ސެމްސަންގުގެ ފަތްޖެހޭ އާ ފޯނަކީ "ގެލެކްސީ ބްލޫމް"

މިދިޔަ އަހަރު ސެމްސަންގުން ނެރުނު ފަތްޖެހި ފޯނަކީ މާ ކާމިޔާބު އަދި ކަސްޓަމަރުންގެ އިތުބާރު އެހާ ބޮޑަށް ލިބުނު އުފެއްދުމަކަށް ނުވިޔަސް، އެ ޒާތުގެ ފޯނު ފުރަތަމަ ނެރުނު ކުންފުނީގެ ޝަރަފު ސެމްސަންގުން ވަނީ ހޯދައިފަ އެވެ.


ދެކުނު ކޮރެއާގެ ކުންފުނިން މިހާރު އަމާޒު ހިފާފައި އޮތީ ފޯލްޑް 2 ނުވަތަ ފަތްޖެހޭ ފޯނުގެ ދެވަނަ މޮޑެލެއް ނެރޭށެވެ. މިކަމުގެ އިޝާރާތްތަކާއި ކުލަވަރުތަކެއް ހުކުރު ދުވަހު އެމެރިކާގެ ލަސް ވެގަސްގައި ނިންމައިލި މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ސެމްސަންގުން ވަނީ ސިއްރުވެރި ގޮތަކަށް ދީފަ އެވެ.

އެގޮތުން ފަތްޖެހޭ ފޯނުގެ އާ މޮޑެލެއް ވިޔަފާރީގެ ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް ކޮރެއާގެ ބައެއް މީޑިއާތަކުން ބުންޏެވެ. މައިގަނޑު ފީޗާތައް އަދި ސިއްރެއްގެ ގޮތުގައި އޮތް އާ މޮޑެލްގެ ނަމަކީ "ގެލެކްސީ ބްލޫމް" ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި "ގެލެކްސީ ބްލޫމް" އަކީ އަންހެން ކަސްޓަމަރުންނަށް ހާއްސަ އުފެއްދުމަށް ވާނެ އެވެ. އެގޮތުން މިއީ އަންހެނުން ގެންގުޅޭ މޭކަޕް ސާމާނުގެ ފާޑުވެރިކަން ގެނެސްދޭނެ އުފެއްދުމެއް ކަމަށްވެ އެވެ. އަދި އަންނަ އެޕްރީލް މަހުހެ މި މޮޑެލް ރަސްމީކޮށް ދައްކައިލުމުގެ ފުރުސަތު ވެސް ބޮޑެވެ. ތިން ކުލައެއް އުޅޭނެ އެވެ. އެއީ ހުދާއި ކަޅާއި ދަނބެވެ.

ޚަބަރުތައް ބުނާގޮތުން "ގެލެކްސީ ބްލޫމް" އަކީ ކުރިން ނެރުނު ފަތްޖެހި ފޯނަށް ވުރެ ސައިޒްގެ ގޮތުން ތަންކޮޅެއް ކުޑަ އެއްޗަކަށް ވާނެ އެވެ. އެކަމަކު މިއާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައަކަށް ސެމްސަގުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބެލެވޭ ގޮތުން މި އަހަރަކީ ކުރިން ސެމްސަންގުން ގެލެކްސީ 11 ނަމުގައި ނެރެން ނިންމާފައިވާ މޮޑެލް ގެލެކްސީ 20 ގެ ނަމުގައި ނެރޭނެ އަހަރެކެވެ. މިދިޔަ އަހަރު ވަނީ ގެލެކްސީ 10 ބާޒާރަށް ނެރެފަ އެވެ.