އުރަމަތީގެ ކެންސަރުގެ ފަރުވާ އަށް ފަހު އުނދަގޫތައް ސިއްރުކުރާ މީހުން ގިނަ

އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދާ އަންހެނުންނަށް ފަރުވާގެ ފަހުން ޖިންސީ ބަލިކަށިކަމާ ކުރިމަތިވާ ކަމަށާއި އެކަމަކު އެކަން ގިނަ މީހުން ސިއްރުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


އުރަމަތީގެ ކެންސަރަށް ފާއިތުވި 10 އަހަރު ފަރުވާ ހޯދި ހާހަކަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްގެން ބްރެސްޓް ކެންސަ ނައު އާއި ޔޫގަވް ގުޅިގެން ހަދާފައިވާ ދިރާސާގައި ބުނިގޮތުގައި އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދި މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން (46 ޕަސެންޓް) ވަނީ ފަރުވާގެ ފަހުން ޖިންސީ ބަލިކަށިކަން ކުރިމަތިވާ ކަމަށް ބުނެފަ އެވެ.

އެގޮތުން ރަހިމުގައި ރިއްސުމާއި ދުޅަވުމާއި ހިކުމާއި ޝައުގުވެރިކަން ކުޑަވުން ފަދަ މައްސަލަތައް ތަޖުރިބާކުރަން ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި ބުނިގޮތުގައި އުރަމަތީގެ ކެންސަރުގެ ފަރުވާގެ ތެރޭގަ އާއި ފަހުން ޖިންސީ ބަލިކަށިކަން ތަހައްމަލުކުރެވޭކަން ފާހަގަކުރެވުނު ނަމަވެސް އެ ވާހަކަ ޑޮކްޓަރުން ގާތު ގިނަ މީހުން ނުދައްކަ އެވެ.

ދިރާސާގައި ބައިވެރިވި 34 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި ޖިންސީގޮތުން ކުރިމަތިވި ބަލިކަށިކަމުގެ ވާހަކަ އެ މީހުން ޑޮކްޓަރާ ހިއްސާއެއް ނުކުރެ އެވެ. އަދި 54 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި އެ ވާހަކަތައް ހިއްސާކުރަން ނުކެރުނީ ލަދުވެތިކަމާ ހުރެ އެވެ. އަދި 45 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އިތުރު މައްސަލައެއްގެ ވާހަކަ ބުނުންވެގެން، ފަރުވާދޭ ޑޮކްޓަރުގެ ވަގުތު ބޭކާރުވާނެ ކަމަށް ގަބޫލުކުރެވޭތީ އެ ވާހަކަ ހިއްސާނުކުރީ އެވެ.

މީގެ އިތުރުން 40 ޕަސެންޓް މީހުން މީހުންނަށް އެ ވާހަކަ ހިއްސާކުރާނެ މީހަކު ނޭނގުމާއި 48 ޕަސެންޓް މީހުންނަށް ކަމުގެ މުހިއްމުކަން ވަޒަން ކުރެވޭ މިންވަރު ކުޑަވުން ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ. އަދި 29 ޕަސެންޓް މީހުން ވަނީ އެކަމަކީ މާ ބޮޑު މައްސަލައަކަށް ނަހަދާ ކަމަށް ބުނެފަ އެވެ.

ބްރެސްޓް ކެންސާ ނައުގެ ކްލިނިކަލް ނާސް ސްޕެޝަލިސްޓް ރެޗެލް ރޯޒަން ވިދާޅުވިގޮތުގައި ކީމޯތެރަޕީ އާއި ހޯމޯން ޓްރީޓްމަންޓްތަކީ ސައިޑް އިފެކްޓްސް ގިނަ ފަރުވާތަކެކެވެ. އަދި ޖިންސީ ގޮތުން މީހާ ބަލިކަށިކޮށްލީ އޭގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"ފަރުވާތަކުގެ ސަބަބުން އެކި މީހުންނަށް ކުރާ އަސަރުތަކާއި އޭގެ މިންވަރު ވެސް ތަފާތު،" އޭނާ ވިދާޅުވި އެވެ. "ފަރުވާ އަށް ފަހު މީހާ ޖިންސީގޮތުން ދުޅަހެޔޮވާން ވަގުތު ވެސް ނަގާނެ. އެހެންވީމާ އެކަމަށް ރިއާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް. ޖިންސީ ގޮތުން މީހާ ވަރުގަދަ ވާނީ ޖިސްމާނީ ގޮތުން ވެސް ވަރުގަދަވެގެން."