ
މަދުވަނީއޭދޯ
17 January 2025
އޮފީހަށް ދާއިރު އަތުގައި ހެދިކާ ކޮތަޅެއް އޮތުމުން މަމެން ހައިރާން ނުވެއޭ އިސްލާމް ދީނުގެ އުސޫލު ތަކަށް ބަލާއިރު އަންހެން ވެރިން އަނބިންނަށް ބަދަލު ވުމުގެ ކުރިން ތިން އިރު ކާން ބޭނުންވާ ހުރިހާ ތަކެތި ހަދަން ދަސްކޮށް އަދި ގޭގައި އެ ތަކެތި ކައްކަން އިނގެން ޖެހޭނެއޭ ދެން ފަތިހު ފަތިސް ނަމާދަށް ހޭލާ ގޮތަށް ހުންނަން ޖެހޭނީ ހޭލާ ފިރިމީހާ އާއި ދަރިންގެ ޚިދްމަތުގައޭ ގޭގައި މަސައްކަތް ކޮށް ކުދިން ތަރްބިއްޔަތު ކުރުމުގައި އަަނބިމީހާއޭ މައި ރޯލް ކުޅޭނީ މިބައި
އޮފީސް ބޯއީ
17 January 2025
ހެދިކާ ކެއުން ދޯ؟ އޮފިސްތަކުގައި އެއުޅޭ ކުދިން ބަންގާޅިންގެ ތެޔޮގަނޑު އަނބުރާފައި ހަދާ ހެދިކާ ކެއުމުގައިނޯވޭ ތަސައްރަފެއް! އަތުޖެހި ވެސް ކާލަނީ! ކެއުމަށްފަހު އެމީހުންގެ ކިއްލިން ނިންމާލަނީ
ފޮނިފޮނިޓައްޕު ކުމާރު
17 January 2025
ބައެއްމީހުން ބުނާނެ ތިމަންނާ ހުންނަނީ ހެނދުނު ހެދިކާކޮޅެއް އަދި ހެދިކާކޮޅެއް ކާލައިގެންނޭ. ހިއްކެއްނުވެއޭ. ހިއްކެއްނުވާނެތާ ތެޔޮނޫންއެއްޗެއް ދިރޭކަމަކަށްނުވޭވިއްޔަ. އުޅެވޭގޮތެއް ނޭންގޭވިއްޔަ.
ތިމާވެށި
17 January 2025
ލިޔުމުގަ ހުރި ވާހަކަ ތައް ވ ރަނގަޅެވެ. އެކަމު ބިނާ ކުރުވަނިވި ފާޑު ކިޔާފަ ލިޔެފަ ހުރި ކޮމެންޓް ވ މަދެވެ. ނުރައްކާ ތެރި ބައްޔެއް ޖެހި ޑޮކްޓަރު ކޮންމެ ދުވަހަކު އާފަލެއް ކާން ވާނެ އޭ ބުނާ އިރަށް ކާނެ އެވެ. ޑޮކްޓަރަށް ދިއުމުގެ ކުރީން ސިއްހަތައް ބަލައިގެން އުޅެން ވީ އެވެ.