ކޮރެއާގައި ވަރަށް ތަފާތު ޒާތުގެ ބިއުޓީ ޕްރޮޑަކްޓްތައް ބޭނުންކުރެ އެވެ. އެމީހުންގެ ކޮސްމެޓިކް އުފެއްދުންތަކަކީ އޭޝިއާގެ ގައުމުތަކުގެ އިތުރުން އެމެރިކާ އަދި ޔޫރަޕްގައި ވެސް މަގުބޫލުވަމުން އަންނަ ޕްރޮޑަކްޓްތަކެކެވެ. ފިނިހަކަ އަދި ޗީޒް ފޭސްޕެކް ފަދަ ޕްރޮޑަކްޓްތަކަކީ އާދަޔާ ލާހިފު އުފެއްދުންތަކެކެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ، ކޮރެއާގެ އެންމެ ފަހުގެ ކޮސްމެޓިކް އުފެއްދުމަކީ "ޕީލް އޯފް ލިޕްސްޓެއިން" އެވެ. އެތައް ލޭޔަރަކަށް މޭކަޕް ޖައްސާ ޒަމާނެއްގައި "މިނިމަލް" މޭކަޕް ނުވަތަ "ނެޗުރަލް" ކޮށް އެމީހެއްގެ ގުދުރަތީ ރީތިކަން ދައްކާލެވޭ ގޮތަކަށް މޭކަޕް ކުރުމަކީ ވަރަށް ހިތްގައިމު ކަމެކެވެ. "ޕީލް އޯފް" ލިޕްސްޓެއިން ޖެއްސުމުން ވަރަށް "ނެޗުރަލް" ކުލައެއް ހުންނަކަމަށް އެޕްރޮޑަކްޓް ބޭނުންކުރި މީހުން ބުނެ އެވެ. މިހާރު އެންމެ މަޝްހޫރު ލިޕް ސްޓެއިން ބްރޭންޑްތަކަކީ ކޮރެއާގެ "ބެރިސޮމް ލިޕް ސްޓެއިން ޕެކް" އަދި ކެއިލިން ކޮސްމެޓިކްސްގެ ކޮކޫން ލިޕްސްޓެއިން އެވެ.
ލިޕް ސްޓެއިންގެ ކުލަ 8 އާއި 12 ގަޑިއިރު ވަންދެން ތުންފަތުގައި ހުންނަކަމަށް ބުނެފައިވެ އެވެ. މި "ސްމަޖް ޕްރޫފް" ލިޕްސްޓެއިން ގަދަ ރަތް، އޮރެންޖު އަދި މަޑު ފިޔާތޮށި ފަދަ އެކި ވައްތަރުގެ ޝޭޑުގައި ލިބެން އެބަހުއްޓެވެ.
ނަމަވެސް، މި ބިއުޓީ ޕްރޮޑަކްޓްއަކީ ތުންފަތުގައި އުނގުޅާލުމުން އެއްފަހަރުން ކުލަ ޖެހޭ ވައްތަރެއް ނޫނެވެ. ޕީލް އޯފް ލިޕްސްޓެއިން ތުންފަތުގައި އުނގުޅުމަށް ފަހު 15 މިނެޓު ވަންދެން ބަހައްޓަންޖެހެ އެވެ. ލިޕް ސްޓެއިންގެ ކުލަ ހުންނަނީ ތެރަސް ގޮތަކަށެވެ. އަދި އޭގެ ތެރަސްގަނޑު ހިކުމުން މަޑު މަޑުން އުތުވާލަން ޖެހޭނެ އެވެ. ގިނަ ބަޔަކު ބުނާގޮތުގައި މިގޮތަށް އޭގެ ތެރަސްގަނޑު ނައްޓައިލާއިރު ތުންފަތުގެ ހަންގަނޑު ނެއްޓި ހަލާކުވެ އެވެ. އެހެންނަމަވެސް، އެ އުފައްދާ ފަރާތްތަކުން ބުނަނީ ތެރަސް ރަނގަޅަށް އޮލަކޮށް ދެ ތިން ފަހަރަށް އުނގުޅުން މުހިންމު ކަމަށެވެ. އަދި އެ ތެރަސްގަނޑު ނައްޓައިލާއިރު ތުންފަތުގައި ހުންނަ މަރުވެފައިވާ ހަމުގެ ސެލްތައް ނައްޓާދޭން އެހީވެދީ، ތުންފަތް އޮމާން ކޮށްދޭނެކަމަށް ބުނެ އެވެ.