03 ޖެނުއަރީ 2018 - 08:36
ލިބުނު ދެ ދަރިން ބޮޑެތި ވެފައި ތިއްބާ މަރުވީ އެވެ. ފިރިމީހާ ވެސް މަރުވެއްޖެ އެވެ. ދެން ކަރުން މަތި ވާގި ނެތުމުން ހިތްވަރު ދެރަނުވާނީ ކާކު ހެއްޔެވެ؟ އެކަމަކު އިންޑިޔާގެ މީރަތުގެ ރަށްވެއްސެއް ކަމަށްވާ އުމާ ޝަރުމާ، 64، މުޅިން ތަފާތެވެ. އެ ހުރިހާ ހިތާމަތަކެއް ތަހައްމަލް ކުރިޔަސް އޭނާއަކީ ނެޝަނަލް ޕަބްލިކް ސްކޫލްގެ ޕްރިންސިޕަލް އެވެ. އޭނާގެ ހިތްވަރު ގަދަކަމާއި ނުގުޑާ ފަދަ އަޒުމުގެ ސަބަބުން ސްކޫލްގެ ޓީޗަރުންގެ އިހްތިރާމާއި ލޯބި ވަނީ ލިބިފަ އެވެ.
ކަރުން ތިރި ވާގިނެތިގެން ބަލިއެނދުގައި އޮވެގެން ވެސް އުމާ އަންނަނީ ޕްރިންސިޕަލްގެ މަގާމު ވަރަށް އެކަށީގެންވާ ގޮތެއްގައި އަދާކުރަމުންނެވެ. އޭނާއަށް ސްކޫލް ހިންގުމުގެ ކުޅަދާނަކަން ލިބިފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ މޮޅުކަމުންނާ ވެސް އެކުގަ އެވެ.
ގިނަ މީހުންނާ ޚިލާފަށް އުމާ އަކީ ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅެމުން ދާ މީހެކެވެ. އޭނާގެ ފިރިމީހާ ވަނީ 1991 ގައި މަރުވެފަ އެވެ. އޭގެ ފަހުން 2001 ގައި އުމާއަށް އެއަށް ވުރެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވީ ހުރި އެންމެ ފިރިހެން ދަރިފުޅު ރަޖީވް 21 އަހަރުގައި މަރުވުމުންނެވެ. ހަގު ދަރިފުޅު ރިޗާ މަރުވީ 2011 ގަ އެވެ.
އުމާ ވާގިނެތުނީ 2007 ގަ އެވެ. އެންމެ ފުރަތަމަ ވާގިނެތުނީ އެއް ފަޅި އެވެ. ނަަމަވެސް އޭނާއަށް ވީ ގޮތެއް ޑޮކްޓަރުންނަކަށް ވެސް ނޭނގުނެވެ. ބަލި ހާލަތު ގޯސް ވަމުން ގޮސް 2010 ގައި ކަރުން ތިރި އެއްކޮށް ވާގި ނެތުނީ އެވެ. މިހާރު އޭނާގެ ހަރަކާތް ކުރެވެނީ ދެ އަތާއި ބޯ އެކަންޏެވެ.
އުމާ ޕްރިންސިޕަލްކަން ކުރާ ސްކޫލަކީ އޭނާ 1992 ގައި ހުޅުވި ތަނެކެވެ. އެހެންކަމުން ބަލި ހާލު ކިތައްމެ ބޮޑުވިޔަސް ސްކޫލް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
"އަހަރެންގެ ހަށިގަނޑު އެއްކޮށް ވާގިނެތުމުން ވެސް ހިތްވަރު ދެރަކުރާކަށް ބޭނުމެއް ނުވި. އަހަރެން އެންމެ އުފާވާ ކަމަކީ ސްކޫލް ހިންގުން. އެހެންވެ ކޮންމެ ދުވަހަކު ވެސް ގަވާއިދުން އެކަން ކުރަން ގަސްތުކުރީ،" ޓައިމްސް އޮފް އިންޑިޔާ އަށް ދިން އިންޓަވިއުއެއްގައި އުމާ ބުންޏެވެ.
"އެކަމަށްޓަކައި ފުރަތަމަ އަހަރެމެން ކުރި ކަމަކީ ސްކޫލާއި ގޭގައި ޑިޝް އެންޓަނާތަކެއް ހަރުކުރުން. އޭގެ އެހީގައި ލައިވް އޯޑިއޯ އަދި ވީޑިއޯތައް ޓްރާންސްމިޓް ކުރެވޭ ގޮތް ހެދީ."
