ކޮފީ
01 އެޕްރީލް 2018 - 06:50
ކޮފީއާ ނުލައި އުޅުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ބައެކެވެ. އެކަމަކު މާ ގިނައިން ކޮފީ ބުއިމަކީ ވެސް ސިއްހީ ގޮތުން ރަނގަޅު ކަމެއް ނޫނެވެ.
ފަހުގެ ދިރާސާއެއްގައި ބުނަނީ ދުވާލަކު ތިން ތޮށި ކޮފީއަކީ ފުދޭ މިންވަރެއް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ތިން ތަށި ކޮފީ ބޯ ނަމަ، ނާރުތައް ސާފުކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށްވެ އެވެ.
ޔުނިވަސިޓީ އޮފް ސާއޮ ޕޯލޯގެ ދިރާސާ އަށް ވަނީ ކޮފީ ބޯ 4،400 މީހުންގެ މައުލޫމާތު އެއްކޮށްފަ އެވެ. އެ މީހުންގެ މައުލޫމާތުތައް ދިރާސާ ކުރި އިރު، ދުވާލަކު އެއް ތަށްޓަށް ވުރެ ގިނައިން ކޮފީ ބޯ މީހުންގެ ނާރުތަކަށް ދިމާވާ މައްސަލަތައް އެ ނޫން މީހުންނާ އަޅާބަލާއިރު މަދެވެ.
"ލޭ ދައުރުވުމަށް ކުރިމަތި ކުރުވާ މައްސަލަތަކުން އޭގެ ސަބަބުން ރައްކާތެރިކޮށް ދީ، ހިތަށް ދިމާވާ ތަފާތު އެކި ކަހަލަ ބަލިތަކުން ވެސް މީހާ ދުރުކޮށް ދޭން ބާރު އަޅާ،" ދިރާސާ ޓީމްގައި ހިމެނޭ އެންޑްރިއާ މިރަންޑާ ޑެއިލީ މެއިލް އަށް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ކޮފީއާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކުން މިއީ ސިއްހީ ގޮތުން ގިނަ ފައިދާތައް ކުރުވާ ބުއިމެއްކަން ހާމަވެފައިވެ އެވެ. ތަޖުރިބާކާރުން ބުނަނީ ކޮފީގައި އެކުލެވޭ އެންޓިއޮކްސިޑަންޓް ކޮމްޕައުންޑަކީ މީގެ އަސްލު ކަމަށެވެ.
އެމެރިކަން ހާޓް ޑިސީޒް ޖާނަލްގައި ޝާއިއުކޮށްފައިވާ ފަހުގެ ދިރާސާގައި ވަނީ ދުވާލަކު ތިން ތަށްޓަށް ވުރެ ގިނައިން ކޮފީ ބުއިމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. ކޮފީއަކީ ކެފެއިން އެކުލެވޭ ބުއިމެކެވެ. އެހެންވެ ދެވި ހިފުން އޮންނާނީ ވަރަށް ގާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy