ކޮއްކޮއަށް ކިޔަވައިދޭން ދައްތަ ބުރަ މަސައްކަތުގައި

ބަންގްލަދޭޝްގެ ފަގީރު ހިސާބެއްގައި ދިރިއުޅޭ ރަތުނާ އަޚްތަރަށް އުމުރަކީ ހަމައެކަނި ހިސާބު އަދަދެކެވެ. އޭނާގެ މަންމައަކީ އެ އާއިލާއަށް ކާންދީ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އޮތް ހަމައެކަނި މީހާ އެވެ. މަންމަ ރެއާއި ދުވާލު މަސައްކަތް ކޮށްގެން ވެސް އާއިލާގެ ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނުވެ އެވެ. ކިޔެވުން ހުއްޓާލާފައި މަންމައަށް އެހީތެރިވާން ނުކުންނަން ރަތުނާ ނިންމި އެވެ.


މި ކުޑަ އަންހެންކުއްޖާގެ އަސަރުގަދަ ވާހަކަ ސޯޝަލް މީޑިއާއަށް ތިލަކުރީ ބަންގްލަދޭޝްގެ ފޮޓޮގްރާފަރު ޖީއެމްބީ އާކާޝް އެވެ. އޭނާ ފޭސްބުކް އަދި އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ މިކަހަލަ އެތައް ވާހަކަތަކެއްގެ ތެރެއިން މިއީ ހާއްސަ ވާހަކައެކެވެ.

ރަތުނާގެ ބައްޕަ މަރުވި އިރު ރަތުނާގެ އުމުރުން އެންމެ ހަ އަހަރެވެ. މަންމައަކީ އިމާރާތްކުރާ ތަންތަނަށް ބޭނުންވާ ގާ ތެޅުމުގެ ބުރަ މަސައްކަތްކުރާ މީހެކެވެ. މި ބުރަ މަސައްކަތުން ލިބޭ ފައިސާކޮޅުން ވެސް އާއިލާގެ ކަންތައްތައް ހަމަނުޖެއްސޭތީ ރަތުނާ ވެސް އޭނާގެ މަންމައަށް އެހީވުމުގެ ގޮތުން ގާ ތެޅުމުގެ މަސައްކަތަށް ނުކުތެވެ.

"އެންމެ ފުރަތަމަ ދުވަހު މަންމައާއެކު މަސައްކަތްކުރަން އަހަރެން ދިއުމުން މަންމަ އަހަރެންގެ ގައިގައި ބައްދައިގަނެގެން ހުރެ އަޑުން އަޑުނަގައި ރުއި. އަހަރެން އެ މަސައްކަތް ކުރާކަށް މަންމަ އެއްގޮތަކަށް ވެސް ނޭދޭ. އަހަރެންގެ ބައްޕަގެ ވެސް ހުވަފެނަކީ ކޮއްކޮ އާއި އަހަރެން ސްކޫލަށް ފޮނުވައިގެން މަތީ ތައުލީމު ހޯދައިދިނުން،" އާކާޝް ގާތު 12 އަހަރުގެ ރަތުނާ ބުނި ކަމަށްވެ އެވެ.

ރަތުނާ ބުނި ގޮތުގައި ފުރަތަމަ ދުވަސްކޮޅު އޭނާއަށް މާގިނަ ގަލެއް ނުތެޅެ އެވެ. ދުވާލު ހަތަރުދަމު އުޅެގެން އޭނާއަށް ފުނޑުކުރެވެނީ އެންމެ 30 ގާބުރި އެވެ. މިއަށް ލިބެނީ 30 ޓާކާ (5.60ރ.) ހާ މިންވަރެވެ.

ނަމަވެސް މިހާރު ރަތުނާ އަށް ދުވާލަކު 125 ގާބުރި ފުނޑުކުރެވޭތީ 125 ޓާކާ ލިބެ އެވެ. އޭނާއަށް ލިބޭ އާމްދަނީއާ އެކު ކޮއްކޮއަށް ކިޔަވައިދެވޭ ވަރު މިހާރު އެމީހުންނަށްވެ އެވެ. ރަތުނާ ބުނި ގޮތުގައި އޭނާގެ ކޮއްކޮ ކިޔެވުމަށް ވަރަށް މޮޅެވެ. މިފަހަރު ވެސް ކްލާހުން ދެ ވަނަ ހޯދި އެވެ.

ކޮއްކޮ ސްކޫލަށް ދާން ބައިސްކަލެއް ގަންނަން އިތުރު ފައިސާ ބޭނުންވާތީ ރަތުނާ އިތުރަށް މަސައްކަތް ކޮށްގެން ފައިސާ އެއްކޮށް ބައިސްކަލެއް ގަނެފަ އެވެ.

ގާ ތެޅުމުގެ ބުރަ މަސައްކަތުން ރަތުނާގެ އިނގިިލިތައް ވަނީ ހަލާކުވެފަ އެވެ. ނަމަވެސް އޭނާއަށް މި ހާސިލުކުރެވުނު ކަންތައްތަކާ މެދު އޭނާ އުފާކުރެ އެވެ.