ސެމްސަންގުގެ ފަތްޖެހި ފޯނު ނެރުން މި މަހު 6 ގައި

ސެމްސަންގުގެ ފަތްޖެހި ފޯނު މި މަހުގެ 6 ވަނަ ދުވަހު ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޓެކް ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނިގޮތުގައި މިހާތަނަށް ކުންފުންޏަކުން ރަސްމީކޮށް ނެރޭ، ފަތްޖެހި ފުރަތަމަ ފޯނު ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދެކުނު ކޮރެއާގެ ސެމްސަންގު ކުންފުނިން މިހާރު އަންނަނީވަމުންނެވެ.

ސެމްސަންގުގެ ފަތްޖެހި ފޯނު "ގެލެކްސީ ފޯލްޑް" އަކީ ކުރިން މިދިޔަ އެޕްރީލް މަހުގެ 26 ގައި ނެރެން އުޅުނު ފޯނެކެވެ. އެކަމަކު ފެބްރުއަރީ މަހުގައި ދައްކައިލި މި ފޯނުގެ ރިވިއުތަކުގައި އޭގެ ޑިސްޕްލޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން، ފޯނު ނެރުން ކުއްލި ގޮތަކަށް މަޑުޖައްސައިލި އެވެ.

މީޑިއާތަކުން ބުނިގޮތުގައި ސެމްސަންގުން ފޯނު ނެރެން މިހާރު ނިންމީ ފަތްޖެހި ފޯނަށް ދިމާވި ހުރިހާ މައްސަލަތަލަކެއް އެއްކޮށް ހައްލުކޮށްފަ އެވެ. މިކަމަށް ވަގުތު ދިނުމުގެ ގޮތުން ސެމްސަންގުން ކުރިން ވަނީ ފޯނުގެ ޕްރި-އޯޑަރަށް ހުޅުވައިލި ފުރުސަތު ވެސް ބަންދުކޮށް، ކުރިން ފައިސާ ދެއްކި މީހުންނަށް ފައިސާ ރިފަންޑް ވެސް ކޮށް ދީފަ އެވެ.

މި މަހުގެ 6 ގައި ގެލެކްސީ ފޯލްޑް ނެރެން ނިންމާފައި މި ވަނީ ސެމްސަންގުން ވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފޯނު ނެރޭނެކަމުގެ އިޝާރާތްތަކެއް ދީފައި ވަނިކޮށެވެ.

ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނީ މިދިޔަ މަހުގެ 7 ގައި ނެރުނު ގެލެކްސީ ނޯޓް 10 އެވެ.

ޗައިނާގެ ވާވޭގެ ފަތްޖެހި ފޯނު "މޭޓް އެކްސް" ވެސް މި މަހުގެ ތެރޭގައި ނެރެން ވަނީ ހަމަޖެހިފަ އެވެ.