އިމޯޖީއަކުން ބޮސް އަށް ޖަވާބު ދިނުމުން ވަޒީފާ ގެއްލިއްޖެ

ޗައިނާގެ ކުންފުންޏެއްގެ އަންހެން މުވައްޒަފަކު އޮފީހުގެ ވެރިޔާ އަށް އިމޯޖީއަކުން ޖަވާބު ދިނުމުން ވަޒީފާ ގެއްލިއްޖެ އެވެ.


ސައުތު ޗައިނާ މޯނިން އިން ބުނި ގޮތުގައި ހުނާން ޕްރޮވިންސްގެ ޗަންގްޝާގެ ޕްރައިވެޓް ކުންފުންޏެއްގައި މަސައްކަތްކުރާ އަންހެން މީހާ މިދިޔަ ހަފުތާގައި ވަޒީފާ އިން ވަކިކުރީ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވީޗެޓް ގްރޫޕެއްގައި "އޯކޭ" އިމޯޖީން ޖަވާބު ދިނުމުންނެވެ.

މެނޭޖަރު ގްރޫޕްގައި އެދުނީ މީޓިންއަކަށް ބޭނުންވާ ޑޮކިއުމަންޓްތަކެއް ފޮނުވައި ދިނުމަށެވެ. އެއާއާ އެކު އަންހެން މުވައްޒަފު ޖަވާބުގައި "އަތްތިލައެއް ސިފަވާ" އޯކޭ މެސެޖުން ރިޕްލައި ކުރީ އެވެ. ނަމަވެސް މިކަމާ ރުޅިގަދަވެގެން އެއީ މަސައްކަތުގެ އަހުލާގާ ހިލާފު އަމަލެއް ކަމަށް ބުނެ މެނޭޖަރު ވަނީ މުވައްޒަފަށް އިންޒާރު ދީފަ އެވެ.

އޭނާ ބުނެފައި ވަނީ "ޓެކްސްޓަކުން މެސެޖް ކުރީމާ ޖަވާބު ދޭން ވާނީ ވެސް ޓެކްސްޓަކުންކަން ނޭނގޭ ވަރުގެ މުވައްޒަފަކު ބޭނުން ނުވާ" ކަމަށާއި "ހިއުމަން ރިސޯސް ޑިޕާޓްމަންޓް ގުޅައިގެން ވަޒީފާ އިން ވަކި ކުރުމުގެ ލިޔުމާ ހަވާލު ވާން އެދޭ" ކަމަށެވެ.

ގްރޫޕްގައި ދެކެވުނު މި ވާހަކަތަކުގެ ސްކްރީންޝޮޓެއް ވެސް ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ ވެއިބޯގައި ވައިރަލްވެފަައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު މެނޭޖަރުގެ ނިންމުމަށް ފާޑު ކިޔާފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން އަންހެން މީހާ ބުނީ ވަޒީފާ އަދާކުރާތާ އެތައް އަހަރެއްވެފައިވާ އިރު، މި ވަރުގެ ކަމަކާ ދުވަހަކު ވެސް ކުރިމަތި ނުވާ ކަމަށެވެ. އަދި މެނޭޖަރުގެ އެ ނިންމުމަކީ "ގަމާރު ނިންމުމެއް" ކަމަށް ބުންޏެވެ.

"އަހަންނަކީ ވެސް ހަގީގަތުގައި ތަންކޮޅެއް ރުޅި ގަދަ މީހެއް. އެކަމަކު ރުޅި ކޮންޓްރޯލް ކުރަން އަހަންނަށް އެނގޭ. އެހެންވެ މެނޭޖަރުގެ ނިންމުމާ ދެކޮޅަށް އެއްޗެއް ބުނަން ބޭނުން ނުވީ،" އޭނާ ބުންޏެވެ. "އެކަމަކު އެތައް އަހަރެއް ވަންދެން އަދާ ކުރަމުން ދިޔަ ވަޒީފާ އިން ކޫސަނި ކަމެއްގައި ކަނޑާލުމަކީ އިންސާފެއް ނޫން."