ބާރު ޖީންސެއްގެ ސަބަބުން މަރު ނުވީ ކިރިޔާ

ގަޔަށް ބާރު އަންނައުނު ލުން މިހާރު ވަރަށް އާންމެވެ. އެކަމަކު މިއީ ސިއްހީ ގޮތުން އެހާ ރައްކާތެރި ކަމެއް ނޫނެވެ. އަދި މިއީ ގިނަ ބަޔަކު އެހާ ބޮޑަށް ވިސްނާ ކަމެއް ވެސް ނޫނެވެ. އިންޑިއާގެ ޒުވާން ފިރިހެނަކަށް މިކަމުގެ ނުރައްކާ ތަޖުރިބާކުރަން ޖެހި އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.


ދިއްލީގެ ޕިތަމްޕޫރާ އަށް ނިސްބަތްވާ 30 އަހަރުގެ ވިޔަފާވެރިޔާ ސޯރަބް ޝަރުމާ ބުނިގޮތުގައި އޭނާ އަށް އާދަޔާހިލާފު ގޮތްތަކެއް ދިމާވީ ގަޔަށް ވަރަށް ބާރު ޖީންސެއް ލައިގެން ކުރި ދިގު ކާރު ދަތުރަކަށް ފަހު އެވެ. މި ދަތުރަށް 8 ގަޑިއިރު ނެގިއިރު ބާރު ޖީންސްގެ ސަބަބުން ސޯރަބަށް ދިމާވި މައްސަލަ އަކީ ޕަލްމޮނަރީ އެމްބޮލިޒިމް ކަމަށް ފަރުވާ ދިން ޑޮކްޓަރު ބުންޏެވެ.

ސޯރަބް ކިޔައިދިން ގޮތުގައި ކާރު ތެރޭގައި ގުޑައިނުލެވި ގިނަ އިރުތަކެއް ހޭދަކުރަން ޖެހުމުން ފައިގެ އެކި ތަންތަނުގައި ރިއްސައި ދުޅަވާ ގޮތް ދިމާވި އެވެ. އެކަމަކު އެކަން މާ ބޮޑު ކަމަކަށް ނަހަދައި ހުއްޓައި، އޭގެ ދެ ދުވަސް ފަހުން ނޭވާ ކުރުވެ، އާދަޔާހިލާފަށް ދާހިއްލައި އޭނާ ހޭނެތިގެން ވެއްޓުނީ އެވެ.

ސޯރަބް ޝަރުމާ.

އޮފީހުގެ ސިޑި މައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ އެކުގައި މަސައްކަތްކުރާ ބަޔަކަށެވެ. އަދި ހޭ އެރިތާ ފަސް ވަރަކަށް މިނިޓް ތެރޭގައި އަނެއްކާ ވެސް ސޯރަބްގެ ނޭވާކުރުވެގެން ހޭނެތުނީ އެވެ. ދެން ދާން އޭނާ ގެންދަން ޖެހުނީ އިމަޖެންސީގައި ހޮސްޕިޓަލަށެވެ.

ޑޮކްޓަރުން ބުނީ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދަށްވެ، ސޯރަބްގެ ވިންދު ގޯސްވެފައިވާ ކަމަށެވެ. އެހެންވެ ސީޕީއާރް ވެސް ދޭން ޖެހުނެވެ.

އޭނާ އަށް ފަރުވާދިން ޝާލިމާރް ބާގްގެ މެކްސް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލްގެ ޑިރެކްޓަރު އަދި ކާޑިއޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޑރ. ނަވީން ބަމްރީން ވިދާޅުވީ ސޯރަބްގެ ހާލަތު ގޯސްވީ މާ ބާރު ޖީންސެއް ލައިގެން ގިނައިރުތަކެއް ވަންދެން އުޅުމުން ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވާން މެދުވެރިވީ ކާރުތެރޭގައި އިށީނދެގެން ފައިގެ ހަރަކާތްތެއް ނެތި އިންނަން ޖެހުމުން ކަމަށް ވިދާޅުވި އެވެ.

"ލޭ ދައުރުވުމަށް މިކަމުގެ ސަބަބުން ހުރަސް އެޅި، އޭނާގެ ފައިގައި ލޭގަނޑުވާން މެދުވެރިވެ، ފުއްޕާމެ އަށް އަސަރުކޮށް ނޭވާލާން އުނދަގޫވީ،" އޭނާ ވިދާޅުވި އެވެ. "އެއަށް އަހަރެމެން މި ކިޔަމީ ޕަލްމޮނަރީ އެމްބޮލިޒަމްއޭ. މިއީ ހަހީގަތުގައި ބާރު އެއްޗެހި ލާ މީހުންނަށް އާންމުކޮށް ދިމާވެދާނެ މައްސަލައެއް."

މާ ބާރު ޖީންސެއްލައިގެން ސޯރަބަށް ދިމާވި ސިއްހީ މައްސަލައިން އޭނާ ސަލާމަތްކުރެވުނީ 24 ގަޑިއިރު ދިން ޑައިލެސިސް ތެރަޕީންނެވެ.

އިންޑިއާގެ އެއިމްސް ހޮސްޕިޓަލްގެ ކާޑިއޮލޮޖީ ހެޑް ޑރ. ވީކޭ ބާލް ވަނީ މާ ބާރު އަންނައުނު ނުލާން އިރުޝާދު ދީފަ އެވެ.

"ބާރު އެއްޗެހި ލައިގެން ގިނަ އިރު އިށީނދެގެން އިންނަން ޖެހުމަކީ ނުރައްކާ އިތުރަށް ބޮޑުވާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.