މުވައްޒަފުންގެ އަގު ވަޒަންކުރަން ހަދިޔާއަކަށް މާސިޑީޒް ބެންޒް ކާރު

އިންޑިއާގެ ސޫރަތުގައި ޖަވާހިރުގެ ވިޔަފާރިކުރާ މީހަކު، އޭނާގެ ކުންފުނީގައި މަސައްކަތްކުރާތާ 25 އަހަރުވީ ތިން މުވައްޒަފެއްގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ މުވައްޒަފަކަށް ހަދިޔާއެއްގެ ގޮތުގައި އެންމެ ފަހުގެ މާސިޑީޒް ބެންޒް ކާރުތަކެއް ދީފި އެވެ.


ހަރޭ ކްރިޝްނާ އެކްސްޕޯޓާޒްގައި މަސައްކަތްކުރާ ތިން މުވައްޒަފުންނަށް ވެރިޔާ ސާވްޖީ ދޮލާކިއާ ދިން ކާރުތަކުގެ އަގު ތިން ކްރޯޑް ރުޕީސް އަރަ އެވެ. އެއީ ކޮންމެ ކާރެއް ކްރޯޑެއްގެ ރޭޓުންނެވެ.

ނިލޭޝް ޖަޑާ، 40، އާއި މަހޭޝް ޗަންދްރަޕާރާ، 43 އަދި މުކޭޝް ޗަންދްޕާރާ، 38 އަކީ އެ މީހުންގެ ވަރަށް ޒުވާން އުމުރުން ފެށިގެން ވަރަށް އިހުލާސްތެރިކަމާ އެޖު ދޮލާކިއާ ކައިރިގައި މަސައްކަތްކުރާ ތިން މުވައްޒަފުންނެވެ. އެންމެ އާދައިގެ ވަޒީފާއިން އެ މީހުން ދިރިއުޅުން ބިނާކުރި ނަމަވެސް، ތިން މީހުންނަކީ ވެސް މިހާރު ހަރޭ ކްރިޝްނާ އެކްސްޕޯޓާޒްގައި އިސް މަގާމުތަކެއް އަދާ ކުރަމުން އަންނަ މުވައްޒަފުންނެވެ.

އެ މީހުންނާ ބެހޭ ގޮތުން ދޮލާކިއާ، މީޑިއާތަކަށް ބުނި ގޮތުގައި ތިން މުވައްޒަފުން ވެސް އޭނާގެ ކުންފުންޏާ ގުޅުނީ ވަރަށް ޒުވާން އުމުރުގަ އެވެ. އަދި ދެ ގޮތެއް ނުވެ ތިން މުވައްޒަފުން އޭނާގެ ކައިރީގައި ދެމިތިބުމަކީ އެ މީހުން މަސައްކަތަށް ދޭ ލޯބި ހާމަކޮށްދޭ ކަމެއް ކަމަށް ބުންޏެވެ.

"އެންމެ ފުރަތަމަ އެ ތިން މީހުންނަކީ ޖަވާހިރު ކަނޑައި ޕޮލިޝް ކުރުމުގެ މަސައްކަތްކުރި ތިން މީހުން. އެކަމަކު އެ ތިން މީހުންނަކީ މިހާރު އަހަރެންގެ ކުންފުނީގައި އިސް މަގާމުތަކެއް އަދާކުރާ އަދި އަހަރެން އެންމެ ބޮޑަށް އިތުބާރުކުރާ ތިން މުވައްޒަފުން،" އޭނާ ބުންޏެވެ.

ކާރު ލިބުނު ތިން މުވައްޒަފުންނާ އެކު ދޮލާކިއާ (ވާތް ފަރާތުން ދެވަނަ).

އެހެންވެ ތިން މީހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އަގު ބޮޑު ކާރުތަކެއް ހަދިޔާ ކުރަން ބޭއްވި ހަފުލާގައި ކާރުތަކުގެ ތަޅުދަނޑި ނިލޭޝް އާއި މަހޭޝް އަދި މުކޭޝްއާ ހަވާލުކޮށް ދެއްވީ މަދިޔަ ޕްރަދޭޝްގެ ގަވަރުނަރު އަނަންދިބެން ޕަޓޭލް އެވެ.

ދޮލާކިއާއަކީ މީގެ ކުރިން ވެސް އޭނާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކާރާއި ފްލެޓް ވެސް ހަދިޔާކޮށްފައިވާ ވިޔަފާރިވެރިއެކެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު 5،500 މުވައްޒަފުން މަސައްކަތްކުރާ ހަރޭ ކްރިޝްނާ އެކްސްޕޯޓާޒްއަކީ އަހަރެއްގެ މައްޗަށް 6،000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާ ކުންފުންޏެވެ.