އެކުގައި ގްރެޖުއޭޓުވި އެމެރިކާގެ ދެމަފިރިއަކަށް ސަމާލުކަން

އެމެރިކާގެ ދެމަފިރިއަކު އެކީގައި ކިޔަވައިގެން ބެޗްލާޒް ޑިގްރީ ހާސިލްކޮށް ގްރެޖްއޭޓްވުމުން އެ މީހުންގެ ދަރިއަކު އެ ވާހަކަ އުފަލުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.


މިސިސިޕީގައި ދިރިއުޅޭ އާއިލާގެ މި ވާހަކަ އެންމެ ހަގު ފިރިހެން ދަރިފުޅު ރަޔަން، 21، ޓްވިޓާގައި މައިންބަފައިންގެ ގްރެޖްއޭޝަން ހެދުމުގައި ނަގާފައިވާ ފޮޓޯއަކާ އެކު ހިއްސާކުރުމުން ގިނަ ބަޔަކު އެ އާއިލާ ސިފަކުރީ ނަމޫނާއެއްގެ ގޮތުގަ އެވެެ. އަދި ކިޔަވަން ވަކި އުމުރެއް ނޯންނަކަން މިކަމުން ވެސް ދޭހަކޮށްދޭ ކަމަށާއި މައިންބަފައިން ގްރެޖްއޭޓްވުމުގެ އުފާ ދަރިއަކު ހިއްސާ ކުރުމަކީ އާދަޔާހިލާފު އިހުސާސެއް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

"އަހަރެން މި ވާހަކަ ޓްވިޓާގައި ހިއްސާކުރީ ދެ ހިޔާލެއްގައި ހުރެ. ސަބަބަކީ މީހުން މިކަމަށް ރިއެކްޓްކުރާނެ ގޮތެއް ނޭނގޭތީ، ރަޔަން ބުންޏެވެ. "އެކަމަކު ހީކުރި ވަރަށް ޕޮޒިޓިވްކޮށް މިކަން ގިނަ ބަޔަކު ނެގީ. އެކަމާ ވަރަށް އުފާވި."

އަލްކޯން ސްޓޭޓް ޔުނިވަސިޓީގައި ހެދި ހަތަރު އަހަރުގެ ކޯސް ފުރިހަމަކޮށް، މައިންބަފައިން ގްރެޖްއޭޓްވީ ރަޔަންގެ ޑިގްރީގެ އެއް ސެމިސްޓާ ކުރިންނެވެ.

ކާލް ޖޯންސަން ކިޔެވީ ސޯޝަލް ވޯކަރެއްގެ ދާއިރާ އިންނެވެ. އަންހެނުން ބެޗްލާޒް ޑިގްރީ ހާސިލްކުރީ ސްޕެޝަލް އެޑިއުކޭޝަނުންނެވެ.

ހަތް ކުދިންގެ ތިބި ކާލް، 51، ބުނި ގޮތުގައި އޭނާ ކައިވެނިކުރީ ސްކޫލް ނިންމިތަނާ މާ ގިނަ ދުވަހެއް ނުވެ، މީގެ 33 އަހަރު ކުރިންނެވެ. ކައިވެންޏަށް ފަހު ކިޔަވަން ވަގުތު ހުސްކުރާނެ މާ ރަނގަޅު ދަނޑިވަޅުތަކެއް ނުލިބުނަސް ދެމަފިރިން އެކީގައި 2015 ގައި ކޮޕިއާ-ލިންކަން ކޮމިއުމިޓީ ކޮލެޖްގައި ވެސް ކިޔަވައި ގްރެޖްއޭޓްވި އެވެ. އެކަމަކު އެ ހިސާބުން ހުއްޓައިލާކަށް ދެމަފިރިން ބޭނުމެއް ނުވި އެވެ. އެހެންވެ ފަހުން ޑިގްރީ އަށް ޔުނިވަސިޓީގައި ކިޔަވަން ފެށީ އެވެ.

