ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ނުގެންދިއުމުން ޓްރީ މޭން ސިންޑްރޯމް (އެޕިޑަމޯޑީސްޕްލާސިއާ ވެރްޝިފޯމިސް) އިން ސަލާމަތް ނުވި ބަންގްލަދޭޝްގެ ޒުވާނާ އޭނާގެ ދެ އަތް ބުރިކޮށްލަދޭން ޑޮކްޓަރުންގެ ގާތު އާދޭސްކުރަން ފަށައިފި އެވެ.
އަބުލް ބަޖަންދަރު، 28، ގެ އަތާއި ފައިގެ އިނގިލިތަކުގައި ހުންނަނީ "ގޮފިތަކެއް" ފަޅާފައި ހުންނަ ގޮތަށެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ އާންމު ދިރިއުޅުން ވެފައި ވަނީ ބޮޑު ވޭނަކަށެވެ. މި ބަލިން ސަލާމަތްވޭތޯ 2016 ގެ ފަހުން މިހާތަނަށް ވަނީ 25 އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. ބަލިން ރަނގަޅުވެދާނެ ކަމުގެ ނިޝާންތަކެއް މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި ފެނިފައި ވަނިކޮށް ބަޖަންދަރު ވަނީ ޑޮކްޓަރުންގެ ބަސް ގަބޫލުނުކޮށް ހޮސްޕިޓަލް ދޫކޮށް ގޮސްފަ އެވެ.
އޭގެ ފަހުން އޭނާގެ ބަލީގެ ހާލަތު އިތުރަށް ގޯސްވެ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލުން އޮންނަން ޖެހިފައި ވަނީ ހޮސްޕިޓަލްގަ އެވެ. އޭނާގެ ފަރުވާގެ ހަރަދުތައް ބަލަހައްޓަނީ ސަރުކާރުންނެވެ.
އުމުރުން 8 އަހަރުގައި ޖެހުނު ބަލިން ސަލާމަތް ނުވެ، ދިރިއުޅުމުގެ އުފާތަކުން ވެސް ބަޖަންދަރު ވަނީ މަހުރޫމުވެފަ އެވެ. އެހެންވެ އެދުމަކީ ވީހާ ވެސް އަވަހަކަށް ދެ އަތް ވެސް ކަނޑައިލަ ދިނުމެވެ.
"އަހަރެން މިއުޅެނީ ވަރަށް ބޮޑު ވޭނެއްގައި. ރޭގަނޑަކު ނުނިދޭ. މުޅި ހަށިގަނޑުން ދުވަހަކު ވެސް ރިހުމެއް ނުފިލާ،" ކައިވެނިކޮށްގެން ދަރިއަކު ވެސް ހުރި ބަޖަންދަރު އޭއެފްޕީ އަށް ބުންޏެވެ. "އަތް ކަނޑާލިމަ ކުޑަމިނުން މި ރިހުމުން އަހަރެން ސަލާމަތް ވެދާނެ ކަންނޭނގޭ."
ދަރިފުޅުގެ މިހާރު ހާލަތުގެ ސަބަބުން ބަޖަންދަރުގެ މަންމަ އަމީނާ ބީބީ ވެސް ބޭނުން ވަނީ ދަރިފުޅުގެ އަތް ކަނޑައިލާށެވެ.
"އެ ނޫން ގޮތެއް މިހާރަކު ނެތް. ދަރިފުޅު އެ އުފުލާ ވޭނާއި ބުރަ ބަލާކަށް ހިތަކަށް ކުޅަދާނައެއް ނޫން،" އޭނާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ބަޖަންދަރަށް ފަރުވާ ދޭ ޑާކާ މެޑިކަލް ހޮސްޕިޓަލްގެ ޗީފް ޕްލާސްޓިކް ސާޖަން ސަމަންތާ ލާލު ސެން ވިދާޅުވީ އަތް ކަނޑައިލަ ދޭން ބަޖަންދަރު އެދުމަކީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ.
"އެކަމަކު އަހަރެމެން ގޮތެއް ނިންމާނީ އޭނާ އަށް އެންމެ ރަނގަޅު ވާނެ ގޮތަކަށް،" ސަމަންތާ ވިދާޅުވި އެވެ. "ދެ އަތް ވެސް ކަނޑާލުންވެގެން ދާނީ އެންމެ ފަހުގެ އޮޕްޝަނަށް. އަހަރެމެން އަދިވެސް އޭނާ ރަނގަޅު ކުރެވޭނެކަމާ ދޭތެރޭ އުންމީދު ކަނޑައެއް ނުލަން."