އެ ފަސޭހަތައް ބޭނުންކޮށްގެން އޭނާ މަސައްކަތްކުރަމުން އަންނަތާ މިހާރު ހަތް އަހަރު ވެއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި ޓެކްނޮލޮޖީއަށް އައި ކުރިއެރުމަކީ ރަހުމަތެއް ކަމަށް އުމާ ގަބޫލުކުރެ އެވެ. މިހާރު ސްކޫލްގެ ހުރިހާ ތަނެއްގައި ވަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ. ކްލާސް ރޫމްތަކާއި ސްޓާފް ރޫމް އަދި ކުޅިވަރު ކުޅޭ ތަނުގައި ވެސް މެއެވެ. އުމާގެ ޓެބްލެޓާއި ސީސީޓީވީ ކެމެރާތައް ގުޅާލާފައިވާތީ ސްކޫލްގައި ހިނގާ ކޮންމެ ކަމެއް ވެސް ވަގުތުން ބަލައިލެވޭނެ ކަމަށް ސްކޫލްގެ މެނޭޖަރު ސުރެންދުރަ ޗައުހާން ބުންޏެވެ.
އުމާ ވަރަށް ގިނައިން ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންނާ ވެސް ސީސީޓީވީ މެދުވެރިކޮށް ވާހަކަ ދައްކަ އެވެ. އަދި ސްކޫލްގެ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ބައެއް ފަހަރަށް އޭނާގެ ގެއަށް ވެސް ޓީޗަރުންނާއި ދަރިވަރުން ގެނެ އެވެ.
"އަހަރެން އެންމެ މޮޅު ކުދިން ބައެއް ފަހަރަށް ގެނެސް އެކުދިންނާ ވާހަކަ ދައްކަން. އަނެއް ބައި ފަހަރަށް ކިޔެވުމަށް އެންމެ ދަށް ކުދިން ހޯދާ އެކުދިންނާ ވެސް ބައްދަލުކުރަން،" އުމާ ބުންޏެވެ.
އުމާގެ ސްކޫލްގައި ގްރޭޑް އަށަކާ ހަމައަށް ކިޔަވައިދޭއިރު 25 މުވައްޒަފުން ކޮންމެ ދުވަހަކު ވެސް ސީދާ ރިޕޯޓްކުރަން ޖެހެނީ އުމާ އަށެވެ. އެނދުގައި ނުތެެދުވެވޭ ހާލުގައި އޮތް ޕްރިންސިޕަލްގެ މި ހިތްވަރުގަދަކަމަށް ޓީޗަރުން ވެސް ތައުރީފުކުރެ އެވެ. އެމީހުން ބުނަނީ ޕްރިންސިޕަލްގެ ސަބަބުން އެމީހުންގެ އުންމީދު އާވާ ކަމަށެވެ. އަދި ދިރިއުޅުމުގެ އަގު މިހާރަށް ވުރެ ބޮޑަށް ވަޒަން ކުރެވޭކަމަށް ވެސް ބުންޏެވެ.
"ޕްރިންސިޕަލްގެ ހިންމަތާއި މިންނަތުން އަދި ކޮންމެ ދުވަހަކު ވެސް ސްކޫލް ހިންގުމުގައި ކުރާ މަސައްކަތުން ފާއިތުވީ ދުވަސްތަކުގައި އަހަރެމެންގެ ސްކޫލަށް ވަރަށް ގިނަ ލަނޑުދަނޑިތައް ހާސިލު ކުރެވިއްޖެ. ދިމާވާ މުސީބާތްތަކަށް ފަހު ހިތްވަރުލައިގެން މަސައްކަތްކުރާ މިކަހަލަ އިންސާނެއް ހަޔާތުގައި ވެސް ނުދެކެން،" ސްކޫލްގެ ކޯޑިނޭޓަރު ސިމްޕަލް މަކާނީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެބަންދިހާރު
03 January 2018
އެއްފަހަރު ކަރުން މަތި ވާގިނެތިފައޭ އަނެއްފަހަރު ކަރުން ތިރި ވާގިނެތިފައޭ ވީގޮތެއްނެގުނު