ޔުނިވަސިޓީން ގްރެޖްއޭޓްވާން ދެމަފިރިން ސީރިއަސްކޮށް ނިންމީ ދޮށީ އަންހެން ދަރިފުޅު މީގެ ފަސް އަހަރު ކުރިން ކޮލެޖުން ގްރެޖްއޭޓްވި ހިސާބުންނެވެ.

"އެ ހިސާބުން އަހަރެމެން ނިންމައިފިން އަލުން ކިޔަވަން، ފަހަރަކު ކުއްޖަކު ގްރޭޖްއޭޓްވަމުން ދިއުމާ ގުޅިގެން ހިތަށް އެރީ އެންމެ ހަގު ދަރިފުޅުގެ ކުރިން އަހަރެމެން ގްރެޖްއޭޓްވާނީއޭ،" ކާލްގެ އަންހެނުން ބުންޏެވެ. "އެކަން ހާސިލުކުރެވުނީމަ ވަރަށް އުފާވެއްޖެ. އަދި މިކަން ކުރެވުނީ ހުރިހާ ދަރިންގެ އެހީތެރިކަމާ އެކު."

މުވާސަލާތީ ހިދުމަތްދޭ ކުންފުންޏެއްގެ އެކައުންޓިން ޑިޕާޓްމަންޓެއްގައި ވަޒީފާއަދާކުރަމުން ދިޔަ ކާލްގެ އަންހެނުން ބުނިގޮތުގައި ދަރިންގެ ޒިންމާތައް ނަގައި، އާއިލާގެ ހުރިހާ ހަރަދުތައް ބަލަހައްޓަމުން ދެމަފިރިން އެކީގައި އަލުން ކިޔަވަން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. އެކަމަކު އެ މީހުންގެ އެންމެ ބޮޑު މަގުސަދަކަށް ވީ ކިޔަވައިގެން ތިބި މައިންބަފައިންނަށްވުމެވެ.

"ވަޒީފާ އަދާކުރަމުން ދަރިންގެ ކަންތައްތައް ބަލަމުން ކިޔެވުމަކީ ހަގީގަތުގައި ވަރަށް ކެތްތެރިވެގެން ކުރެވޭނެ ކަމެއް. އެކަމަކު ހުވަފެނެއް ހާސިލުކުރަން ބޭނުން ނަމަ އެކަަމަކަށް އެއްވެސް ހުރަހެއް ނޯންނާނެ. މި ދަތުރުން އަހަންނަށް އެންމެ ބޮޑަށް ދަސްވި އެއްޗަކީ އެއީ،" އޭނާ ބުންޏެވެ. "ސްޕެޝަލް އެޑިއުކޭޝަން ޓީޗަރަކަށްވުމަކީ އަބަދު ވެސް އަހަރެންގެ ހުވަފެނެއް. އަދި މާސްޓާޒް ޑިގްރީ ހާސިލުރުމުގެ ޝައުގުވެރިކަން ވެސް އެބައޮތް."

ދެމަފިރިން ދޭން އޮތް ނަސޭހަތަކީ ހުވަފެނެއްގައި ކުލަޖައްސަން ބޭނުންވާ ނަމަ ފަހަތު ފަޔަށް ބުރަނުވާށޭ އެވެ. ކައިވެންޏެއްކޮށް ދަރިން ހޯދިޔަސް، އެއީ ކެރިއަރެއް ބިނާކުރަން ދެކޭ ހުވަފެނުގައި ސިއްކަ ޖަހަންވީ ސަބަބެއް ނޫންކަމެވެ.

ރަޔަން ބުނިގޮތުގައި އޭނާގެ ބެޗްލާޒް ޑިގްރީ އަށް ފަހު، މިހާރު އުންމީދަކީ އަންނަ އަހަރު ގާނޫނީ ދާއިރާ އިން އިތުރަށް ކިޔެވުމެވެ. އަދި މިކަމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ މައިންބަފައިން ކިޔަވަން ދެއްކި ނަމޫނާ ކަމަށް ބުންޏެވެ.

"އެކަމާ އަހަރެން ވަރަށް ފަހުރުވެރިވަން. އަދި މިއީ ކުރިއަށް ދާން ލިބުނު އިތުރު ހިތްވަރެއް." ރަޔަން ބުންޏެވެ.