ގިނަ އަދަދެއްގެ އަންހެނުންނަށް ކުރިމަތިވާ ސިއްހީ މައްސަލައެއް ކަމަށްވާ ޕީސީއޯއެސްގެ ނަން، ޕޮލިއެންޑޮކްރައިން މެޓަބޮލިކް އޯވޭރިއަން ސިންޑްރޯމް(ޕީއެމްއޯއެސް) އަށް ބަދަލުކޮށްފި އެވެ.

އެ ބަދަލުު ގެނައުމުގައި އިސްކޮށް ހުރި ޔޫރަޕިއަން ކޮންގްރެސް އޮފް އެންޑޮކްރިނޮލޮޖީން ބުނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް(ޕީސީއޯއެސް)ގެ ނަމުގައި ހިމެނޭ ޕޮލިސިސްޓިކްގެ ސަބަބުން އެ ހާލަތާ މެދު އޮޅުން އެރުމާއި އޭގެ ސީރިއަސްކަން ގެއްލި އަދި ހާލަތު ދެނެގަތުން ލަސްވާ ކަމަށެވެ.

ކޮންމެ އަށް އަންހެނަކުން އެކަކަށް ކުރިމަތިވާ ޕޮލިސިސްޓިކް ސިންޑްރޯމް ކިޔަސް އެކަން ދިމާވެފައިވާ އެންމެންގެ އޯވަރީގައި ސިސްޓު ނުހުންނަ ކަމަށް، ނަން ބަދަލުކުރުމުގައި އިސްކޮށް ހުންނެވި މޮނާޝް ސެންޓަރުގެ ސިއްހީ ދިރާސާތަކާއި އެކަންކަން ތަންފީޒުކުރުމުގެ ޑިރެކްޓަރު، ޕްރޮފެސާ ހެލީނާ ޓޭޑީ ވިދާޅުވި އެވެ.

ދުނިޔޭގައި އެންމެ ދުވަސްވީ މެޑިކަލް ޖާނަލް، ލާންސެޓުން ބުނީ އެ ބަދަލަކީ ތަޖުރިބާކާރުންނާއި އެކަން ތަޖުރިބާކުރާ މީހުން 14 އަހަރު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. 

ޕީސީއޯއެސް ނުވަތަ މިހާރުގެ ނަމުން ނަމަ ޕީއެމްއޯއެސްގެ ސަބަބުން ބަރުދަނާއި މީހާގެ މެޓަބޮލިކާއި ނަފްސާނީ ދުޅަހެޔޮކަމާއި ރިޕްރޮޑަކްޓިވް ސިސްޓަމް އަދި ހަންގަނޑަށް ނޭދެވޭ އަސަރުކުރެ އެވެ. 

އެމެރިކާގެ ކްލިވްލޭންޑް ކްލިނިކުން ބުނާ ގޮތުގައި އެ ހާލަތު ދިމާވާ އެއްވެސް ސަބަބެއް މިހާތަނަށް ނޭނގުނަސް ޖެނެޓިކް ސަބަބުތަކާއި ބަރުދަން އިތުރުވުމަކީ އެކަމަށް މަގުފަހިވާ ކަންތައްތަކެއް ކަމަށެވެ.

ޕީއެމްއޯއެސްގެ އަލާމާތްތަކަކީ ކޮބާ؟

މީގެ އަލާމާތްތައް ތަފާތުވުމުން އެކަން ދެނެގަންނަން ޑޮކްޓަރުންނަށް އުނދަގޫވެ އެވެ.

ޕީއެމްއޯއެސްއަކީ ގަވާއިދުން ޕީރިއަޑް ނުވުމާއި އެންޑްރޮޖެން ހޯމޯންތައް ގިނަވުމުން މޫނުގައި ގިނައިން އިސްތަށި ފެޅުމާއި ބޮލުން އިސްތަށި ފޭބުމަށް މަގުފަހިވާ ކަމެކެވެ. އޭގެ އިތުރުން އޯވަރީގައި ފޮލިކަލްސް އުފެދުމަކީ ވެސް ވެދާނެ ގޮތެކެވެ. 

