އަތް ދޮވެ ސާފުކުރާއިރު ނިޔަފަތިތަކުގެ ދަށުގައި ހުންނަ ޖަރާސީމާ މެދު ވިސްނާލިންހެއްޔެވެ؟ ނިޔަފަތީގެ ދަށުގައި ހުންނަ ޖަރާސީމުގެ ސަބަބުން އެކި ވައްތަރުގެ ބަލިތައް ޖެހެ އެވެ. މިކަމަށް ސަމާލުވާން ޖެހެ އެވެ.

ސިއްހި ދިރާސާކުރާ މީހުން ބުނާ ގޮތުގައި ހޮޑުލުމާއި ބޭރަށްހިންގުން ފަދަ ބަލިތައް ގިނައިން ޖެހެނީ ނިޔަފަތީގެ ދަށުގައި ހަރުލާ ޖަރާސީމުގެ ސަބަބުންނެވެ. ފާހަނާ ސާފުކޮށް ނުހުންނަ ނަމަ ނުވަތަ ރޯ މަހުގައި އާންމުކޮށް އަތްލާ ނަމަ ނުވަތަ ޑައިޕާ ބަދަލުކުރުން ފަދަ ކަންތައް ކުރާ ނަމަ ނިޔަފަތީގެ ދަށުގައި ޖަރާސީމު ފަސޭހައިން ހަރުލަ އެވެ.

މީގެ އިތުރުން އާޓިފިޝަލް ނެއިލްސް ނުވަތަ ހަރުކުރާ ވައްތަރުގެ ނިޔަފަރީގެ ވައްތަރުތައް، ފެންނަ ފެނުމަށް ސާފުކަމަށް ހީވިޔަސް އޭގައި ވެސް ޖަރާސީމު ފަސޭހައިން ޖަމާވެ އެވެ.

ހޮސްޕިޓަލަކީ އެންމެ ސާފުތާހިރުވާން ޖެހޭނެ އެއް ތަން ކަމަށް ގަބޫލުކުރެވެ އެވެ. އެކަމަކު އެއީ ކުށްހީއެކެވެ. އެންމެ ބޮޑެތި ބަލިތައް ފެތުރެނީ ޑޮކްޓަރުންނާއި ނަރުހުންގެ ނިޔަފަތިތަކުގައި ހުންނަ ޖަރާސީމުން ކަމަށް ބައެއް ދިރާސާތަކުގައި ބުނެފައިވެ އެވެ. އެހެންވެ، ޕޭޝަންޓުން ބެލުމުގެ ކުރިން ޑޮކްޓަރު ނުވަތަ ސިއްހީ އެހީތެރިން އެ މީހުންގެ އަތް ރަނގަޅަށް ސައިބޯނި ލައިގެން ދޮންނަންޖެހެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި އަންހެނުންނަށްވުރެން ފިރިހެނުންގެ ނިޔަފަތީގެ ދަށުގައި ތެރޭގައި ޖަރާސީމު ގިނަ އެވެ.

ނިޔަފަތި ކާ މީހުންގެ ނިޔަފަތިތަކުން ފަސޭހައިން ޖަރާސީމު ނައްތާލެވޭކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް ނިޔަފަތި ކެއުމުން އެ ކެވެނީ ޖަރާސީމެވެ. އެހެންވެ މިއީ ނިޔަފަތި ހަލާކުވުމާ އެކު ސިއްހީ އެހެން ނުރައްކާތަކަށް ވެސް މަގު ފަހިވާ ކަމެކެވެ.

ނިޔަފަތިތައް ޖަރާސީމުން ސަލާމަތް ކުރުމަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ނިޔަފަތި ސާފުކުރަން ހާއްސަ ބުރުހެއް ބޭނުންކުރާށެވެ. ނުވަތަ ދަތް އުނގުޅަން ބޭނުންނުކުރާ އާދައިގެ ބުރުހަކުން ސާފުކޮށްލުން ރަނގަޅެވެ. އަތާއި ނިޔަފަތިތައް އަބަދު ތެތްކޮށް ނުބަހައްޓާ ސައިބޯނި ލައިގެން ރަނގަޅަށް ދޮވެ އަވަހަަށް ހިއްކާލަންވާނެ އެވެ. އެއްޗެހި ދޮންނަން، ހަންގަނޑަށް ނުރައްކާތެރި ކެމިކަލް ބޭނުންކުރާ ނަމަ އަންގިއެއް ލައްވައިގެން އުޅުން ކޮންމެހެން ވެސް މުހިންމެވެ.