ފިރިހެނުން ވެސް ލަސް ނުކޮށް ދަރިން ހޯދަންޖެހޭ

ބަޔޮލޮޖިކަލް ކްލޮކާއި އުމުރުން ދުވަސްވުމުގެ ވާހަކަ އެންމެ އާންމުކޮށް ދެކެވެނީ އަންހެނުންނާ ގުޅުވައިގެންނެވެ. އެކަމަކު އާ ދިރާސާއެއްގައި ވަނީ ފިރިހެނުން ވެސް މިކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭކަން ހަނދާންކޮށް ދީފަ އެވެ.


މެޓްރިއާކް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނީ ފިރިހެނުން ދަރިން ހޯދަން ބޭނުންވާ ނަމަ އެކަން ކުރަން އެންމެ ރަނގަޅީ "އެޑްވާންސްޑް ޕެޓާނަލް އޭޖް" އަށް ދިއުމުގެ ކުރިން ކަމަށެވެ. އެހެންވެ ފިރިހެނުން ދަރިން ހޯދަން އެންމެ ބޮޑަށް ލަސްކުރެވޭނެ އުމުރަކީ 35-45 އާ ދޭތެރެ އެވެ.

އެހެންވެ ރައްކާތެރި ގޮތަކީ އުމުރުން 35 އަހަރުވުމުގެ ކުރިން ފިރިހެނުން ޕްލޭންކޮށްގެން ދަރިން ހޯދުން ކަމަށް ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އުމުރާފުރާގެ ފަހުން، ފިރިހެނުންނަށް ދަރިފަނި އާލާވުމުގެ ފުރުސަތު ކުޑަވެ، ދަރިފަނީގެ ކޮލިޓީ ވެސް ދަށްވެ އެވެ. އަދި އުމުރުން ދުވަސްވާ ފަހުން ފިރިހެނުން ދަރިން ހޯދަން އުޅުމަކީ މައިމީހާ އާއި ދަރިފުޅަށް ވެސް ސިއްހީ އެކި ކަހަލަ މައްސަލަތައް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ބުންޏެވެ.

އެގޮތުން އަނބިމީހާ އަށް ދިމާވެދާނެ ސިއްހީ މައްސަލަކުގެ ތެރޭގައި ދުވަސްނުފުރާ ވިހެއުމާއި ޕްރި-އެކްލަޕްމްސިއާ (ލޭގެ ޕްރެޝަރު މަތިވުން ކަހަލަ މައްސަލަތައް) އާއި ވިހެއުމުގެ ތެރޭގައި ދިމާވާ އެކި މައްސަލަތައް އަދި ހަކުރުބައްޔަށް ހުށަހެޅުން ވެސް ހިމެނެ އެވެ.

ދަރިފުޅަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ބަރުދަން އާދަޔާހިލާފަށް ލުއިވުމާއި ހިތުގެ މައްސަލަތަކާއި އެކި ކަހަލަ ކެންސަރުގެ ނުރައްކާތަކަށް މަގުފަހިވުމާއި އޯޓިޒަމް އަދި ސްކިޒްފްރޭނިއާ ކަހަލަ ބަލިތައް ކުރިމަތިވުން ހިމެނެ އެވެ.

ފިރިހެނަކު ތުއްތު ކުއްޖަކު އުރާލައިގެން.

"ގިނަ ބަޔަކު ގަބޫލު ކުރާ ގޮތަށް އުމުރުން ތިރީސް ފަސް އަހަރުން މައްޗަށް ދިއުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ ޖިސްމާނީ ގޮތުން ބަދަލުތަކާ އެކު މާބަނޑުވުމަށް އަސަރު ކުރާ ފަދައިން، އެ ގަބޫލު ކުރުންތައް އެބަ ޖެހޭ ފިރިހެނުން ވެސް ބަލައި ގަންނަން،" ދިރާސާ ޓީމްގައި ހިމެނޭ ރައްގާޒް ރޮބަޓްވުޑް ޖޯންސަން މެޑިކަލް ސްކޫލްގެ ވިމެންސް ހެލްތި އިންސްޓިޓިއުޓްގެ ޑިރެކްޓަރު ގްލޯރިއާ ބަޗްމަން ވިދާޅުވި އެވެ.

"މާނައަކީ ތިރީސް ފަސް އަހަރުން މައްޗަށް ދިއުމުން ދަރިފަނި އުފެދުމާއި އޭގެ ކޮލިޓީ އަށް އަސަރު ކުރުމާއި އިންފާޓިލިޓީއަކީ ފިރިހެނުންނަށް ކުރިމަތިވާ މައްސަލައެކޭ."

އޭނާ ވިދާޅުވި ގޮތުގައި ފިރިހެނުންގެ އުމުރުން ދުވަސްވާ ވަރަކަށް އެ މީހުންގެ ޓެސްޓަސްޓްރޯން (ޖިންސީ ހޯމޯން) ލެވެލް ދަށްކޮށްލަ އެވެ. އޭގެ ސަބަބުން ދަރިފަނީގެ ކޮލިޓީ ދަށްވެ އެވެ. ނަތީޖާއަކީ ޑީއެންއޭ ވެސް ބަލިކަށިވުމެވެ.