ރެސްޓޯރަންޓްތަކުގެ ކެއުންތައް ކަސްޓަމަރުންނަށް ޑެލިވަރީކޮށްދޭ އިންޑިއާގެ ސްޓާޓަޕް ޒޮމޭޓޯ އިން، އަލަށް ދަރިން ހޯދާ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ ޗުއްޓީއަކާއި އިތުރު އެލަވަންސެއް ދޭން ނިންމައިފި އެވެ.
މިހާރު 13 ގައުމެއްގައި ޒޮމޭޓޯގެ 5،000 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު، ދެ ޖިންސްގެ މުވައްޒަފުންނަށް ވެސް މި އުސޫލު ހިނގާނެ އެވެ. އެގޮތުން ހަ މަސް ދުވަހުގެ ޗުއްޓީއާ އެކު، އަލަށް ދަރިން ލިބޭ މުވަޒަފުންނަށް ބޯނަހެއްގެ ގޮތުގައި 1،000 ޑޮލަރު ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ނަމަވެސް އަލަށް ހަމަޖެއްސި މި އުސޫލު ޒޮމޭޓޯގައި ކޮންޓްރެކްޓް އުސޫލުން ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައްޗަކަށް ނުހިނގާނެ އެވެ. އެ ކުންފުނީގެ ޑްރައިވަރުންގެ ގޮތުގައި 180،000 މުވައްޒަފުން އުޅެ އެވެ. އޭގެ ތެރެއިން ބޮޑު ޕަސަންޓޭޖެއް މަސައްކަތް ކުރަނީ އިންޑިިއާގަ އެވެ.
އެ ކުންފުނީގެ ސީއީއޯ ދީޕިންދަރު ގޯޔަލް ވިދާޅުވީ އަލަށް ދަރިން ހޯދާ މުވައްޒަފުންގެ ގޮތުގައި ކުދިން އެޑޮޓްޕްޓް ކުރާ އަދި ސަރޮގޭޓްކޮށްގެން ދަރިން ހޯދާ މުވައްޒަފުން ވެސް ހިމެނޭނެ ކަމަށެވެ.
"މިކަމަކީ ހަގީގަތުގައި މަސައްކަތުގެ މައިދާނަށް އަންހެނުން ނުކުންނަ މިންވަރު އިތުރު ކުރަން ކުރި ކަމެއް. ވަރަށް ގިނަ ފަހަރު އަންހެނުންނަކީ ދަރިން ލިބުނީމަ ވަޒީފާ ދޫކޮށްލައި، ހަމައެކަނި ގޭގައި ދަރިން ބަލަން އިންނަ މީހަކަށް ވަނީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އަހަރެމެންގެ ކުންފުނިން ދެ ޖިންސް މީހުންނަށް ހަމަހަމަ އުސޫލުތަކެއް ހަމަޖެއްސީމަ ވަޒީފާ އަދާކުރުމުގައި ބެލެންސެއް އަންނާނެ."
ވޯލްޑް ބޭންކްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ވަޒީފާ އަދާ ކުރާ އަންހެނުންގެ ނިސްބަތަކީ އެންމެ 22 ޕަސަންޓެވެ. އަދި މިއީ މި ނިސްބަތް އެންމެ ދަށް ގައުމު ވެސް މެ އެވެ.