ޑޭވިޑް ބެކަމްގެ އަނބިމީހާ އަދި ކުރީގެ ސްޕައިސް ގާލް ވިކްޓޯރިއާ ބެކަމް އަކީ މިހާރު ފެޝަން ދާއިރާގެ ފުންނާބު އުސް ޑިޒައިނަރުންގެ ތެރޭގަ ހިމެނޭ ފަންނުވެރިއެކެވެ. ނަމަވެސް މިދިޔަ ހަފުތާގައި ނިޔު ޔޯކްގައި ބޭއްވި ފެޝަން ޝޯގައި ވިކްޓޯރިއާއަށް ގިނަ ފާޑުކިޔުންތަކެއް ރައްދުވި އެވެ.
ޑޭވިޑް ބެކަމް، ބްރުކްލިން ބެކަމް އަދި ވޯގްގެ އެޑިޓާ އެނާ ވިންޓުއާ ޝޯ ބަލަން އެންމެ ކުރީ ސަފުގައި އިށީނދެގެން ތިބި އިރު، ރަންވޭ ގައި ވަރަށް ޒުވާން އަދި ހިކި މޮޑެލުން ވިކްޓޯރިއާގެ ހެދުން ލައިގެން ހިނގި އެވެ.
2010ގައި "ބިއުޓީ އިޒް ހެލްތް" ކެމްޕޭނަށް ސަޕޯޓުކުރާނެކަމަށް ވިކްޓޯރިއާ ވައުދު ވެފައިވެ އެވެ. މި ކެމްޕޭނަކީ މާ ހިކި މޮޑެލުން ފެޝަން ޝޯތަކުގައި ބޭނުން ނުކުރާނެ ކަމަށް ބުނާ ކެމްޕޭނެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ވިކްޓޯރިއާ ބެކަމް ޝޯގައި ވެސް ފެނުނު މޮޑެލުންގެ ހިކިކަމަށް ފާޑު ކިޔުންތައް ރައްދުވި އެވެ. މިއަހަރު ވެސް ވިކްޓޯރިއާގެ އިންސްޓަގްރާމްގައި އޭނާގެ ޑިޒައިންތަކާއި މޮޑެލުންގެ ބެކްސްޓޭޖު ފޮޓޯތައް ހިއްސާކުރުމުން އެ ޕޭޖުގެ ގިނަ ފޮލަވުރުން މޮޑެލްސްގެ ސިއްހަތާއި މެދު ސުވާލުކޮށް ފާޑުކިޔާފައިވެ އެވެ.
"އަހަންނަށް ހަމައެކަނި ފެންނަނީ ކައްޓާއި ހަން. ހެދުމެއް ނޫން،"ކޮމެންޓު ކުރި މީހަކު ބުނެފައިވެ އެވެ.
"މޮޑެލުން ސައިޒް 8 އަށް ވުރެން ބޮޑު ވެއްޖެނަމަ އެމީހުންނަށް މަލާމާތް ކުރާނެ. އެމީހުންނަށް މަޖުބޫރުކޮށްފައި އޮންނަނީ ނުކައި ތިބެން'" އެހެން މީހަކު ބުންޏެވެ.
ނަމަވެސް، ބައެއް މީހުން އެކި ސައިޒުތަކުގެ ދިފާއުގައި ކޮމެންޓު ކުރި އެވެ.
"ތިއީ ހަގީގަތެއް ނޫން. އެމީހުން ތިބި ގޮތް ރަނގަޅު. ހަށިގަނޑު ހިކިކޮށް ހުއްޓަސް އެއީ ބަލި މީހަކަށް ވާކަށް ނުޖެހޭ'" މީހުންނާ ދިމާލަށް ފަލައޭ ނުވަތަ ހިއްކޭ ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފާހަގަކުރާ މީހަކު ބުންޏެވެ.
ވިކްޓޯރިއާ ބެކަމްގެ ޝޯގައި މޮޑެލް ކުރި މޮޑެލުންގެ އިސްކޮޅު އާންމުކޮށް ހުންނަނީ 5 ފޫޓު 11 އިންޗި އެވެ. އަދި އާއްމުކޮށް އެމީހުންގެ ސައިޒަކީ 0 ނުވަތަ އެއަށްވުރެވެސް ކުޑަ އެވެ. ނަމަވެސް، 19 އަހަރުގެ މޮޑެލް އޮންޑްރިއާ، 26 އަހަރުގެ މިކާ އަދި ޖެއްސީ ބްލޫމެންޑާލް ފަދަ މޮޑެލުން އެމީހުންގެ އެކި އެދުވަހަކު ކާނާ އެމީހުންގެ އިންސްޓަގްރާމްގައި ޕޯސްޓު ކުރެ އެވެ. ހެނދުނުގެ ޕާނާއި، ބިސްގަނޑު އަދި މުޒްލީ އާއި ކްރީމް ހިމެނޭ ސިއްހަތަށް ފައިދާ ހުރި ކެއުމަށް އިސްކަން ދޭ ކަމަށް މޮޑެލުންގެ ސޯޝަލް މިޑިއާއިން ހެކި ވެ އެވެ.
އުނަގަނޑުގައި އެންމެ 24 އިންޗި ހުންނަ އައިރިސް ލެންޑްރިއާގެ ހިކި އަނަރޫފަ ހަށިގަނޑަށް މީހުން ފާޑުކިޔާފައިވެ އެވެ. ނަމަވެސް، ސިއްހަތަށް ފައިދާ ހުރި ކެއުން އޭނާ ކައި ކަމަށް އޭނާގެ ސޯޝަލް މިޑިއާ ސައިޓުތަކުން ފެނެ އެވެ. ސެލެޑާއި، ކުކުޅު، ބިސް، އަލަ، މަސް އަޅާއިގެން ތައްޔާރުކޮށްފައިވާ ޑިޝްތައް އޭނާގެ ފޮލަވަރުންނާއި ހިއްސާ ކޮށްފައިވެ އެވެ.
ޝޯއަށް ތައްޔާރުވުމުގެ ގޮތުން، ވިކްޓޯރިއާގެ ކާސްޓިން އޭޖެންޓް މޮޑެލުންގެ ސިއްހަތު ރަނގަޅުތޯ ބަލާ ޗެކުކޮށްފައިވާކަމަށް އޭނާ ބުންޏެވެ.
"އެ މީހުން (މޮޑެލްސް) ޒުވާންވެފައި ހިކި. އެކަމަކު އޭގެ މާނައަކީ އެމީހުން އެތިބީ ބަލި ވެފައެކޭ ނޫން،" ވިކްޓޯރިއާ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.