އީޒީޖެޓް ކާބަން ނިއުޓްރަލްވެއްޖެ

ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، ކާބަން ނިއުޓްރަލްވެފައިވާ ކަމަށް، ޔޫރަޕް އެންމެ ބޮޑު އެއް އެއާލައިން އީޒީޖެޓުން އަންގާރަ ދުވަހު އިއުލާންކޮށްފި އެވެ


އިނގިރޭސިވިލާތުގެ ބަޖެޓް އެއާލައިނުން ބުނީ އެ އެއާލައިންގެ ފްލީޓްގައި އެކުލެވޭ 333 ބޯޓުގައި އަންގާރަ ދުވަހުން ކާބަން ނިއުޓްރަލްވެފައިވާ އިރު، ކުރިއަށް އޮތް ތަނުގައި އަމާޒަކީ ދުނިޔޭގެ ފުރަތަމަ ޒީރޯ ކާބަން އެއާލައިނަށްވުން ކަމަށެވެ.

އީޒީޖެޓިން ބުނީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިކަމަށް 25 މިލިއަން ޕައުންޑް (32.4 މިލިއަން ޑޮލަރު) އިންވެސްޓްކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

"އަހަރެމެން މިހާރުން މިހާރަށް މަސައްކަތް ފަށައިގެން ނޫނީ ތިމާވެށީގެ މައްސަލަތަކަށް ކުރާ މަސައްކަތުން ނަތީޖާއެއް ނުފެންނާނެ. އެހެންވެ އީޒީޖެޓްގެ މި ނިންމުމަކީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރާ މަސައްކަތެއް. އަދި އެގޮތުގައި މި އެއާލައިން ދެމިއޮންނާނެ،" އީޒީޖެޓްގެ ސީއީއޯ ޖޮހާން ލަންޑްރެން ވިދާޅުވި އެވެ. "މިއީ ދިގު މުއްދަތަކަށް ކުރާ މަސައްކަތެއް. ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީގެ ތެރެއިން ވެސް އެއާލައިން އޮޕަރޭޓްކުރުމުގައި ވެސް ތިމާވެއްޓާ ރައްޓެހި އިތުރު ގޮތްތައް އީޒީޖެޓުން ތައާރަފުކުރާނެ."

ޖޮހާން ވިދާޅުވި ގޮތުގައި ވައިގެދަތުރުފަތުރުގެ ހިދުމަތް މުސްތަގުބަލަށް ބައްޓަންކުރާ އިރު، އިލެކްޓްރިކް މަތިންދާބޯޓްތަކަކީ އެންމެ ހެޔޮ ބަދަލަށް ވާނެ ކަމަށެވެ. އަދި އެކި ކުންފުނިތަކުން އެ ލަނޑުދަނޑި އަށް ކުރާ މަސައްކަތަށް އީޒީޖެޓުން އަބަދު ވެސް ތަރުހީބުދޭނެ ކަމަށް ވިދާޅުވި އެވެ.

"ވައިގެދަތުރުފަތުރުގެ ހިދުމަތަށް ހެޔޮ ބަދަލުތައް ގެންނަން ކުރާ ކޮންމެ މަސައްކަތަކަށް އަހަރެމެންގެ އެއްބާރުލުމާއި ތަރުހީބު އޮންނާނެ،" ޖޮހާން ވިދާޅުވި އެވެ.

އީޒީޖެޓަކީ ޔޫރަޕްގެ އެއާލައިންތަކުގެ ތެރެއިން ކާބަން މަދުކުރި ފަސް ވަނަ އެއާލައިނެވެ. މި އެއާލައިނަކީ 1995 ގައި ވުޖޫދަށް އައި އެއާލައިނެކެވެ.

އީޒީޖެޓަކީ މިހާރު 30 އަށް ވުރެ ގިނަ ގައުމުތަކުގެ 150 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުކުރާ އެއާލައިނެކެވެ.