ނިއު ދިއްލީ (މާޗް 12) - ވިހައިގެން އުޅޭ މީހުންނަށް މުސާރައާ އެކު ދޭ ޗުއްޓީ ދެ ގުނަ ބޮޑު ކުރަން އިންޑިއާގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

ޕާލަމެންޓުން ފާސްކުރި ބިލުގައިވާ ގޮތުން ވިހައިގެން އުޅޭ މީހުންނަށް މުސާރައާ އެކު ކުރިން ދެމުން ދިޔަ 12 ހަފުތާގެ ބަދަލުގައި ދެން 26 ހަފުތާ ނުވަތަ ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭނެ އެވެ. މި ގާނޫނު ހިނގާނީ 10 މީހުންނަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ ތަންތަނަށެވެ. އަދި 26 ހަފުތާގެ ޗުއްޓީ ލިބޭނީ ފުރަތަމަ ދެ ދަރިންނަށެވެ. އޭގެ ފަހުން ލިބޭ ކުދިންނަށް ދޭނީ 12 ހަފުތާގެ ޗުއްޓީ އެވެ.

މި ބިލް މިދިޔަ އަހަރު ވަނީ ޕާލަމެންޓުގެ މަތީ ގެއިން ފާސްކޮށްފަ އެވެ. އަދި ބިލް ގާނޫނަކަށްވީ މިދިޔަ ހަފުތާގައި ޕާލަމެންޓުގެ ދަށު ގެއިން ފާސްކުރުމުންނެވެ.

ލޭބާ މިނިސްޓަރު ބަންދަރު ދައްތަރެޔާ ވިދާޅުވީ އާ ބިލަކީ އަންހެނުންނަށް ދިން "ހަދިޔާއެއް" ކަމަށެވެ. ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް މިނިސްޓަރު މަނެކާ ގާނދީ ވިދާޅުވީ މި ބިލާ ގުޅިގެން އެތައް ހާސް އަންހެނުންނަށް އެހީތެރިކަން ލިބި ދަރިފުޅު ބެލުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އެކްޓިސްޓުން ބުނީ ގާނޫނަށް ގެނައި މި ބަދަލާ ގުޅިގެން އަންހެނުން ވިހެއުމަށް ފަހު ވެސް ވަޒީފާ އަށް ނުކުތުމަށް ހިތްވަރު ލިބޭނެ ކަމަށެވެ. އިންޑިއާގެ އަމިއްލަ ޖަމާއަތަކުން މިދިޔަ އަހަރު ކުރި ސާވޭ އަކުން ދެއްކި ގޮތުގައި އިންޑިއާގެ އަންހެނުންގެ ތެރޭން ހަތަރު ބައިކުޅަ އެއްބައި މީހުން ވިހެއުމަށް ފަހު ވަޒީފާ ދޫކޮށްލަ އެވެ.

އިންޑިއާ އަކީ ވިހައިގެން އުޅޭ މީހުންނަށް މުސާރައާ އެކު ތިން ވަނަ އަށް އެންމެ ދިގު ޗުއްޓީދޭ ގައުމަށް މިހާރު ވާނެ އެވެ. ވިހައިގެން އުޅޭ މީހުނަނަށް އެންމެ ދިގު ޗުއްޓީ ދޭ ކެނެޑާގައި 50 ހަފުތާގެ ޗުއްޓީ ދެ އެވެ. ދެ ވަނަ އަށް އެންމެ ދިގު ޗުއްޓީ ދޭ ނޯވޭގައި 44 ހަފުތާ ދެ އެވެ.