ބުޅަލުގެ އެޕާޓްމަންޓަށް މަހު ކުއްޔަށް 1،500 ޑޮލަރު

ލޯބިން ގެންގުޅޭ ޕެޓްތަކަށް ކިތަންމެ ވަރަކަށް ވެސް ބައެއް މީހުން ޚަރަދުކޮށްފާނެ އެވެ. އެކަމަކު މިއީ އޭގެ ތެރެއިން ވެސް ހާއްސަ މީހެކެވެ.


އަންހެން ދަރިފުޅު ގެންގުޅޭ ދެ ބުޅާ ބައިތިއްބަން އެމެރިކާގެ ސިލިކަން ވެލީން ސްޓޫޑިއޯ އެޕާޓްމަންޓެއް ކުއްޔަށް ހިފީ މަހަކަށް 1،500 ޑޮލަރަށެވެ.

މާކިއުރީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ޓްރޯއި ގުޑް ނަމަކަށް ކިޔާ މީހާ ބުނި ގޮތުގައި ދެ ބުޅަލަށް ވަކި އެޕާޓްމަންޓެއް ހާއްސަކުރީ އެ ދެ ބުޅާ އޭނާއާ މާ ބޮޑު ގުޅުމެއް ނޯންނާތީ ކަމަށެވެ. އެހެންވެ ދަރިފުޅު ކޮލެޖްގައި ހޭދަކުރާ ވަގުތުތަކުގައި ބުޅާތައް އެކަނި އުޅެނީ އެ އެއްޗިއްސަށް ކުއްޔަށް ނެގި އެޕާޓްމަންޓްގަ އެވެ.

ޓްރޯއި ބުނި ގޮތުގައި އޭނާ ކުއްޔަށް ނެގި އެޕާޓްމަންޓަކީ ރައްޓެއްސެއް ކަމަށްވާ ޑޭވިޑް ކެލިޝްގެ އަތުން ނަގާފައިވާ ތަނެކެވެ.

"އޭނަ ދެ އެޕާޓްމަންޓެއް ކުއްޔަށް ދޭން އުޅޭކަން އެނގިގެން އެއް އެޕާޓްމަންޓް ނެގީ،" އޭނާ ބުންޏެވެ. "ބުޅާ ބައިތިއްބާށޭ ބުނީމަ ޑޭވިޑް ފުރަތަމަ ފަސް ޖެހުނު އެޕާޓްމަންޓް ދޭން."

ޓްރޯއި ބުނީ ދަރިފުޅު ގެންގުޅޭ ލުއީ އާއި ޓީނާ ނަމަކަށް ކިޔާ މެއިން ކޫން އާއި ބޮމްބޭ ބުޅާ ބައިތިއްބަން ވަކި އެޕާޓްމަންޓެއް ހިފުމަކީ އޭނާ އަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ދަރިފުޅުގެ އުފަލަށާއި ބުޅާތަކުގެ ރައްކާތެރި ކަމަށް ކިތަންމެ ބޮޑު ހަރަދެއް ވެސްކޮށްފާނެ ކަމަށް ބުންޏެވެ.

ނަމަވެސް އެންމެ ދެ ބުޅާ އެކަނި އުޅެން ސިލިކޮން ވެލީން އެޕާޓްމަންޓެއް ކުއްޔަށް ހިފި ވާހަކަ މީޑިއާތަކުގައި ދައުރުވުމުން ބައެއް މީހުން ވަނީ އެކަމަށް ފާޑު ކިޔަފައިފަ އެވެ. އެގޮތުން ސިލިކަން ވެލީގައި މިހާރު ވެސް އުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ އެތައް ބަޔަކު އެބަތިބި ކަމަށާއި ކުއްޔަށް ވެސް އެތަނުން ހޯދުމަކީ ވަރަށް ބޮޑަށް ދަތިވެފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިކަމަށް ފާޑުކީ ބައެއް މީހުންނަށް މައްސަލައަކަށްވީ 1،500 ޑޮލަރަށް މީހަކު އުޅެން ސިލިކަން ވެލީން އެޕާޓްމަންޓެއް ހޯދުމަކީ ނާދިރު ކަމަކަށްވެފައިވާ އިރު، އެ އަގުގައި ބުޅާ އުޅެން އެޕާޓްމަންޓެއް ކުއްޔަށް ދީފައިވާތީ އެވެ.