ޕީސީއޯއެސް ހުރި އަންހެނެއްގެ އޯވަރީ ހުންނާނެ ގޮތުގެ ކުރެހުމެއް--- ފޮޓޯ: ގްލެމާ
ޕީސީއޯއެސް ހުރި އަންހެނެއްގެ އޯވަރީ ހުންނާނެ ގޮތުގެ ކުރެހުމެއް--- ފޮޓޯ: ގްލެމާ

ފުރާވަރު އުމުރުގެ އަންހެން ކުދިންގެ ކިބައިން ޕީއެމްއޯއެސް ދެނެގަތުމުގައި، ޕީރިއަޑް ނުވުމާއި އެންޑްރޯޖަން މަތިވެފައި ހުރުން އެއީ ބަލީގެ އަލާމާތުގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެފަ އެވެ. އަދި ހޯމޯން ބެލެންސް ގެއްލުމާއި މޫނުމަތީގައި ގިނައިން އިސްތަށި ފެޅުމަކީ ވެސް އަލާމާތްތަކެކެވެ. 

މިއީ ދަރިމައިވުމުގެ މައްސަލައާ ގުޅިފައިވާ ކަމެއް

ކްލީވްލޭންޑް ކްލިނިކްގެ ސްޕެޝަލިސްޓުން ބުނާ ގޮތުގައި އަންހެނުން ދަރިމައިނުވުމަށް ދިމާވާ އެންމެ އާއްމު އެއް މައްސަލައަކީ ޕީއެމްއޯއެސް އެވެ. މީގެ އިތުރުން، މާބަނޑު ވިއަސް ކޮމްޕްލިކޭޝަންތައް ދިމާވުމާއި މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހުމާއި ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ވެސް މިކަމުގެ ސަބަބުން ބޮޑުވެފަ އެވެ. ނަމަވެސް އެ ހާލަތު ހުއްޓަސް އުނދަގުލެއް ނެތި މާބަނޑު ދުވަސްވަރު ފުރިހަމަކުރެވެ އެވެ.

ޕީއެމްއޯއެސް އަށް ފަރުވާ ދެވޭނެ ގޮތް

ޕީއެމްއޯއެސްގައި އެންމެ ބޮޑު ފަރުވާއަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމެވެ. އޭގެ ތެރޭގައި؛

  • ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކެއުން މަދުކުރުން
  • ކަސްރަތު ކުރުން
  • ރޭގަނޑުގެ ނިދި ހަމަކުރުން

"ޕީއެމްއޯއެސްގައި ގިނަ އަންހެނުންގެ ހަށިގަނޑުގައި އިންސިއުލިން ހޯމޯން ހުންނާނީ ވަރަށް ގިނައިން. އެހެންވެ، އެ އިންސިއުލިން އޯވަރީއަށް އޮޅުވާލައި ގިނަ އަދަދެއްގެ ޓެސްޓޮސްޓެރޯން އުފައްދާ. މި ޓެސްޓޮސްޓެރޯން މަތިވުމުން މި ހުރިހާ އަލާމާތްތަކެއް ވެސް ފެންނަނީ." ކްރީ ވިދާޅުވި އެވެ.

މިނެސޮޓާ މެޑިކަލް ޔުނިވާސިޓީގެ ޑރ. ސަރާ ހުޓޯ ވިދާޅީ ފަރުވާ ދޭން ޖެހޭނީ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކާއި ކަންބޮޑުވުންތަކަށެވެ. އޭގެ ތެރެއިން މެޓްފޯމިން، އެންޑްރޯޖަން ބްލޮކް ކުރާ ބޭސްތައް އަދި ދޭތެރެ ދުރުކުރާ ބޭހަކީ ވެސް ދެވޭނެ އެއްޗިއްސެވެ. 

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޕީސީއޯއެސްގެ ނަން ބަދަލުކުރުމަކީ ހެޔޮ ފާލެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަލި މީހުންނަށް އެންމެ ރަނގަޅު ފަރުވާ ދެވިގެންދާނެ ކަމަށް ބުންޏެވެ. -- އޭޕީ