ޕްރިންސް ހެރީ އާއި މޭގަން އަށް ފޮނުވާ ހަދިޔާތައް ޗެރިޓީތަކަށް ފޮނުވައި ދޭން އެދިއްޖެ

ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާ ބާއްވާ ދުވަސް ކައިރިވަމުން އަންނަ އިރު، ހެޔޮ އެދޭ ފަރާތްތަކަށް ކެންސިންޓަން ޕެލަސް އިން ހާއްސަ އިލްތިމާސެއްކޮށްފި އެވެ.


ކެންސިންޓަން ޕެލަސް އިން ކުރި ޓްވީޓްތަކެއްގައި ބުނީ ހެރީ އާއި މޭގަންގެ އެންގޭޖްމަންޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި އިއުލާން ކުރުމާ އެކު އެކި ފަރާތްތަކުން ވަރަށް ގިނަ ހަދިޔާތައް ފޮނުވަމުން އަންނަ ކަމަށެވެ.

އެހެންވެ އެކަމަށް ހެރީ އާއި މޭގަން ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަން ފާހަގަ ކުރަމުން ކެންސިންޓަން ޕެލަސް އިން ބުނީ އެ ދެ ބޭފުޅުންނަށް ސީދާ ހަދިޔާތައް ފޮނުވުމުގެ ބަދަލުގައި ހެރީ އާއި މޭގަން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ޗެރިޓީތަކަށް ހަދިޔާތައް ފޮނުވައި ދޭން އިލްތިމާސް ކުރާ ކަމަށެވެ.

ކެންސިންޓަންގެ ޓްވީޓްތަކެއް.

ޕްރިންސް ހެރީ އާއި މޭގަން އިސްކޮށް ތިއްބަވައިގެން އެހީތެރިކަން ފޯރުކޮށްދެއްވާ ހަތް ޗެރިޓީ އޮނަޒައިނޭޝަން ހިމެނެ އެވެ. އޭގެ ތެރޭގައި އަންހެނުން ބާރުވެރި ކުރުވުމާއި ގެދޮރު ނެތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމާއި އެޗްއައިވީ އާއި ކުޑަކުދިންނާ ގުޅުން ހުރި ކަންކަމަށް އެހީތެރިކަން ފޯރުކޮށް ދޭން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތައް ހިމެނެ އެވެ.

ކެންސިންޓަން ޕެލަސް އިން ބުނީ ޕްރިންސް ހެރީ އާއި މޭގަންއަކީ އެހީތެރި ކަމަށް ބޭނުންވާ އެކިއެކި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދޭން ވަރަށް ލޯބި ކުރައްވާ ދެ ބޭފުޅުން ކަމަށެވެ. އެހެންވެ އެ ބޭފުޅުންނަށް ހެޔޮ އެދޭ ފަރާތްތަކަށް ހަދިޔާ ދިނުމުގެ ބަދަލުގައި، އެ ހަދިޔާ ޗެރިޓީތަކަށް ދޭން އެދިފައިވެ އެވެ. ކެންސިންޓަން ޕެލަސް އިން ފާހަގަ ކުރި ގޮތުގައި އެ ޝާހީ އާއިލާގެ އަބަދު ވެސް އެންމެ ބޮޑަށް ލޯބި ކުރައްވާ އެއް ކަމަކީ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 19 ގަ އެވެ.