ދިވެހިންނަކީ ރީތިކޮށް ހެދުން އަޅައި، ސާފުތާހިރު ކަމަށް ލޯބިކުރާ ބައެކެވެ. އަންހެނުންނާއި ފިރިހެނުން ވެސް އެޒަމާނެއްގެ އެންމެ މަގުބޫލު ޓްރެންޑަކާ އެއްގޮތަށް ހެދުމާއި އިސްތަށިގަނޑުގެ ސްޓައިލް ބެހެއްޓޭތޯ މަސައްކަތް ކުރެ އެވެ. އެއް ނިޔަފަތި ދިގުކުރުމަކީ ވެސް ބައެއް މީހުން ކުރާ ކަމެކެވެ. ހާއްސަކޮށް ފިރިހެނުންނެވެ.
ކުޑަވައި އިނގިލި ނުވަތަ ބޮޑުވައި އިނގިލީގެ ނިޔަފަތި ބައި އިންޗިއަށް ނުވަތަ އެއަށްވުރެ ވެސް ދިގުކޮށްފައި ހުންނަތަން ވަރަށް ގިނައިން ފެނެ އެވެ. ބައެއް މީހުން އެއް އަތުގެ ހުރިހާ ނިޔަފައްޗެއް ދިގުކޮށްފައި ވެސް ހުރެ އެވެ.
ނިޔަފައްޗެއް ދިގު ކޮށްލުމަކީ މީހުންނަށް ކަމުދާ ޓްރެންޑެއް ހެއްޔެވެ؟ ނުވަތަ މިއީ އެ މީހަކު ކުރާ މަސައްކަތާ ނުވަތަ އަޚްލާގާ ގުޅުން ހުންނަ ކަމެއް ހެއްޔެވެ؟ އެކި މީހުން ދައްކަނީ އެކި ވާހަކަ އެވެ.
އެކަކު ބުނީ "ނިޔަފަތި ދިގު ކޮށްލީމާ ރީތި" ކަމަށެވެ. އެހެން މީހަކު ބުނީ "ދެން ފޫހިވެގެން ދިގު ކޮށްލަނީ" ކަމަށެވެ. އަނެއް ބަޔަކު ކޮންމެވެސް އެކުވެރިޔަކު ކުރާތީ، އޭނާއާ ވާދައަށް ނިޔަތި ދިގުކުރަނީ އެވެ. އެކަމަކު މިއީ ވަރަށް ހުތުރު ކަމެއްގެ ގޮތުގައި ދެކޭ މީހުން ވަރަށް ގިނަ އެވެ.
ނިޔަފަތި މާބޮޑަށް ދިގު ނުކޮށް، ސާފުކޮށް ހުންނަ ނަމަ ބަލައިލަން ހުތުރެއް ނޫނެވެ. ނަމަވެސް ނިޔަފަތި ދިގު ކޮށްފައި ހުންނައިރު ނިޔަފަތީގެ ދަށް ހަޑިވެ، ރީނދޫ ކުލަ ޖެހިފައި ހުންނާތީ ފެނެ އެވެ. މާނަ އަކީ ވަރަށް މުޑުދާރު ވުމެވެ.
އެއް ނިޔަފަތި ދިގުކޮށްފައި ހުރުމަކީ ހަމައެކަނި ރާއްޖޭގައި އޮންނަ ކަމެއް ނޫނެވެ. އޭޝިއާގެ ގައުމުތަކުގައި ފިރިހެނުންގެ މެދުގައި މިކަން ވަރަށް ކުރިން ސުރެ އޮވެ އެވެ. އިހު ޒަމާނުގައި، ޗައިނާގެ މުއްސަނދިން ކުޑަވައި އިނގިލީގެ ނިޔަފަތި ދިގުކުރަނީ، އެމީހުންގެ މުއްސަނދިކަމާއި ޝަހުސިއްޔަތު ދެއްކުމަށެވެ.
މަޝްހޫރު ކުރެހުންތެރިއާ ޕަބްލޯ ޕިކާސޯ އޭނާގެ ކުޑަވައި އިނގިލީގެ ނިޔަފަތި ދިގުކޮށް ބަހައްޓަނީ ކުރަހަން ގެންގުޅޭ ކުލަތައް އެއްކުރަން ކަމަށް ބުނެވެ އެވެ.
ނަމަވެސް އެއް އިނގިލީގެ ނިޔަފަތި ދިގު ކޮށްފައި ތިބޭ މީހުންނަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ގޮތުގައި ވެސް ފާހަގަވެފައިވެ އެވެ. "ކްރެކް ނެއިލް" ނުވަތަ "ކޯކް ނެއިލް" އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިޝާނެއްގެ ގޮތުގައި ބައެެއް ގައުމުތަކުގައި ބަލަ އެވެ.