މި އަހަރުގެ މިސް ޔުނިވާސް، މެކްސިކޯގެ ފާތިމާ ބޮޝް.
21 ނޮވެމްބަރ 2025 - 11:20
މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު، މެކްސިކޯ އިން އެ މުބާރާތުގައި ވާދަކުރި ފާތިމާ ބޮޝްއަށް މިއަދު ލިބިއްޖެ އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތުގެ ފައިނަލްގައި، އުމުރުން 25 އަހަރުގެ ފާތިމާ މުބާރާތް ކާމިޔާބުކުރީ 120 ބައިވެރިންނާ ވާދަކޮށްގެންނެވެ. އެ މުބާރާތުގެ ފައިނަލްގައި ހިމެނުނީ އޭގެ ތެރެއިން ގަދަ 30 އަށް ހޮވުނު ބައިވެރިންނެވެ.
މިސް ޔުނިވާސް 74ގެ ގަދަ ފަހެއްގައި ފާތިމާއާ ވާދަކުރީ ތައިލެންޑާއި ފިލިޕިންސް އާއި ވެނެޒުއޭލާ އަދި އައިވަރީ ކޯސްޓް އިން ވާދަކުރި ބައިވެރިންނެވެ. އެ މުބާރާތުން ދެވަނަ ހޯދީ ތައިލެންޑުގެ ޕްރަވީނާރް ސިންހެވެ.
މިއީ މެކްސިކޯގެ ބައިވެރިޔަކަށް މިސް ޔުނިވާސްގެ ތާޖު ލިބުނު ހަތަރުވަނަ ފަހަރެވެ.
ފާތިމާ މިސް ޔުނިވާސްގެ ތާޖު ކާމިޔާބުކުރި އިރު، އެ މުބާރާތުގެ ޑިރެކްޓަރާ އޭނާއާ ދެމެދުގައި ބޮޑު ޒުވާބެއް ހިނގި މައްސަލައެއް މިދިޔަ މަހު ފެންމަތިވި އެވެ. އެ ޒުވާބު ހިނގީ މުބާރާތުގެ ސްޕޮންސާޑް ކޮންޓެންޓް ޕޯސްޓުކުރާ ފާތިމާ ދެކޮޅު ހެދުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެ މައްސަލާގައި މުބާރާތުގެ ޑިރެކްޓަރު ފާތިމާއަށް ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވެސް އަމާޒުވި އެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތާ ގުޅޭ އެހެން ވަރަށް ގިނަ މައްސަލަތައް ވެސް ފެންމަތިވި އެވެ.
އެ މުބާރާތުގެ ފައިނަލަށް ތައްޔާރުވެފައި އޮއްވައި، އިންސާފުވެރިކޮށް ކަންކަން ނުދާ ކަމަށް ބުނެ މުބާރާތުގެ ދެ ފަނޑިޔާރަކު ވަނީ އިސްތިއުފާ ވެސް ދީފަ އެވެ.
މިދިޔަ އަހަރު މިސް ޔުނިވާސްގެ ތާޖު ކާމިޔާބުކުރީ ޑެންމާކުގެ ވިކްޓޯރިއާ ކިއާހް ދެލްވީގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
21 November 2025
މިސް ޔުނިވަރސްގައި ރާއްޖެއިން ބައިވެރިނުވާ ކަމީ ފަޅުކަމެއް. އަދި ތަރައްގީގެ ރޮގުގައި މިއުޅެވެނީ ވަރަށް ފަހަތުގަކަން ދައްކުވައިދޭ ކަމެއް. ސިންގްޕޫރު ނުވަތަ ޑުބާއީ ކަހަލަ ކުރިއަރާފަވާ ގައުމަކަށް ރާއްޖެ ބަދަލު ކުރެވޭނީ އިސްލާމްދީނުގެ މެދުމިނުގެ ވިސްނިުން ދިވެހިންތެރޭ މަގްބޫލް ވެގެން. ހަރުކަށި ވިސްނުމާއެކީ ޒަމާނީ ތަރައްގީ ނުގެނެވޭނެ.
ބޭންކު އަބުޅޯ
21 November 2025
މީގެން ދެން ދުނިޔޭގެ ކޮންކަމެއް ހައްލު ވަނީ. އަދި ޔުނިވަރސް ގެ ވާހަކަ ތި ބުނަނީ. އިންސާނިއްޔަތު ކަމަށް ނޫނީ ދުނިޔެ ހިމާޔަތް ކުރަން ކަމެއް ކޮށްދީފަ ހުރި އަންހެނަކަށް މާ ޙައްޤެއް ނޫންތަ މި ނަން ކިޔަން. ފެންނަ ފެނުމަށް ރީތިވެގެން ކުރެވޭނެ ކަމެއް އޮވޭތަ؟