ޕްރީސްކޫލް އުމުރުގައި ނިދި ވަރަށް މުހިންމު

ޕްރީސްކޫލަށް ދާ އުމުރުގެ ކުދިންނަށް އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ، ބޮޑުވެގެން އަންނައިރު، ކަންކަމަށް ސަމާލުކަން ދިނުމާއި ޖަޒުބާތުތައް ހިފެހެއްޓުމާއި ކަންކަން ދަސްކުރުމުގައި އުނދަގޫތަކާ ކުރިމަތިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


ދިރާސާގައި އިސްކޮށް ހުންނެވި ޑރ. އެލްސީ ޓަވެރާސް ވިދާޅުވީ ނިދި ހަމަނުވެ އުޅޭ ކުދިންގެ އުމުރުން ހަތް އަހަރު ވާއިރު އެފަދަ ކުދިންގެ ނަފްސާނީ އަދި ޖަޒުބާތީ ކަންކަމުގައި އުނިކަން ހުންނަކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ.

ޓަވެރާސް ވިދާޅުވީ ރަނގަޅަށް ނުނިދި ބޮޑުވަމުން އަންނަ ކުދިންގެ ކިބައިން، ކަންކަމަށް ސަމާލުކަން ދިނުން ކުޑަކަން ފާހަގަވެ އެވެ. އަދި ރުޅި ގަދަވުމާއި ކަންކަން މެނޭޖްކޮށްގެން ކުރަން ނޭނގުމާއި އުޅުން ގޯސްވުމުގެ މައްސަލަތައް ވެސް އެ ކުދިންގެ ކިބައިން ބޮޑަށް ފެންނަކަން، މަސަޝޫސެޓްސް ޖެނެރަލް ހޮސްޕިޓަލް ފޯ ޗިލްރެންގެ ތަޖުރިބާކާރެއް ކަމަށްވާ ޓަވެރާސް ފާހަގަކުރެއްވި އެވެ.

"މިއީ ކުޑަކުއްޖެއްގެ ދިރިއުޅުމުގެ މައިގަނޑު ހުރިހާ ކަމެއް. އެހެންވެ މިއީ ކުއްޖަކު ސްކޫލްގައި ކާމިޔާބު ވުމަށް މުހިންމު ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް،" ޓަވެރާސް ވިދާޅުވި އެވެ.

ހާހަކަށް ވުރެ ގިނަ ކުދިން ބައިވެރިކޮށްގެން ކުރި ދިރާސާގައި ކުދިންގެ ނިދުމުގެ އާދަ ހުންނަ ގޮތާއި ސްކޫލްގައި ހޯދާ ކާމިޔާބީއަށް ބެލި އެވެ. އަދި ކުދިންގެ އުމުރުން ހަތް އަހަރުވުމަށް ފަހު ކުދިންގެ އުޅުން ހުންނަ ގޮތާއި ކިޔެވުމާ ގުޅުން ހުރި ކަންކަން ވެސް ވަޒަންކުރި އެވެ. މި ކަންކަމުން އެނގުނީ ޕްރީސްކޫލް އުމުރުގައި ރަނގަޅަށް ނިދި ކުދިންގެ ކިބާގައި ރަނގަޅު ކަންތައްތައް ގިނަކަމެވެ.

ކުދިންގެ އުމުރާ ގުޅޭ ގޮތުން ނިދި ބޭނުންވާ މިންވަރު ތަފާތެވެ. ދިރާސާކުރި ތަޖުރިބާކާރުން ލަފާ ދެއްވަނީ 3-4 އަހަރާ ދެމެދުގެ ކުދިން ދުވާލަކު 11 ގަޑިއިރުގެ ނިދި ބޭނުންވާ ކަމަށެވެ. އުމުރުން ހަގުވި ވަރަކަށް ގިނައިން ނިދި ބޭނުންވެ އެވެ. އަދި ބޮޑުވަމުންދާ ވަރަކަށް ނިދި ބޭނުންވާ ވަރު މަދުވެ އެވެ.