މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ

މާބަނޑުވުމުން އަންހެނުންނަށް ކުރިމަތިވާ ކަންކަމުގެ ތެރޭގައި ބައެއް ކާނާ ކާ ހިތްނުވެފައި، ބައެއް ކަހަލަ އެއްޗެހި ކާން މާ ބޮޑަށް ބޭނުންވުން ހިމެނެ އެވެ. އެގޮތުން ޕޮޓޭޓޯ ޗިޕްސް އަކީ މާ ބަނޑުދުވަސްވަރު ބައެއް އަންހެނުން ވަރަށް ކާހިތްވާ އެއްޗެކެވެ.


ނަމަވެސް ފިޒިއޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން މާބަނޑު ދުވަސްވަރު ޕޮޓޭޓޯ ޗިޕްސް ކެއުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އޭގެ ސަބަބުން މައި މީހާ އާއި ދަރިފުޅުގެ ސިއްހަތަށް ވެސް ނުރައްކާވެދާނެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޕޮޓޭޓޯ ޗިޕްސް އަކީ ވަރަށް ބޮޑަށް ތެލާ ގުޅިފައިވާ ލުއި ކެއުމަކަށްވާތީ، ތެލުން ލިބޭ ގެއްލުންތަކުން ރައްކާތެރިވާން އޮތް އެއް ގޮތަކީ ޕޮޓޭޓޯ ޗިޕްސް ނުކެއުމެވެ. ދިރާސާގައި ބުނާގޮތުން މާބަނޑުއިރު ޗިޕްސް ކާ ނަމަ ދަރިފުޅުގެ ހެދިބޮޑުވުމަށް އަސަރުކުރާނެ އެވެ.

ޗިޕްސް އާއި ތެލާ ގުޅިފައި އޮތް މިންވަރުން މިއީ އޮމެގާ 6 ފެޓީ އެސިޑާއި ލިނޯލީކް އެސިޑް ގިނަ މަތީ މިންވަރަކަށް އެކުލެވިގެން ވާނެ އެވެ. އެހެންވެ މާބަނޑު އިރު ޗިޕްސް ކާ ނަމަ އިންފްލެމޭޝަނާ އެކު، ހިތުގެ މައްސަލަތައް ވެސް ކުރިމަތިވުމުގެ ނުރައްކާ ބޮޑެވެ.

ދިރާސާގައި ބުނީ ލިނޯލީކް އެސިޑް ހަށިގަނޑަށް ދުވާލަކު ބޭނުން ވަނީ 12.6 ގްރާމް ކަމަށާއި އެއަށް ވުރެ އިތުރުވާ ނަމަ އެއީ މައްސަލައެއް ކަމަށެވެ. އެހެންވެ ވަކިން ހާއްސަކޮށް މިކަމަށް މާބަނޑު މީހުން ސަމާލުވާންޖެހޭ ކަމަށާއި ޗިޕްސްއާ ދުރުވުމަކީ ހައްލަކަށް ވާނެ ކަމަށް ބުންޏެވެ.

ދިރާސާގައި ބުނީ ލިނޯލީކް އެސިޑް ގިނައިން އެކުލެވޭ ކާނާތަކުން ބަނޑުގައި އޮންނަ ދަރިފުޅަށް ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ އިތުރަށް އެއީ އަންހެން މީހާގެ ރަހިމަށް ވެސް މައްސަލަތަކެއް ދިމާވެދާނެ ކަމެއް ކަމަށެވެ.