ލޯބި ވެވުނީ ސަލާންޖަހާ ނުކުޅެދޭ މީހަކު ދެކެ

ބަންގްލަދޭޝްގެ މަޝްހޫރު ފޮޓޮގްރާފަރެއް ކަމަށްވާ ޖީއެމްބީ އާކާޝް ފޭސްބުކްގައި ޝެއާކޮށްފައިވާ މި ވާހަކަ ވަރަށް އަސަރުގަދަ އެވެ. ފައިސާ ހޯދުމަށް ވިޔާނުދާ އެކި ކަންކަމުގެ ތެރޭގައި އުޅެމުން ގޮސް، ރާޖިޔާ ބޭގަމް ކިޔާ މި މީހާގެ ދިރިއުޅުން ބަދަލުވަނީ ނުކުޅެދޭ މީހެއްދެކެ ލޯބިވެވިގެންނެވެ.


އެއީ ވަރަށް ވިއްސާރަ ރެއެކެވެ. ރާޖިޔާ ހުރީ ވާރެޔާ ހިޔާވާން ގަހެއްގެ ދަށަށް ވަދެ އެވެ. އެ ގަހުގެ އެއް ފަރާތުގައި، ފުރޮލީގޮނޑިއެއްގައި ސަލާންޖަހާ މީހަކު އިން ކަމެއް ރާޖިޔާ އަކަށް ފާހަގައެއް ނުކުރެވެ އެވެ. ރާޖިޔާ ހުރީ ރޯށެވެ. ރޭގަނޑު ބޭރަށް ދަނީ ކީއްވެގެންތޯ ދަރިފުޅު ކުރި ސުވާލަށް ދޭނެ ޖަވާބެއް ނެތި އެ ހިތްދަތިކަމުގައި ހުރި ރާޖިއާ ބޭނުންވެފައި ހުރީ ދަރިފުޅު ގާތަށް ޖިފުޓިއަށް ދާށެވެ.

ގަހުގެ އަނެއް ފަރާތުގައި އިން މީހާ ރާޖިއާގެ ސަމާލުކަން ހޯދަން އޭގައިކެއްސާލި އެވެ. އެއީ ސަލާންޖަހާ މީހެއްކަން އެނގުމުން ރާޖިއާ ބުނީ ދޭނެ އެއްޗެއް ނެތް ކަމަށެވެ. ރާޖިއާއަށް ސިހުން ލިބުނީ އެ މީހާ ރާޖިއާއަށް 50 ޓާކާގެ ނޫޓެއް ދިނުމުންނެވެ. ވަރުގަދަ ވިލާގަނޑެއް އަންނަނީ ކަމަށާއި އަވަހަށް ގެއަށް ދިއުމަށް ބުންޏެވެ.

ރާޖިއާއަށް ހުއްޓުން އަރާފައި ހުއްޓާ، އެ ފަގީރު މީހާ، ފުރޮޅުލީގޮނޑި އަނބުރަމުން އެތަނުން ދިޔައީ އެވެ. އެއީ ރާޖިއާގެ ފަރާތުން ކަމަކަށް ނޭދި މީހަކު އޭނާއަށް އެއްޗެއް ދިން ފުރަތަމަ ފަހަރެވެ. އަދި ފުރަތަމަ ފަހަރަށް ލޯބި އިހްސާސް ކުރެވުނެވެ.

އަމިއްލަ އެދުމެއް ނެތި އެމީހާ ދިން އެހީހގެ ސަބަބުން ކުރި އަސަރާ އެކު އަނެއް ދުވަހު ރާޖިޔާ އެ މީހާ ހޯދަން ދިޔަ އެވެ. އައްބާސް މިއާ ކިޔާ އެ މީހާ ރާޖިޔާއަށް ފެނުނީ އޭނާ ހޯދަން މަސައްކަތް ކުރާތާ އެތައް ހަފުތާއެއް ފަހުންނެވެ. ފުރަތަމަ ވެސް އެ މީހުން ބައްދަލުވި ގަސްދޮށުގައި އިންދަ އެވެ.

އެއީ ނުކުޅެދޭ މީހެކެވެ. އައްބާސް ކިޔައިދިން ގޮތުގައި އޭނާގެ ނުކުޅެދުންތެރިކަމާ އެކު އަންހެނުން އޭނާ ދޫކޮށްލާފައި ދިޔައީ އެވެ. އެ ހުސްކަން ފިލުވައިދޭން ރާޖިޔާ ބޭނުންވި އެވެ.އެމީހުން ކައިވެނި ކުރިތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އެ މީހުންގެ ދިރިއުޅުން ނިކަމެއްޗެވެ. އެކަމަކު ދެ މީހުން އެކަކު އަނެކަކު ދެކެ ވާ ލޯތްބާ އެކު މާބޮޑު ޝަކުވާއެއް ނެތެވެ.